މަސްވެރިކަމާއި ގުޅޭ

keyolhu2

އިހަވަންދޫގެ ޒުވާނުން މަސްވެރިކަމަށް ނުނިކުތުމަކީ ކަންބޮޑުވުމެއް: ކެޔޮޅު އިބްރާޙިމް ރަޝީދު

ހއ. އިހަވަންދޫއަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ގިނަ އަދަދެއްގެ މަސް ދޯނިފަހަރު އޮންނަ ރަށެކެވެ. އެރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ އެރަށު މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާޙިމް ރަޝީދެވެ. އޭނާގެ އުމުރުން މިހާރު 50 އަހަރުވެފައިވާއިރު، ކެޔޮޅުކަން ކުރާތާ މިހާރު 23 އަހަރުވަނީ ވެފައެވެ.

އިބްރާޙީމް ރަޝީދު ބުނީ އޭނާ މަހަށްދާން ފެށީ ވަރަށް ޅައުމުރުގައި ކަމަށެވެ. ގާތްގަނޑަށް 14 ނޫނީ 15 އަހަރުގައި މަހަށްދާން ފަށާފައިވާ ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހީމް ރަޝީދު ބުނީ އޭރު މަސްވެރިކަން ކުރަމުން އައި ގޮތާ އަޅާ ބަލާއިރު، މިހާރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރު މަހަށްދާ ދޯނިތަކަކީ ފެންވަރު ރަނގަޅު ހުރިހާ ޙިދުމަތްތަކެއް ލިބޭ ދޯނިތަކެއްކަން ކެޔޮޅު ފާހަގަކުރިއެވެ.

"އޭރު ހިތަށްވެސް ނާރާވަރުގެ ކުރިއެރުންތަކެއް ލިބިއްޖެ، މިހާރު މަހަށް މިދާ ދޯނީގައިވެސް ގެއެއްގައި ހުންނަ ހުރިހާ ކަމެއް ހުންނާނެ، އޭސީވެސް ހުންނާނެ، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކަނޑުމަތީ އުޅޭއިރުވެސް ނަމާދުވެސް ކުރެވޭކަން، ކުރީގައި މަހަށް ދާ ދޯނިތަކުގައި ނުހުރޭ ހިޔާވެވޭނެ ތަންކޮޅެއްވެސް،" އިބްރާޙީމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދު ދުއްވާ ދޯނި

އިބްރާޙީމް ރަޝީދު ފާހަގަކުރިގޮތުގައި މިހާރު މަހަށްދާ ދޯނިތަކަށް އައި ކުރިއެރުންތަކާއި އެކު މަހަށް ދިޔުމަށް ކުރަން ޖެހޭ ޙަރަދުތަށްވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަހަށްދާ ކޮންމެ ދުވަހަކަށް ދޯނީގެ އެކި ޙަރަދުތަކަށް އެވްރެޖްކޮށް 10000 ރުފިޔާ ޙަރަދުވާ ކަމަށް ބުންޏެވެ.

"މަސް ބާނައިގެންވެސް ގިނަ ޙަރަދުތަކެއްް ކުރަން ޖެހޭ، އެކި ހިސާބުތަކަށް މަސް ކިރަންދާން ޖެހެނީ، އެގޮތަށް ދުއްވާ ދުއްވުމަށްވެސް ޙަރަދުތަކެއް ކުރަން ޖެހޭ، އަދި އައިސްވެސް ޙަރަދުކުރަންޖެހޭ" އިބްރާޙީމް ރަޝީދު ބުންޏެވެ.

އިބްރާޙީމް ރަޝީދު ބުނީ ރާއްޖޭގެ މަސްވެރިކަމަކީ މޫސުމީ ކަމަކަށްވާއިރު، ކޮންމެ އަހަރެއްގައިވެސް މަސްވެރިކަމުގެ ސީޒަން އަންނަ އިރު މަސް ކިރުވުމަށް ފެލިވަރު އޮންނަނީ ތައްޔާރަށް ނޫން ކަމަށެވެ. އެގޮތަށް ދިމާވުމުން މަސް ކިރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ކިއުގައި ތިބެން ޖެހުމުން މަސްވެރިކަމަށް ނުނިކުމެވި ގިނަ ދުވަސްތަކެއް ހޭދަވާ ކަން ފާހަގަކުރިއެވެ.

"ކުރިއާލާ އެބަ އެނގޭ މަސްވެރިކަން ރަނގަޅުވަނީ ކޮން ދުވަސްވަރެއްގައި ކަން، އެދުވަސްވަރާ ދިމާކޮށް ވަގުތީ ހައްލެއްވެސް ގެނެސްދެވިދާނެ، މަސް ކިރާނެ އިތުރު ބޯޓެއްވެސް ގެނެވިދާނެ، އެކަމު އެފަދަ ކަމެއް ކުރާތަނެއްވެސް ނުފެނޭ،" އިބްރާޙީމް ރަޝީދު ބުންޏެވެ.

އިބްރާޙީމް ރަޝީދު ބުނީ މިހާރު މަސް ކިރުވުމަށް ބޭނުންކުރަނީވެސް ވަރަށް ކުދި ބޯޓުތަކެއް ކަމަށާއި، މީގެ ސަބަބުން އެއް ދޯނި ނޫނީ 2 ދޯނިން މަސް ކިރުވާ ހިސާބުން އެ ބޯޓުތަކުގެ ކެޕޭސިޓީ ފުރޭކަމަށެވެ.

އިބްރާޙީމް ރަޝީދުގެ ވިސްނުންހުރީ މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށެވެ. އެގޮތުން އަމިއްލަ ދޯންޏެއް މަހަށް ނެރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް 2 އަހަރުދުވަސްތެރޭ އަމިއްލަ ދޯންޏެއް ބަނުމުގެ މަސައްކަތް ފަށާނެ ކަމަށް އިބްރާޙިމް ރަޝީދު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!