މަސްވެރިކަމާއި ގުޅޭ

މަސްއައިން ފެނޭތޯ ކަނޑު ހޯދުން: އެހާރާއި މިހާރުގެ ތަފާތު

އެންދެމުމަށްފަހުގައި، ކަނޑަށްނުކުމެ މަސްއައިނެއް ފެނޭތޯ ހުރިހާ މީހުންމެ ތިބެނީ ކަނޑުތެރެއަށް ހުރިހާ ފަރާތަކަށް ބަލާށެވެ.

ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ، އެންމެ ކުރިން މަސްދެކޭ މީހަކަށް ވުމަށެވެ. ދޯނިދުއްވުމުގައި، ވިސްނުންތެރި ހުޝިޔާރު ކެޔޮޅުން ދުނިޔެ މައްޗަށް ޖެހޭ ވަޔާއި ޖެހޭދިމާއަށް، އެވައިގެ މަޑުބާރުމިނަށް އަދި ކަޑުގައި އުންނަ އޮޔަށްވެސް ބަލައިގެން ދަތުރުގެ ޕްރޮގްރާމް ރާވާނެއެވެ. އެއީ މަސްހޯދުމަށް ފަސޭހަކުރުމަށެވެ.

މަސްތިބޭނޭ ދިމަދިމާކަމަށް ލަފާކުރެވޭ ގޮތަށެވެ. މިގޮތަށް ދަތުރު ކުރަމުން ދާއިރު އަރާމެއްނެތި ހުރިހާ މީހުން ލޯތައް ހުޅުވާ ބޮޑުކޮށްގެން އެކިދިމަދިމާ ބެލުމުގައި، ފަރުވާވެ އުޅެތެވެ. މަސްވެރިކަމުގެ ވާހަކަތަކުން ފޫހިފިލުވައި ހަދައެވެ. މޮޅަށް މަސްވެރިކަން ދިމާވާ ދުވަސްދުވަހުގެ ވާހަކަތަކުން ފޯރި އިތުރުކުރެއެވެ. އެކުވެރިކަން އާލާކުރުމުގެ ގޮތުން ހެއްވާ މަޖާ ވާހަކަތައް ކިޔައެވެ. މަސްވެރިކަމަށް ޝައުގުވެރިވާގޮތުން ކަޑުތެރެއިން ދިމާވާ މޮޅު ކަންތައްތަކުގެ ވާހަކާގައި ދަތުރު ނިންމާލަތެވެ.

މިހާރު ފެންނަގޮތުން ކުރިން ދެންނެވިގޮތާ މާ ތަފާތު ވެއްޖެ އެވެ.

އެންދަމައިގެން މުހާލުމުން އެންދެމުމުގެ މަސައްކަތުގައި، ހަރަކާތްތެރިވެ އުޅުނު މީހުން އޮށޯވެ ނިދަނީއެވެ. ދޯނީގައި އެންމެކަމެއްނުކުރެވޭ މިހާ އަތަށް (އަދި ކުއްޖަކު ކަމުގައިވިއަސް) އެކަޑުން ނުކުމެގެން މިހެންދާށޭބުނެ ކެޔޮޅުވެސް އަލާމަށް އޮށޯވެލަނީ އެވެ. ދެލޯމަރައިގެންނެވެ. ދުރުންމެއް ގެންގުޅޭނަމަ އެވެސް އޮންނަނީ އެކުއްޖަކާ ހަވާލު ކޮށްފައެވެ. އިންޖީނުގެ ގަވަރުނެރުގައި ވާފަށެއްޖަހައި، ބާރަށްދުއްވާން ދަމައިލާށޭ މަޑުން ދުއްވާން ދޫކޮށްލާށޭބުނެ ވާފަށުގެ ކޮޅުވެސް އޭނަގެ އަތަށް ދެނީ އެވެ. މިހާރު ދޯނީގައިތިބި އެންމެންގެ ބެލުން ބަލައިލެވެނީ އެކެއްގެ ދެލޮލުންނެވެ. ފައްސިހި ލޮލުގެ ބެލުން ދެލޮލާއި ހަވާލު ކުރެވުނީއެވެ.

އިންޖިނޭރުވެސް އިސްޕީޑް ވާފަށް ހުންގާނާއި ހަވާލުކުރުމަށްފަހު އޮށޯވެލީއެވެ. ހޭލާތިބޭ ވަގުތުކޮޅުގައި ދެކެވޭ ވާހަކަޔަކީ މަސްވެރިކަމުގެ ވާހަކައެއްނޫނެވެ. ޓުއަރިސްޓް ރިސޯޓްތަކުން ލިބޭ ލާރީގެ ގިނަކަމުގެ ވާހަކައެވެ. ފެކްޓަރީ އެއްގައި އުޅުނީމާ ކޮންމެ މަހަކުވެސް އެއްވަރަކަށް ލާރިލިބޭ ވާހަކަ އެވެ. ބޭރުމީހުންއުޅޭ ފިހާރައި ގައި މަސައްކަތު މީހުންގެ މުސާރަ ބޮޑު ވާހަކައެވެ. ހަމައެކަނި މިގޮތަށް ވާހަކަ ދެކެވެމުންދިޔަ އީއަކީ ނޫނެވެ. ރަގަޅު މަސްވެރިން މިހާރުވީ ރިސޯޓްތަކަށާއި، ފެކްޓަރީ ތަކަށް އަދި ފިހާރަ ތަކަށްގޮސް ރަށުން ބޭރުގަ އެވެ. ދޯނިފަހަރު އުވެމުންދިޔަ ސަބަބުތަކުގެ ތެރޭގައި، މިކަން ވެސްގުނައި ލެވޭނެއެވެ.

މަސްވެރިކަމަކީވެސް ހީވާގި އެކަމުގެ ޚިޔާލު ހުރި މީހުންނަށް ކުރެވޭކަމެކެވެ. ދޯނި  ދުއްވަމުންދާއިރު އައިން ފެނިގެން ގޮވާލުމުން ނުތެދުވެތިބެ ކައިރިއަށްދާން ބުނާ ދުވަސް ދުވަސްވެސް މަދެއް ނޫނެވެ. އައިން ފެނުމުން ނުވަތަ ކަޑަށް ނުކުމެގެންދާ ދިއުމުގައި ދޮށިބޮޑީގެ ކިރިލި ތަކަށާއި މިޔަވާލިތަކަށްބަލާ ބުޅީ އަސްކޮޅު ރަގަޅުކޮށް ހަދާ ހެދުންވެސްނެތި އެވެ. މިހާރު މިހިރަ އައިން ކައިރިއަށް އާދެވެނީއެވެ. މަހު ތެރަށް ވަދެވެނީއެވެ.

މަސްދަރު: (1982، ރަސްއައިން މަޖައްލާ)
-މުޙައްމަދު އަބްދުލްޙަލީމް ރަތްވިލާ / ޅ. ނައިފަރު-
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަހުގެ ހަމަތަކާ ޚިލާފަށް ޖުމުލަތައް އެތުރޭތީ ވަރަށް ދެރައެވެ.ހަމަ ނުޖެހޭ ޖުމުލަތައް ބައިވަރެވެ.
    * މާދަރީ ބަހަށް ދެރަނަމަ އިނގިރޭސި ބަހަށް ވެސް ދެރަވާނެއެވެ.

Comments are closed.