މަސްވެރިކަމާއި ގުޅޭ

160242341_161532695791037_5035295398347722961_n

ބީކޭއެމްޔޫގެ ރައީސް ނަޝީދު: ލިބޭ ހުރިހާ ހުސްވަގުތެއްް ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމުގައި!

ބޮޑުކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް މިހާރު އެންމެ ބުރަކޮށް މަސައްކަތްކުރާ ޖަމިއްޔާއަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް އުފެއްދި މި ޖަމިއްޔާއިން މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ޖަމިއްޔާގެ އަޑު ގަދަކޮށްލާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިފަދަ ޖަމިއްޔާއެއް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަކީ ކޮބައިތޯ ބަލާލުމަށް ޝައުގުވެރިވާނެ ފަރާތްތަކެއްވެސް ތިބޭނެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން، ބީކޭއެމްޔޫގެ ރައީސް ހުސެއިން ނަޝީދުއަކީ އެ ޖަމިއްޔާ ހިންގުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ފަރާތެވެ.

ހދ. މަކުނޫއަށް އުފަން ނަޝީދުއަކީ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ބުނާގޮތުން އުޅެ ބޮޑުވެފައި ހުރީ މަސްވެރިކަމުން އާއިލާއަށް ލިބުނު އާމްދަނީންނެވެ.

"ކިޔެވީވެސް މަސްވެރިކަމުން ލިބުނު ފައިސާއިން، އެންމެ ކުޑަ އިރުން ފެށިގެންވެސް ހަދާން ހުރޭ، ބައްޕައަކީވެސް މަސްވެރިއެއް، ގެއަކީވެސް ދޯނި ފަހަރު ފުދޭވަރަކަށް ހުރި ގެއެއް، މަސްވެރިކަމަކީވެސް ހަމަ ވަރަށް ކުރާ ހިތްވާ ކަމެއް،" ނަޝީދު ބުންޏެވެ.

ނަޝީދު މަސައްކަތް ކުރަމުންދަނީ ރިސޯޓުގައެވެ. ރިސޯޓެއްގެ ބަޓުލަރެއްގެ ވަޒީފާގައި އުޅުން ނަމަވެސް އޭނާގެ ހިތް އޮތީ މަސްވެރިކަމުގައެވެ. އަދި ރިސޯޓް ވަޒީފާ ނިންމާލުމަށްފަހު ދެން ދާނީ މަސްވެރިކަމަށް ކަމަށް ނަޝީދު ބުންޏެވެ.

"ރިސޯޓް ލައިފް ނިމުމަށްފަހު އެންމެ ފެނުން އެކަށީގެންވަނީވެސް މަސްވެރިއެއްގެ ގޮތުގައި،" ނަޝީދު ބުންޏެވެ.

އުމުރުން 36 އަހަރުގެ ނަޝީދު މިހާރު އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދަނީ ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށެވެ. އެގޮތުން އެފަރާތްތަކަށް ރަނގަޅު އަގެއް ހޯދައިދޭން، މަޖްލީހަށްވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކުގެ ވެރިންނާވެސް ވަނީ މިކަމާއި ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެހެން ނަމަވެސް އަދި އެދެވޭ ކުރިއެރުންތަކެއް ނުލިބޭ ކަން ނަޝީދު ފާހަގަކުރިއެވެ.

ނަޝީދު ބުނީ ރިސޯޓުގައި މަސައްކަތްކުރަމުން މިފަދަ ޖަމިއްޔާއެއް ރައީސްކަން ކުރުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ. އަދި ކޯވިޑާއި ގުޅިގެންވެސް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ދަތިކަމަށް ނަޝީދު ބުންޏެވެ.

"މި ދުވަސްކޮޅުގެ ގޮތުން މީޓިންގްސްތައް ބާއްވަނީ ޒޫމްއިން، ނޫނީ ފޯނުން، ހިންގާ ކޮމެޓީގެ ބައްދަލުވުންތައްވެސް ބާއްވަން މަހަކު އެއް ފަހަރު ނޫނީ ދެފަހަރު، އަނެއްހެން އުދަގުލަކީ މަސްވެރިންނާއި ދިމާނުވުން،" ނަޝީދު ބުންޏެވެ.

ނަޝީދު ބުނީ މިހާލަތުގައިވެސް ބައްދަލުވުންތަކަށް މާލެއަށް އަންނަ ކަމަށެވެ. އަދި މަސްވެރިންނާއިވެސް ދިމާވެ ބައްދަލުވުންތައް ބާއްވާ ކަމަށެވެ. އަދި ފޯނުން ވިޔަސް ދިމާނުވާ މަސްވެރިއެއް މަދުވާނެ ކަމަށް ނަޝީދު ބުންޏެވެ.

ނަޝީދު އާއި ވާހަކަދައްކާލުން، މަސްވެރިކަމުގެ ދާއިރާއާއި ދުރުގައި މަސައްކަތް ކުރި ނަމަވެސް ނަޝީދުގެ ހުރިހާ ހުސްވަގުތެއް ހޭދަކުރަނީ  މަސްވެރިކަމަށް ކަން އެނގެއެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން އޭނާ ހުރީ ތައްޔާރަށްކަންވެސް ކަށަވަރެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދާއި އެ ޖަމްއިއްޔާގެ ނާއިބްރައީސް އިމްރާން މުޙައްމަދު

ދިވެހިންގެ ލޭނާރަކީ މަސްވެރިކަން ކަމަށްވާއިރު، މި ދާއިރާއަށް މިއީވެސް ޙިދުމަތް ކޮށްދެވިދާނެ ގޮތެކެވެ. އަދި މިއީވެސް ބޭނުން ޖެހިފައިވާ ދާއިރާއެކެވެ. މަސްވެރިންގެ ހައްގުގައި މަސްވެރިން ތަމްސީލްކޮށްދޭނެ ނަޝީދުމެން ފަދަ ޒުވާނުންގެ ބޭނުންވަނީ ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!