މަސްވެރިކަމާއި ގުޅޭ

ރ. މަޑުއްވަރި/ ފޮޓޯ:މަޑުއްވަރީ މަސްވެރިން
ރ. މަޑުއްވަރި/ ފޮޓޯ:މަޑުއްވަރީ މަސްވެރިން

މަޑުއްވަރީގައި މަސް ކެއްކުން ވަރަށް ފުޅާ، ހަމައެކަނި ފެކްޓްރީއެއް ނެތްކަން

ރ. މަޑުއްވަރީގައި ރަޖިސްޓްރީ ކޮއްފައިވާ، ޑިންގީ، ދޯނިފަހަރު، ލޯންޗް، މަސްދޯނިފަހަރު ފަދަ ހުރިހާ އުޅަނދެއް އެއްކޮށްލައިގެން ކަނޑު އުޅަނދުފަހަރުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 162 އަށް އަރައެވެ. އޭގެ ތެރެއިން ކަންނެލީގެ މަސްވެރިކަން ކުރަނީ 7 ނުވަތަ 8 ދޯންޏެވެ.

ބައެއް މަސް ދޯނިތައް، މިހާރު މަސްވެރިކަން ދަށްވުމުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ބަދަލު ކޮށްލައިގެން އުޅެނީއެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު މި ނޫހަށް ބުނީ، އެރަށުގައި މަސްވެރިކަމުގައި 17 ނުވަތަ 18 ދޯނި ހަރަކާތްތެރިވާ ކަމަށެވެ.

އެރަށުގައި ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަން އަދި ފަރުމަހުގެ މަސްވެރިކަންވެސް ކުރެއެވެ. މަސް ބާނައިގެން ލިބޭ ނަފާއަށްވުރެ ހުއިފިލަނޑާގެ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭތީ، އެރަށު ޒުވާނުން ގިނައިން ދަނީ ހުއިފިލަނޑާ ހިފުމަށެވެ.

އެރަށު ޒުވާނުން ވަރަށް ފުޅާ ދާއިރާއެއްގައި، ފީނައިގެން ހުއިފިލަނޑާ ނަގާކަމަށް ސޯދިގު ވިދާޅުވިއެވެ. ޒުވާނުންގެ ތިންބައިކުޅަ އެއްބައި ހުއިފިލަނޑާ ނަގަން ދެއެވެ. ނަމަވެސް އެންމެ ގިނައިން އެރަށުގައި ކުރަނީ ކަނޑުމަހުގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމެވެ.

ކަންނެލި ދޯނިތަކުގައި ކޮންމެވެސް ވަރަކަށް އެހެން ރަށްރަށުގެ މީހުން އުޅުނު ނަމަވެސް ގިނައިން އުޅެނީ މަޑުއްވަރީ މީހުންނެވެ. އެއާއެކު، ކޮންމެވެސް ވަރަކަށް ބިދޭސީންވެސް ދަނީ މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންނެވެ.

މަސް ކައްކާ ހިއްކައި، ރިހާކުރު ކެއްކުން ވަރަށް ފުޅާކޮށް އެރަށުގައި ކުރެއެވެ. ސޯދިގުގެ ބަހުން ނަމަ، 'ފެކްޓްރީއެއް ނެތް ކަން' އެކަންޏެވެ.

މަސް ކައްކާއިރު، ފިރިހެނުން މަސް ކަނޑާނީ ކަމަށާއި މަސް ކައްކާ ހިއްކުމުގައި އުޅެނީ އަންހެނުން ކަމަށް ސޯދިގު ވިދާޅުވިއެވެ. ގޭދޮށު ފެކްޓްރީއެއް ގޮތަށް، އެރަށުގައި ގިނަ އަދަދެއްގެ މީހުން މަސް ކައްކާ ހިއްކައެވެ. އެރަށުގެ އާބާދީގެ ދެބައިކުޅާ އެއްބައި މަސްވެރިކަމުގައި ހިއްސާވާކަމަށް ސޯދިގު ވިދާޅުވިއެވެ. މަސްވެރިކަމުގެ ތެރޭގައި ނޫޅެނީ މަދު އާއިލާއެކެވެ.

މަޑުއްވަރިން ކައްކާ ހިއްކައިގެން ގެންދާ މަސް ސީދާ ރަށުން އެއާޕޯޓަށް ގެންގޮސްގެން، ސްރީލަންކާއަށް އެކްސްޕޯޓް ކުރެއެވެ. މަސް އެކްސްޕޯޓް ކުރަނީ މަދު މީހެކެވެ. އޭގެ އިތުރުން މާލެއިން ހޯލްސޭލްކޮށް ގަންނަ މީހުނަށް މަސް ވިއްކަނީއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި، އަގު ރަނގަޅު ނަމަ ކަންނެލީގެ މަސްވެރިކަމަށް ދާ މީހުންނަށް މަހެއްގެ މައްޗަށް 40،000 ވެސް ލިބޭނެ ކަމަށް ސޯހިގު ވިދާޅުވިއެވެ. ނަމަވެސް މަސްވެރިކަން ދަށް ނަމަ، ލިބޭ އާމްދަނީ މަދުވެއެވެ.

ގިނައިން ރިހާކުރު ކެއްކެނީ ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ކަމަށްވާތީ، މިދުވަސްވަރު ރިހާކުރު ނުކައްކައެވެ. އެއީ މަސްވެރިކަން ދަށްވުމުންނެވެ.

މަސްވެރިކަން ރަނގަޅުނަމަ، ގާތްގަނޑަކަށް، އެރަށުގައި ދުވާލަކު 35 ގޭގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރެއެވެ. އެއީ ގާތްގަނޑަކަށް 118 މީހުންނެވެ.

މަސްވެރިން ކަނޑުމަތީގައި ކުރާ މަސައްކަތާ ބަލާއިރު، މަހުގެ އަގު ނެތް ކަން ސޯދިގު ފާހަގަ ކުރެއްވިއެވެ. ހުޅަނގު މޫސުމުގައި މަސްވެރިންނަށް ރަނގަޅު އަގެއް ދޭނަމަ މަސްވެރިންނަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށާއި، މިދިޔަ ހުޅަނގު މޫސުމުގައި މަސްވެރިން މުއްސަނދިވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު މަހުގެ ރަނގަޅު އަގެއް ނެތުމުން މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރުވެސް، މަސައްކަތާ އަޅައި ބަލާއިރު މަދެވެ.

ތެލުގެ އަގު އުފުލޭ ނަމަވެސް މަހުގެ އަގު އެއްވަރެއްގައި ހުރުމުން ތެލަށް ކަނޑާފައި އެހާ ބޮޑު ނަފާއެއް ނުކުރާ ކަމަށްވެސް ސޯދިގު ވިދާޅުވިއެވެ.

އެހެންކަމުން، ސޯދިގުގެ ނަޒަރުގައި، ކަނޑުމަހުގެ މަސްވެރިކަމުގެ މުސްތަގުބަލު ފެންނަނީ ބަނަކޮށެވެ. މިހާރުވެސް އެރަށުގެ ގިނަ ޒުވާނުން މަސްވެރިކަމަށް ދިއުން ހުއްޓާލައި، ފީނައިގެން ހުއިފިލަނޑާ ނަގަން ދަނީ، މަހުގެ އަގު ދަށްކަމުން، ލިބޭ ނަފާ ކުޑަވީމައެވެ.

ރ. އަތޮޅުގައި މަޑުއްވަރީގެ އިތުރުން ދެން މަސްވެރިކަން އެންމެ ފުޅާ ދައިރާއެއްގައި ކުރަނީ ދުވާފަރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!