މަސްވެރިކަމާއި ގުޅޭ

ލައްފާނަ -- ފޮޓޯ/ ޑައިވް ކްލަބް މޯލްޑިވްސް

ލައްފާނަ

ލައްފާނައަކީ ރާއްޖޭގެ ފަރުފަޅުގެ ގާތަކުގެ ނިވަލުގައި 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ވަރަށް ގިނައިން އުޅޭމަހެކެވެ. ރާއްޖޭގައި ނަނުފައްތައިގެން ކުރާ މަސްވެރިކަމުގައި ވަރަށް ގިނައިން ލައްފާނަ ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މިއީ ރާއްޖޭގައި ކުރާ ފާނަ މަސްވެރިކަމުގައި ގިނައިން ބޭނިފައި ހުންނަ ފާނައެކެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 12 ސެންޓިމީޓަރަށެވެ. މިއީ ވިލުވިލުގައި ހުންނަ ގާތަކުގެ ނިވަލުގައިވެސް އުޅޭ މަހެކެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުންޏާއި، ޑިނގާއާއި މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ތިން ހަރުކަށްޓާއެކު އަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވައްކޮށެވެ. މަހުގެ ކަންފަތްގަނޑު، ބޮލުގެ ދިގުމިނަށްވުރެ ކުރުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކަށްވުރެ މަޑުކަށިތައް ދިގެވެ. މަހުގެ ކޮތަރިތަކާއެކު މުޅި ހަށިގަނޑުގައި ހުންނަނީ ގަދަ މުށިކުލައިގެ ލައްތަކެއް ޖަހާފައެވެ. މިލައްތައް ހުންނަނީ ތަންކޮޅެއް ދުރުގައެވެ. މަހުގެ ކަންފަތްގަޑުގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ.

އިނގިރޭސި ނަން: Honeycomb grouper

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!