މަސްވެރިކަމާއި ގުޅޭ

ފަޅު ފެމުނު

ފަޅު ފެމުނަކީ ބިޔަ، ބުރަހެލި މިޔަރެކެވެ. މިއީ ރާއްޖޭގައި ގިނައިން އުޅޭ މިޔަރެއްނޫނެވެ.

ނަމަވެސް މަސްވެރިން ބާނާ އުޅޭ އޭގެ މަހާއި، އަނގައާއި ބޮޑެތި އުރަހަތަކުގެ ބޭނުންކުރެވޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު ޢާއްމުގޮތެއްގައި އުޅެން ބޭނުންވަނީ ފުންވިލުވިލުގައެވެ. ޢާއްމުގޮތެއްގައި އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ އަޑީގައިއުޅޭއިރު ބިރުގަންނަ ސިފައެއްގައި ފެންނަ މިޔަރެއްކަމުން މިބާވަތުގެ މިޔަރަށް މަސްވެރިން ފަޅުފެމުނު ކިޔާ އުޅެނީކަމަށް ޤަބޫލުކުރެވެއެވެ. މިއީ އަޑީގައި އުޅެނިކޮށް ގޯނާކޮށްފިނަމަ ޙަމަލާދީފާނޭ މިޔަރެކެވެ. ފަޅު ފެމުނުގެ އުރަހައަކީ ރަގަޅު އަގުލިބޭ އުރަހައެކެވެ.

ފަޅު ފެމުނުގެ ތުން ކުރުވެފައި ފުޅާވާނެއެވެ. އުރަހަތައްވެސް ބޮޑެތި ވާނެއެވެ. އަދި އުރަހަތައް ހުންނަނީ ކޮޅަށް އޫކޮށެވެ. މިބާވަތުގެ މިޔަރުގެ ކުލައަކީ ދޮން މުށިކުލައެކެވެ. އަދި މިއީ ގާތްގަޑަކަށް 3.1 މީޓަރަށް ބޮޑުވާ މިޔަރެއްކަމަށްވަނީ ބެލެވިފައެވެ. މިމިޔަރުގެ ކާނާއަކީ އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ. މީގެ ތެރޭގައި ކަށިކޮއްޔާއި ނަރުނަގޫމައިވެސް ހިމެނެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެފަހަރަކު 1 އާއި 13 އާ ދެމެދުގެ ޢަދަދަކަށް ޤަމިޔަރު ވިހައެވެ. އަދި ވިހާ މިޔަރުގައި 45 ސެންޓިމީޓަރާއި 80 ސެންޓިމީޓަރާ ދެމެދުގެ ދިގުމިން ހުރެއެވެ.

އިނގިރޭސި ނަން: Sicklefin lemon shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!