މަސްވެރިކަމާއި ގުޅޭ

kalhuoh

ކަނޑު ކަޅުއޮށް

މިއީ ރާއްޖޭގައި ވަރަށް ގިނައިން އުޅޭމަހެކެވެ. ޢާއްމުގޮތެއްގައި އުޅެނީ ތިލަފަޅުފަޅާއި، ފުންވިލުވިލުގައެވެ. ރަށްރަށުގެ ފަޅުފަޅުގައި ހުއި ފަޅާފައި ހުންނަ ހިސާބުތަކުގައިވެސް މިބާބަތުގެ މަސް އުޅެއެވެ. މި މަސް ކުދި އައިން ހަދައިގެން ބައިބަޔަށްވެސް ރަށްރަށުގެ ފަޅުތެރޭގައި އުޅެއެވެ. މިއީ ދިވެހިން ވަރަށް ގިނައިން ކެއުމަށް ބޭނުން ކޮށްއުޅޭ މީރު މަހެކެވެ.

ކަނޑުކަޅުއޮށް އެންގަޑު ވަޅު ލައިގެން ކުރާ ކެޔޮޅުކަމުގައި ވަރަށް ގިނައިން ބޭނެއެވެ. އަދި ފަޅުފަޅުގައި ދާއަޅައިގެންވެސް ވަރަށް ގިނައިން ފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 8 މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 6 މަޑުކަށިހުރެއެވެ. މަހުގެ ތުނބުގައި ދިގުކޮށްހުންނަ
ދެނަރު ހުރެއެވެ. މަހުގެ މަތީކޮތަރިކައިގެ ފުރަތަމަ ކަށި އެހެނިހެން ކަށިތަކަށްވުރެ ކުރުވާނެއެވެ.

މަހުގެ ކަންފަތްގަޑު ކަރުތާފަތުގެ ތިރީގައި މަހުގެ ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބަޔަށްވުރެ ކުރުވާނެއެވެ. މަހުގެ މަތީބަޔާއި ބަނޑުދަށްފަރާތުގެ ދެވަނަ ކޮތަރިބައިގެ އެންމެ ފަހަތުގައި ހުންނަ މަޑުކަށި ނިގޫފަތުގެ ބުޑުހަމައަށް ދިގުވެފައިހުރެއެވެ. މަހުގެ ކުލައަކީ ކަޅުރަތް ކުލައެކެވެ. ބަނޑުދަށްފަރާތުގައި މިކުލަ ހުންނަނީ ވަރަށް ފަނޑުކޮށްނެވެ. މަހުގެ ތުބުންފެށިގެން ލޯހުރަސްކޮށް ދެވަނަ ކޮތަރިބައި ނިމިފައިވާ ހިސާބަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިރޮނގުގެ ފަހަތުން މަހުގެ ނިގޫކޮޅުގައި ކަޅުކުލައިގެ ލަފެއްހުރެއެވެ.

 

އިނގިރޭސި ނަން: : Longbarbel goatfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!