މަސްވެރިކަމާއި ގުޅޭ

Scuba-Dive-in-Maldives-Indulge-Maldives

މަސްވެރިން ޑައިވިން ކުރާއިރު ރައްކާތެރިކަމަށް ސަމާލުވުން އެދި ސާޖިންގެ ހާއްސަ މެސެޖެއް 

މަސްވެރިން ޑައިވިން ކުރާއިރު ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުން އެދި ޒުވާން މަސްވެރިޔާ ހަސަން ސާޖިން ޓްވިޓާގައި ހާއްސަ މެސެޖެއް އާއްމުކޮށްފިއެވެ.

ޑައިވިން ކުރުމުގެ ތެރެއިން ހިތާމަވެރި ހާދިސާތަކާއި ކުރިމަތިވެފައިވާ ބައެއް މަސްވެރިންގެ މަންޒަރުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވީޑިއޯގައި ސާޖިސް ބުނީ ޑައިވިން ކުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެކަން ކުރަން އޮންނަ ގޮތައް ކުރާނަމަ ރައްކާތެރިކަމެއް ކަމަށެވެ.

"މިއަދުގެ ހާލަތުގެ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭނުން ކުރެވޭ ހާލަތުގައި އެއްވެސް ޗެމްބަރެއް ނެތް. ޑީކޯވާ ހާލަތުގައި ދެވޭނެ ފަރުވާއެއް ނެތް. އެހެންކަމުން ރައްކާތެރިކަމާއިއެކު ޑައިވިން ކުރުމަށް ހުރިހާ މަސްވެރިންނަށް ގޮވާލަން."ސާޖިންގެ މެސެޖްގައި އޭނާ ބުނެފައިވެއެވެ.

ސާޖިން ކުރި ޓްވީޓެއްގައި ބުނީ މިހާރު ވަރަށް ގިނަ މަސްވެރިން ޑައިވިން ކޯސްތައް ވެސް ހަދައިފި ކަމަށާއި ޑައިވިން ކުރުމުގެ ތެރޭގައި މަސްވެރިޔަކަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިނުވެ މިހާރު ގިނަ ދުވަސްތަކެއް ވެސް ހޭދަވެފައިވާ ކަމަށެވެ.

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ގެ މައްސަލަތައް ކުރިމަތިވުން އާއްމުވެ، އެފަދަ ހާދިސާތައް ހުއްޓުވަން ސަރުކާރުން މިހާރު ވަނީ ހާއްސަ ޤަވައިދެއް ވެސް ހަދާފައެވެ.

އެޤަވައިދު ބުނާ ގޮތުން ފީނުމުގެ ސެޓްފިކެޓެއް ނެތް މީހަކު ލައްވައި ފީނުމުގެ ސަބަބުން އެ މީހާއަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ އެ އުޅަނދެއްގެ ކެޔޮޅު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ފީނަން ބޭނުންކުރާ އާލާތެއް ސާވިސްނުކޮށް ނުވަތަ ރައްކާތެރި ނޫން ގޮތަކަށް ހުރުމުގެ ސަބަބުން މީހަކަށް ހާނީއްކަވުން ނުވަތަ މަރުވުން ފަދަ ކަމެއް ހިނގުމަކީ ވެސް އެވަރުގެ ޖޫރިމަނާއެއް އަންނާނެ ކަމެކެވެ.

ވައި ފުޅިއާ އެކު ފުނަށް ފީނާ ނިމުމުން މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށެވެ. އެކި ފުން މިނުގައި އެކި ވަގުތަށް މަޑުކޮށްގެން އޮންނަ ޖެހެ އެވެ. އެގޮތަށް އޮންނަންވާ ގޮތުގެ ތަފްސީލް އެނގޭ އާލާތްތައް ހުރެ އެވެ. އެއީ ޑައިވަރުން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ޑީކޯ ވަނީ އެއަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކުން ލޭ ހޮޅިތައް ބެދިގެންނެވެ.

ޑީކޯވާ މަސްވެރިންނަށް ވަގުތުން އޮކްސިޖަންގެ ފަރުވާ ދޭން ޖެހޭއިރު މަސް ދޯނިފަހަރުގައި އެމަޖެންސީ އޮކްސިޖަންއެއް ނުހުރެ އެވެ.

ޑީކޯވާ މީހުންނަށް ފަރުވާ ދޭ ހާއްސަ ޗެމްބަރާ ހަމައަށް ގެންދެވެންދެން އޮކްސިޖަން ދޭން ޖެހެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދެނީ ޗެމްބަރަށް ލައިގެންނެވެ.
ޑީކޯވެފައިވާ މީހާ ޗެމްބަރަށް ލުމަށް ފަހު މޫދު އަޑީގެ ޕްރެޝަރަށް އޭގެ ތެރެ ބަދަލުކޮށްލަ އެވެ. ލޭ ހޮޅިތައް ބައްދާފައިވާ ބޮކިތައް، އޭގެ ސަބަބުން، ކުޑަވެ ބޭރުކޮށްލަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!