މަސްވެރިކަމާއި ގުޅޭ

ގިއުޅު - ފޮޓޯ: ވެސްޓާން ޕެސިފިކް ފިޝަރީ

ގިއުޅު

ގިއުޅަކީ ރާއްޖޭގެ ފަރުފަރުގެ ބޭރުގައްޔާއި، ހާހަލުގެ ފުންހިސާބުތަކުގައި އަދި އެތެރެވަރީގައި ގިނައިން އުޅޭމަހެކެވެ.

ދިވެހި މަސްވެރިން ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ނުވަތަ ވަނިކެޔޮޅުކަމުގައި ގިނައިން ބޭނޭ މަހެކެވެ. ގިއުޅަކީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މިރު މަހެކެވެ. މިއީ ދިގުކޮށް ހުންނަމަހެކެވެ. މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވެފައި ހުންނަ ދިގު ރޮނގެއް ހުރެއެވެ. މަހުގެ ކަރުތާފަތްގަޑުގެ ކައިރިފަށުގައި ރާޅުކަމެއް ނުހުރެއެވެ. މަހުގެ ކަންފަތްގަޑު ކުރުވެފައި ކޮޅު ވައްވާނެއެވެ. ނިގޫފަތް ހުންނާނީ ވަރަށް ބޮޑަށް ކަފިވެފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ މަތީފަރާތާއި އަދި ބަނޑުދަށްފަރާތު ކޮތަރިބައިގެ ފަހަތުގެ މަޑުކަށި މަހުގެ ފަހަތަށްވާގޮތަށް ދިގުވެފައިހުރެއެވެ. މަހުގެ ކުލައަކީ ފެހިކުލައެވެ. މިކުލަ ބަނޑުދަށްފަރާތުގައި ފަނޑެވެ. މަހުގެ މަތީކޮތަރިބައިގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. ގިއުޅު 3 މީޓަރާއި 150 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅެއެވެ. ޢާއްމު ކާނާއަކީ މަހެވެ. މަދުމަދުން ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަސް ކައިއުޅެއެވެ. ގިއުޅު އެންމެ ބޮޑުވަނީ 1 މީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Green jobfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!