މަސްވެރިކަމާއި ގުޅޭ

ކަށިވާލި - ފޮޓޯ: ރީފްލައިފް ސާވޭ

ކަށިވާލި، ހޮނޑެލި ފަހާ ވައްލި، އެކަ ވާލި

މިއީ އެހެނިހެން ގިނަވާލީގެ ބާވަތްތަކަށްވުރެ ދިގުކޮށް ހުންނަ މަހެކެވެ.

ދިވެހިމަސްވެރިން ފައްތައިގެން ކުރާ މަސްވެރިކަމުގައި ފަރުފަތުގެ ބޭރުން މަދުމަދުން ބާނާއުޅޭ މަހެކެވެ. އެހެނިހެން ގިނަ މަސްމަހެކޭ އެއްފަދައިން ކަށިވާއްޔަށްވެސް ރާއްޖޭގައި ތަފާތު ނަން ކިއިފައިހުރެއެވެ. އޭގެ ތެރޭގައި "ހޮޑެލިފަހާވާލި" އަދި "އެކަވާލި" ހިމެނެއެވެ. ކަށިވާލީގެ ނަމުން މިމަހަށް ނަންދެވިފައިވާކަމަށް ފެންނަނީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި އެއްވަރަކަށް ހުންނަ ކަށިތަކެއް ހުރުމުގެ ސަބަބުންކަމަށް ވިސްނެއެވެ. މަހުގެ ކަރުގަޑުގެ ފުރަތަމަބުރުގައި 21 އާއި 27 އާދެމެދުގެ ޢަދަދަކަށް ކަރިހުރެއެވެ.

މި ޢާއިލާގެ ގިނަމަސްމަހާއި ޚިލާފަށް ކަށިވާލީގެ އަރިމަތީގައި އެއްވެސް ކަހަލަ ކުރަލަފެއް ނުހުރެއެވެ. މަހުގެ ކުލައަކީ ރިހި އަޅިކުލައެވެ. މަހުގެ އަރިމަތީގައި ދެބަރިއަކަށް ހުންނަ ކަޅުކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިއިން ކޮންމެ ބަރިއެއްގައި 8 އާއި 2 އާދެމެދުގެ ޢަދަދަކަށް ލައްހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ނުވަތަ 1 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 19 އާއި 21 އާ ދެމެދުގެ ޢަދަދަކަށް، މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Doublespotted queenfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!