މަސްވެރިކަމާއި ގުޅޭ

viber_image_2021-11-08_10-20-55-528

މިޔަރަށް ދައްކަންޖެހޭ ޓެކްސް ނުވަތަ ޝާރކް ޑިޕްރިޑޭޝަން، އިލްމީ ދިރާސާތަކުން ޑިޕްރިޑޭޝަންއާއި ގުޅޭގޮތުން ހާމަކުރެވިފައިވާ ބައެއް ވާހަކަތައް

މަސްބާނަމުން ދާއިރު މިޔަރު ހަމަލާދީ މަސްކޮޅު ކާލާ ވާހަކައަކީ މީގެ އަހަރުތަކެއް ކުރިންފެށިގެން ދިވެހިންގެ ތެރޭގައި ހާއްސަކޮށް މަސްވެރިންގެ މެދުގައި އާންމުވެ ދައްކަމުންދާ ވާހަކައެކެވެ.

އެކަމާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކާއި ހަބަރު ގެނެސްދޭ ވެބްސައިޓްތަކުން ފެނުންވަނީ އާންމު ވެފައިއެވެ. ބައެއް ސިޔާސީ ފާރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މީހުންނަށް ހަމަލަދޭ މިޔަރުގެ ވައްތަރުތައް ވަދެ މަސްކޮޅު ކާލާ ވާހަކައާއި މިޔަރު މަސްވެރިކަން ހުޅުވާލަންޖެހޭ ވާހަކަ ގަދައަޅައި ދައްކާތާ ދުވަސްވަރެއް ވެއްޖެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރު ކަމާގުޅޭ އިދާރާތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު މިޔަރު ދިވެހި ކަނޑުތަކުގައި އާދަޔާ ހިލާފަށް ގިނަވާކަމަށް ނުދައްކައެވެ.  ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ފުޅާދާއިރާއެއްގައި މިއަރު މަސްވެރިކަން ކުރުމަށްފަހު އެމަސްވެރިކަން އެއްކޮށް ބަންދުކުރުމުން އަހަރުތަކެއް ފަހުން މިއަރުގެ އާބާދީ އިތުރުވެ ޑީޕްރިޑޭޝަން ރިޕޯރޓް އިތުރުވުމާއި ގުޅިފައިވާ ކަމަށް ބެލެވިފައިވެއެވެ.  ނަމަވެސް ޑިޕްރިޑޭޝަންއަށް ހާއްސަކޮށް އެކަމާގު ގުޅިގެން ރާއްޖޭގައި ދިރާސާއެއްކޮށް އަދި އާންމު ކުރެވިފައިނުވާތީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮށްފައިވާ ދިރާސާތަކަށް ބަލައިލުމަކީ މުހިންމުކަމެއް ކަމުގައި ބެލެވެއެވެ.

މިކަމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން އުފެދޭ ސުވާލުތައް ގިނައެވެ. މިކަމަކީ ދިވެހިރާއްޖެއިން އެކަނި ފާހަގަވާކަމެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ހާއްސަކޮށް މަދުވެ ނެތިގެން ދާ މިޔަރުގެ އާބާދީ ހިމާޔަތްކޮށްފައިވާ ނުވަތަ ޝާރކް ސެންކުޗުއަރީ ގޮތުގައި އަމިއްލައަށް ކަނޑައަޅާފައިވާ ގައުމުތަކުގައި މިކަމަކީ އާންމުކަމެވެ. މިލިއުމުގައި އަލިއަޅުވާލެވޭތޯ ބަލާފައިވާނީ ޑިޕްރިޑޭޝަންއާއި ގުޅޭ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ މުހިންމު ދިރާސާތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކެވެ.

ޑިޕްރިޑޭޝަންގެ މާނައަކީ ބުޅީގައި ގަނެފައިވާ މަސް ބާނައި އޮޑިއަށް ނެގުމުގެ ކުރިން، ކަނޑުގައި ޝިކާރަކޮށްއުޅޭ އެހެން ބާވަތެއް އައިސް އެއްކޮށް ނުވަތަ މަހުގެ ބައެއް ކާލުމެވެ. ޑިޕްރިޑޭޝަން އަކީ މަސްވެރިކަމުން ނަފާހޯދުމާއި އަދި ނަސްލު ނެތިދިއުމުގެ ބިރު ހީވެފައިވާ މުހިންމު ދިރުންތަކުގެ ތެރޭގައި ހިމެނޭ މިޔަރު އަދި އެނޫންވެސް ބާވަތްތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުމެކެވެ. އަދި މިއީ އަޅާނުލާ ތިބުމުގެ ބަދަލުގައި މިކަމާއި އެއްކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރަންވެސް ޖެހޭ ކަމެކެވެ.

ޑިޕްރިޑޭޝަންއާއި ގުޅޭގޮތުން 2020ވަނަ އަހަރު ޕްބަލިޝްކޮށްފައިވާ ރިވިއު ކަރުދާހެއްގައި  1979އާއި 2019 ވަނަ އަހަރާއި ދެމެދު 214 މަސްވެރިކަމެއްގެ ތެރެއިން 44 ގައުމަކުން ފާހަގަކުރެވިފައިވާ ކަންކަން ހާމަކޮށްފައިއެވެ. މިގޮތުން ޑިޕްރިޑޭޓް ކުރާ 68 ބާވަތް ފާހަގަކުރެވިފައިވާއިރު މީގެތެރެއިން 27 ބާވަތަކީ މިޔަރުގެ ބާވަތްތަކެވެ. ޑިޕްރިޑޭޝަން (ކަނޑު މަސްވެރިކަމުގައި) މައްސަލައަކަށްވެ ހައްލުހޯދަންޖެހޭ ކަމަކަށް ވެގެންގޮސްފައިވަނީ މަހުގެ އާބާދީއާއި ނުބައްދަލު މަސްވެރިކަން (އޯވާފިޝިން)ގެ ސަބަބުންނާއި، ކަނޑުން ނަގާ ކާނާއަށް އޮންނަ ޑިމާންޑް ބޮޑުވެ އަދި ޑީޕްރިޑޭޓްކުރާ ދިރުންތަށް ހިމާޔަތްކުރުމުގެ މުހިންމުކަން ބޮޑުވަމުންދިއުން ހިމެނެއެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިއީ އާންމުވަމުންދާ ޖުމްލަ ހައްލެއް ހޯދިފައިވާ ކަމެއްނޫންކަމެވެ.

މިލިއުމުގެ މައިގަނޑު ބިނާކުރާ އެއް ދިރާސާކަރުދާހުގައި ޑީޕްރިޑޭޝަންއާއި ގުޅޭ ޖުމްލަ 324 ދިރާސާއަށް ބަލާފައި ވެއެވެ. މީގެ ތެރޭގައި ހިމެނޭ 247 ދިރާސާއަކީ ޕިއަރ-ރިވިއުޑް ޖާނަލްތަކުގައި ޕަބްލިޝްކޮށްފައިވާ ކަރުދާސްތަކެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ޑިޕްރިޑޭޝަން މައްސަލަ ބޮޑުވެފައިވާ މަސްވެރިކަމުގެ ތަފާތުވައްތަރު އެކުލެވެއެވެ. އަތުނަނާއި އަދި ނަނާއި ބުޅި ހިމެނޭ މަސްވެރިކަމުގެ 50% އިންސައްތަ މަސްވެރިކަމުން މިޔަރުގެ ޑިޕްރިޑޭޝަން ހިމެނޭކަމަށް ހޯދިފައިވެއެވެ. މިގޮތުން ބާނާ މަސް އެއްކޮށް ނުވަތަ މަހުގެ ބޮޑުބައެއް މިޔަރު ކާލާކަމަށް 21 ދިރާސާކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. ބައިކެޗްގެ ގޮތުގައި ބުޅީގައި ގަނެފައިވާ މަހުގައި ހިފާ މިޔަރުގެ ބާވަތްތައް ބާނާ ކަމަށް 46% މަސްވެރިކަމުގައި ފާހަގަކޮށްފައި ވެއެވެ. އަދި ބާނާ މަސް ކެއުމުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުގައި ޑީޕްރިޑޭޑް ކުރާ ބާވަތް ބާނާ އަދި ގަސްތުގައި މަރާލާކަމަށް 25% މަސްވެރިކަމުގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުން (ބުޅިކަންވާރު ކެނޑި ގެއްލުމުގެ ސަބަބުން ހިގާ ހަރަދު، ގެއްލޭ ވަގުތު) ދެނެގަތުމުގައި މުޅިދިނެޔޭގަވެސް އެކަށީގެންވާ ދިރާސާ މަދުކަމަށް ފާހަގަކުރެވެއެވެ.

ޑިޕްރިޑޭޝާންއިން ލިބޭގެއްލުން ކުޑަކުރުމަށް ދުނިޔޭގައި ކުރެވިފައިވާ މަސައްކަތައް

ޓެކްނޮލޮޖީއާއި އަދި މަސްވެރިކަމުގެ އުޅުމާއި ވައްޓަފާޅިއަށް ބަދަލުގެނެސްގެން ބާނާމަސްކޮޅު ސަލާމަތްކުރުމަށް ތަފާތު އެކި އެކި ކަންކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވިފައިވެއެވެ. އެގޮތުން ބުޅީގައި ގަނެފައި އޮންނަ މަސް ސަލާމަތްކުރުމަށް އެ މަހުގައި ހިފާ މިޔަރު ނުވަތަ އެހެންވެސް ދިރުމަކަށް ބޮޑު ހާނިއްކައެއް ނުވަތަ ގެއްލުމެއް ނުދީ ފައްސާލުމަށް 21 މަސްވެރިކަމެއްގައި މަސައްކަތްކޮށްފައި ވެއެވެ. މިގޮތަށް ފައްސާލުމުގައި ތަފާތު އެކި އާލާތްތައް ބޭނުންކޮށްފައިވެއެވެ. އޭގެތެރޭގައި އެކުއެސްޓިކް އެލާމްސް، ޕިންގާރސް ފަދަ ތޫލި އަޑުފޮނުވައިދޭ ވަސީލަތްތައް (130 ޑެސިބަލްސް އާއި 200 ޑެސިބަލްސް) ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން ބާނާމަސް ޝިކާރަކުރާ ދިރުމުގައި ޖަހާ ފޮނުވާލުމާއި، ކެމިކަލްގެ ބާވަތް ބޭނުންކޮށްގެން ރޭރުކޮށްލުމާއި، ގަދަ އަލި ފޮނުވައިގެން ދުރުކޮށްލުމާއި، އެކޯލޮކޭޓްކުރުމަށް ހުރަސްއެޅުމާއި، ކަރަންޓް ފޮނުވައިގެން ފައްސާލުމާއި އަދި އިލެކްޓޯމެގްނެޓިކް އާލާތްތައް ބޭނުންކޮށްގެން ފައްސާލުންވެސް ހިމެނެއެވެ.

މަސްވެރިންގެ އަމިއްލަ އުޅުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި މިއަރު އެންމެ ގިނައިން ބާނާ މަހުގައި ހިފާވަގުތުތަކުގައި މަސްވެރިކަން ކުރުން މަދުކުރުމާއި، އަދި އެންއުކުމާއި މަސް ދަހިކުރުމާއި އަދި އެންޖެހުމަށްފަހު ނަނު ދޫކޮށްފައި ގިނައިރު ބޭއްވުން މަދުކުރުމާއި، މަސް ގަތުމުން ދަމާގެންނަ ހަރަކާތް އަވަސްކުރުމާއި އަދި މިޔަރު ހަމަލާ މަދުކުރުމަށް ޑީކޯއީ ބޭނުންކުރުން ހިމެނެއެވެ. ބައެއް ގައުމުތަކުގައި ބޮޑު މިޔަރުތަކުގައި ސެޓެލައިޓް ޓެކް ހަރުކޮށްފައި ހުރުމުން މިއަރުފަދަ މަހުގައި ހިފާ ދިރުންތައް މަސްވެރިކަން ކުރާ ސަރަހައްދުތަކުގައި އުޅޭ ވަގުތު ދެނެގަނެވެއެވެ. ނަމަވެސް މިކަހަލަ އުކުޅުތަކަކީ ވަގުތާއި އަދި މަސްވެރިކަމަށް ދުއްވަންޖެހޭ މިންވަރު އިތުރުވުމާއި ޖުމްލަކޮށް ހަރަދަށްބަލާއިރު ގިނަ މަސްވެރިންގެ މެދުގައި މަގްބޫލު ވެދާނެކަންކަމަށް ވުމަކީ ދުރުކަމެކެވެ.

މިޔަރަކީ ޝިކާރަކުރުމުގައި ވަސް، ފެނުމުގެ ހިއްސު، އިލެކްޓްރޯރިސެޕްޝަން އަދި އަޑު ބޭނުންކޮށްގެން ޝިކާރަކުރާ މަހެކެވެ. ވަކި ހިސާބެއްގައި ދިރިއުޅޭ މިއަރު އެހިސާބެއްގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތައް  މަސްވެރިކަންކުރާ ވަގުތު ދެނެގަތުމާއި އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ގޮތް ދަސްކުރުމަކީ ވެސް ޑީޕްރިޑޭޝަން މެދުވެރިވާ ކަމެއްގެ ގޮތުގައި ބައެއް ދިރާސާތަކުގައި ހާމަކޮށްފައިވެއެވެ.  މީގެ މާނައަކީ އަދި މިޔަރުގެ އާބާދީ އިތުރު ނުވިޔަސް މަސްވެރިން މަސްވެރިކަން ކުރާ ގޮތް ދެނެގަނެ މަސްވެރި އުޅަދަކާއި އެއްކޮށް ދަތުރުކޮށް ބާނާމަސް ފަސޭހައިން ޖަހައިގަންނަށް މިއަރުތައް ކޮންޑިޝަން ވުމެވެ. މިއީ ތަފާތުއެކި އެކި ދިރާސާތަކުގައި ފާހަގަކޮށްފައިވާ ކެމެކެވެ. އަދި މިއަރުފަދަ ޑީޕްރިޑޭޓް ކުރާ މަސްތައް އާލާވެ ކުދި މިޔަރު ބޮޑުވާއިރު މިކަން ދަސްކޮށް ވާރުތަކުރުމަކީ ވެސް ވެދާނެކަމެއްކަމިގައި ތަފާތު ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި މަސްވެރިކަންކުރަމުން ދާއިރު ނަނުގައި ގަނެފައި އޮންނަ މަސް ފަސޭހައިން ޖަހައިގަނެ ކެއުމަކީ ފަސޭހަކަމެއްކަމުން މިގޮތުން މިއަރުގެ އުޅުމާއި ތަބީއަތް ބަދަލުވުމަކީ ވެސް ވެދާނެ ކަމެއްކަމުގައި ބައެއް ދިރާސާތަކުގައި ހާމަކޮށްފައިވެއެވެ.

ޑީޕްރިޑޭޝާން މަދުކުރުމަށް މަސްވެރިކަންކުރާ އާލާތްތަކަށް ބަދަލު ގެނައުން

މަސްވެރިންގެ އުޅުމަށް ގެނެވޭ ބަދަލާއި އަޅާބަލާއިރު މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކަށް ގެނެވޭ ބަދަލުތަކަކީ މާލީ އަދި ޓެކްނޮލޮޖިކަލް އިންވެސްޓްމަންޓްތަކެވެ. މިގޮތަށް ގެނެވޭ ބަދަލުތަށް ވައިގައި ހިފުމަށް މަސްބޭނޭ މިންވަރު ދަށްނުވުމާއި، މަސްވެރިކަމުގެ އޮޕަރޭޝަންއަށް ބުރޫ ނޭރުމާއި ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަވުންވެސް ހިމެނެއެވެ. ބާނާމަސްކޮޅު ސަލާމަތްކުރުމަށް މަސްވެރިކަންކުރާ އާލާތްތައް ބަދަލުކުރުމަށް 17 މަސްވެރިކަމަކުން މަސައްކަތްކޮށްފައިވާ ކަމަށް ކުރިން ބުނެވުނު ދިރާސާއިން ހާމަކުރެއެވެ.  ނަމަވެސް އޭގެ ކާމިޔާބުކަން ވަޒަންކުރެފައި ނުވެއެވެ. މިގޮތަށް މަސައްކަތްކުރެވިފައިވަނީ ވެސް މާކަނޑުގައި ލޭނު އަޅައިގެން ކުރާ މަސްވެރިކަމުގައިއެވެ. އަދި ގަލްފް އޮފް މެކްސިކޯގައި ވަދުލުމުގެ މަސްވެރިކަމުގައި ކަމިޔާބުކަމާއި އެކު މިގޮތަށް މަސްވެރިކަމުގެ އާލާތައް ބަދަލުކުރެވިފައިވެއެވެ. އެގޮތުން ބުޅީގެ ވަށައިގެން އެނބުރޭ ވަޔަރު ބޮނޑި ބޭނުންކޮށްގެން ގަންމަހުގައި ހިފާ މިންވަރު ކާމިޔާބުކަމާއެކު ދަށްކުރެވިފައިވެއެވެ. ނަމަވެސް މިއީ ސީލްފަދަ ދިރުންތަކުން ޑީޕްރިޑޭޝަން މަދުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކެވެ.

ބާނާމަސް ނުވަތަ މަހުން ބައެއް ކާލުމަކީ މުޅިދުނިޔޭގައިވެސް ފާހަގަކުރެވޭ ވަރަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. އަދި އަމުދުން މަސްވެރިކަން ދަށްވެ މަހުން ލިބޭނަފާ ދައްވުމުގެ ސަބަބުން މަސްވެރި ރިޕޯރޓްކުރުން އިތުރުވުމާއި އަދި މިޔަރު މަސްވެރިކަން ކުރިއިރު ލިބުނު ފައިދާ އަނބުރާ ހޯދުމަށް މަސްވެރިން ބޭނުންވުމުން ވެސް މިކަމުގެ އަޑު ގަދަވުމަކީ ވެދާނެކަމެކެވެ.

އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން މައްސަލަ އިތުރަށް ބޮޑުވުމުގެ ކުރިން ބެލެންސް ހައްލެއް މުހިންމު

ދިވެހިރާއްޖޭގައި މިއަރު، ބާނާ މަސްކޮޅު ކާލާ މައްސަލަ އަށް ހައްލެއް ހޯދުމުގައި ކަމުގެ މިންވަރު ދެނެގަތުމަކީ ކަމާބެހޭ އިދާރާތަކުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތެކެވެ. މިއީ ފަސޭހަ މަދު ދުވަސްކޮޅަކުން ދެނެގަނެވޭނެ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މަސްވެރިކަމުގެ އެކި ކަންކަން މެނޭޖްކުރުމަށް އެކަށީގެން ހެކީގެ މައްޗަށް ގޮތް ނިންމަންޖެހެއެވެ. އެގޮތުން މި މައްސަލަ މޮނިޓަރކުރުން ހަރުދަނާ ކުރުމަކީ މުހިންމުކަމެކެވެ. އެގޮތުން ޑިޕްރިޑޭޝަން ހިގާ ވަގުތުގެ ވީޑިއޯއާއި، އަދި އުޅޭ މިޔަރުގެ އަދަދާއި، މަސްވެރިކަން ހިނގާވަގުތު އަންގައިދޭ އެހެން މައުލޫމާތުތައް ކަމުގައިވާ ވަގުތާއި/ދުވަސް، ކޯރޑިނޭޓްސް، މަސްވެރިކަމުގެ އެފޮރޓް، މަސްބޭނި އަދަދު، ބަރުދަން ފަދަ މައުލޫމާތުތަކީ މުހިންމު މައުލޫމާތެވެ. މިމައުލޫމާތު ކަމާބެހޭ އިދާރާތަކާއި ހިއްސާކުރުން މުހިންމެވެ.

މިއަރަށް ޓެކްސްދެއްކުން އާންމުވާ ހާލަތްތައް މެދުވެރިވުމުގައި މިއަރު އާންމުކޮށް ޝިކާރަކޮށް އުޅޭ ސަރަހައްދުތަކާއި މަސްވެރިކަން ރަނގަޅު، މަސްޖަމާވާ ހިސާބުތަކުގައި މަސްވެރިކަން ކުރާ ކަން ގުޅުވާލެވިފައިވާ ކަމަށް ދިރާސާތަކުގައި ބާޔާންކުރެވިފައިވެއެވެ. އަދި މިޔަރުގެ ދަރިމައިވާ ދުވަސްވަރާއި ހިޖުރަކުރުން ގިނަ ދުވަސްވަރާ ދިމާކޮށް ބާނާމަހުގައި ހިފާމިންވަރު އިތުރުވާކަމަށްވެސް ހޯދިފައިވެއެވެ. މިމައްސަލައިގައި ލިބޭ ގެއްލުމުގެ މިންވަރު ކުޑަކުރުމުގައި މަސްވެރިންވެސް މެރިން އިކޮލޮޖިސްޓުންނާއި ފިޝަރީޒް މެނޭޖަރުން ދައްކާ، ސިއްހަތު ރަނގަޅު ކަނޑުގެ ވެއްޓަކަށް މިއަރުގެ ދުޅަހެޔޮއާބާދީއެއް މުހިންމުވާ މިންވަރު ދެނެގަތުމާއި އެންމެ ބޮޑު އިންޑަސްޓްރީކަމުގައިވާ ޓޫރިޒަމްއަށް މިއަރުގެ މުހިންމުކަން ދެނެގަންނަންޖެހެއެވެ. އަދި މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބަނާމަހުން މިއަރަށް ދައްކަންޖެހޭ ޓެކްސް ބޮޑުވުމުގެ ޝަކުވާ އަޑުއަހައި ގުޅިގެން ހަމަހަމ ހައްލެއް ހޯދަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.