މަސްވެރިކަމާއި ގުޅޭ

viber_image_2022-02-25_11-09-17-388

މަސްވެރިކަން ރަނގަޅުނަމަ، ރިހާކުރު ކައްކައިގެން މަހެއްގެ މައްޗަށް 40 ހާސް ރުފިޔާ!

ރ. މަޑުއްވަރިއަކީ ފުޅާދާއިރާގެއްގައި މަސްވެރިކަން ކުރާ ރަށެއްގެ އިތުރުން، މަސް ކައްކާ ހިއްކައި، ރިހާކުރު ކެއްކުން ވަރަށް ފުޅާކޮށް ކުރާ ރަށެކެވެ.

މަޑުއްވަރީގައި މަސް ކެއްކުމާއި ރިހާކުރު ކެއްކުމުގައި ހަރަކާތްތެރިވާ މުހައްމަދު ހަމީދު މިނޫހަށް ބުނީ، ހަމީދުމެން ގޭގައި މަސް ކައްކާ، ރިހާކުރު ކެއްކުން ކުރިއަށް ގެންދަނީ ފަސް ވަރަކަށް މީހުންގެ މެދުގައި ކަމަށެވެ.

ދޯނިފަހަރުން މަސް ގަނެގެން، ވަޅޯ މަހާއި ހިކިމަސް އަދި ލޮނުމަހުގެ އިތުރުން ރިހާކުރުވެސް ކައްކައެވެ. ހަމީދު ބުނީ، އެހެން މީހުން ބުނުމުންވެސް ބައެއް ފަހަރު ގޭގެއަށް މަސް ކައްކަން ދާ ކަމަށެވެ.

މަސްވެރިކަމަކީ މޫސުމީ ކަމެއްކަމަށް ވުމާއެކު، މަސް ކެއްކުމާއި ރިހާކުރު ކެއްކުން އޮންނަނީ އެކިފަހަރު އެކި ވަރަށެވެ. ހަމީދުމެން ދިރިއުޅުމަށް އިތުރު މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

މަސް ކެއްކުމަށް ގެންގުޅެނީ ބޭރުމީހުން ކަމަށާއި ރިހާކުރު އޮލަކުރުން ފަދަ ކަންކަން ކުރަނީ ހަމީދުގެ މަންމަމެން ކަމަށް އޭނާ ބުންޏެވެ.

ހަމީދު ބުނި ގޮތުގައި، އެންމެ ބޮޑަށް ފައިދާވަނީ ރިހާކުރު ކައްކާ ވިއްކައިގެންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިހާކުރު ބޭނުން ވެގެން އޯޑަރު އަންނަ ކަމަށް އޭނާ ބުންޏެވެ.

ހއ އަށް ވެސް، މާލެ އަތޮޅަށް ވެސް ހަމީދު ރިހާކުރު ފޮނުވައެވެ. ހަމީދު ބުނީ، އެކި ތަންތަނުން ކުރާ އޯޑަރު، ހަމީދުއާ ހަމައަށް ދަނީ ރައްޓެހިންނާ އާއިލާގެ މީހުން ކައިރީ ބުނެގެން ކަމަށެވެ. އޯޑަރު ކުރުމުން ޓައްޕަށް އަޅާފައި ބޯޓުން މާލެއަށް ފޮނުވައި، މާލޭ ކޮޅުން ރަށްރަށަށް ފޮނުވަނީއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ރިހާކުރު ކައްކައިގެން މަހެއްގެ މައްޗަށް 40 ހާސް ނޫނީ 30 ހާސް ރުފިޔާ ލިބޭކަމަށް ހަމީދު ބުންޏެވެ.  ކައިރި ރަށްރަށަށް ވަޅޯމަސް ވެސް ފޮނުވާ ކަމަށާއި ހިކިމަހާއި ލޮނުމަސް ލަންކާއަށް ފޮނުވައިގެން އާމްދަނީ ހޯދާކަމަށްވެސް ހަމީދު ބުންޏެވެ.

ލަންކާއިން މަސް ގަންނަ މީހާ، މަސް ބޭނުން ވުމުން، ބޯޓަކަށް ލާފައި ފޮނުވަން ބުނުމުން، މަޑުއްވަރީން މާލެއިން ލަންކާއަށް ފޮނުވަނީއެވެ.

މި ދެމަހުވެސް މަސްވެރިކަން ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ. އަދި އާއްމުކޮށް ކަނޑުމަހުގެ މަސްވެރިކަން ރަނގަޅީ ޖުލައި މަހުން ފެށިގެން ނޮވެމްބަރާ ހަމައަށް ކަމަށް ވުމުން، މަސް ކެއްކުން ވެސް އެދުވަސްވަރު ރަނގަޅުކަން އޭނާ ފާހަގަ ކުރިއެވެ.

ހަމީދު ބުނީ، އާއިލާގެ ހަރަދުތައް ފުއްދަނީ މި މަސައްކަތުން ލިބޭ އާމްދަނީއިން ކަމަށެވެ.

މަޑުއްވަރީގައި މަސް ކެއްކުން ވަރަށް ފުޅާ، ހަމައެކަނި ފެކްޓްރީއެއް ނެތްކަން

މި މަސައްކަތުގައި ހަމީދުއަށް ދިމާވާ މައިގަނޑު ގޮންޖެހުމަކީ ދަރު ނުލިބުމެވެ. އެހެންކަމުން މަސް ކައްކައި، ރިހާކުރު ކައްކަނީ ދަރު ގަނެގެންނެވެ.

ރ. މަޑުއްވަރީގައި ރަޖިސްޓްރީ ކޮއްފައިވާ، ޑިންގީ، ދޯނިފަހަރު، ލޯންޗް، މަސްދޯނިފަހަރު ފަދަ ހުރިހާ އުޅަނދެއް އެއްކޮށްލައިގެން ކަނޑު އުޅަނދުފަހަރުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 162 އަށް އަރައެވެ. އޭގެ ތެރެއިން ކަންނެލީގެ މަސްވެރިކަން ކުރަނީ 7 ނުވަތަ 8 ދޯންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!