މަސްވެރިކަމާއި ގުޅޭ

ފަންގަނޑުތޮޅި

މިއީ ރާއްޖޭގެ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭމަހެކެވެ.

ދިވެހި މަސްވެރިންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. ސަބަބަކީ އެބައިމީހުން ކޮށްއުޅޭ މަސްވެރިކަމުގައި ބޭނޭ ބާވަތަކަށް ނުވާކަމެވެ. އަދި މިއީ ފުން ހިސާބުތަކުގައި އުޅޭ މަހަކަށްވާތީއެވެ. މިބާވަތުގެ މަސް ވަރަށް މަދުމަދުން އަތޮޅުން ބޭރުގައި ކުރާ ލޭނުމަސްވެރިކަމުގައި ހިފިފައި ހުރެއެވެ.

މިތޮޅިއަކީ، ފަތިކޮށް ދިގުކޮށް ހުންނަމަހެކެވެ. މަހުގެ އަނގަ ބޮޑެވެ. އަދި ތުނބަށް ހިމައެވެ. އަނގައިގެ މަތީބައިގައި ވަރަށް ތޫނު ވަރުގަދަ ދަތްތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައި ފެށިފައި ހުންނަނީ ކަރުތާފަތުގެ ފަހަތު ކައިރިފަށަށްވުރެ ކުރީކޮޅުންނެވެ. މިކޮތަރިބައި ހުންނަނީ ފަންގަޑެއްގެ ސިފައިގައެވެ. މިއީ އެހެނިހެން މަސްމަހާ ޚިލާފަށް ބަނޑުދަށްފަރާތު ކޮތަރިބައި ފަހަތުގައި ހުންނަ އަދި މަހުގެ ކަންފަތްވެސް ބަނޑުދަށްފަރާތުގައި ހުންނަ މަހެކެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ކުލައަކީ މުށި އަޅިކުލައެކެވެ. މަހުގެ ދެފަރާތުގައި ވިދުންހުންނަ ތިކިތަކެއް ހުރެއެވެ. ނަމަވެސް ފަންގަޑުގައި ތިއްކެއްނުހުރެއެވެ. މިތޮޅި އެންމެ ބޮޑުވަނީ 2 މީޓަރަށެވެ.

މިމަހަށް ކިޔާ ވަކި ޚާއްސަނުމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ އެންމެ ޚާއްސަ އެއްސިފަކަމުގައިވާ "ފަންގަނޑު" އާ ގުޅޭގޮތުން މިމަހަށް "ފަންގަނޑުތޮޅި” ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Longsnout lancetfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!