މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް

"މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިން ވީހާވެސް ބޮޑަށް ގަވާއިދުތަކަށް އަހުލުވެރި ކުރުވުން"

ފިޝަރީޒް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިން ވީހާވެސް ބޮޑަށް ގަވާއިދުތަކަށް އަހުލުވެރި ކުރުވުން ކަމަށް މިނިސްޓްރީން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން މަސްވެރިކަމުގައި ހަރަކާތްތެރިވުން ހުއްޓުވުމުގެ މުހިންމުކަމާ ބެހޭގޮތުން، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ކޮންޕްލެއިންސް އޮފިސަރ ހުސައިން ޒަމީލް ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ ކޮމްޕްލެއިންސް އިންސްޕެކްޝަންތަކުގައި، މިނިސްޓްރީގެ ކޮމްޕްލެއިންސް އޮފިސަރުން އަދި އަތޮޅުތަކުގައި ގާއިމުވެފައި ތިބި ފިޝަރީޒް ރޭންޖަރުންވެސް މަސްވެރިންނާ ބައްދަލު ކުރާ ކަމަށާއި އަދި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ ގާނޫނާއި ގަވާއުދާ ބެހޭ މައުލޫމާތު ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިއްސާ ކުރެވެމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ކަމެއްގޮތުގައި މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް މި ދެނީ މަސްވެރިން ވީހާވެސް ބޮޑަށް މި ގަވާއިދުތަކަށް އަހުލުވެރި ކުރުވުން. މަސްވެރިން އަހުލުވެރި ކުރުވުމަށް އަޅުގަނޑުމެން ވަކި ބައްދަލުވުންތައް ބާއްވަނީއެއްނޫން، އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ، މަސްވެރިން މަސްވެރިކަމުގައި އުޅުއްވާފަ ދެން ބަނދަރުތަކަށް ވަޑައިގަންނަވާ ގަޑީގައި އޮޑިދޯނިފަހަރަށް އަރައިގެން އަޅުގަނޑުމެން ބައްދަލުކޮށްފަ ވާހަކަ ދެއްކުން ކަމަށް އޭގެ އެންމެ އިފެލްޓިވް ގޮތަކީ. މަސްވެރިންނަށް ސީދާ މެސެޖް ދިނުމުގައި،" ޒަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމީލް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ މަސްވެރިންނާ ގުޅޭ ގާނޫނާ ގަވާއިދުތައް ހުރި ގޮތް މަސްވެރިންނަށް ކިޔައިދޭ ކަމަށާއި، އަދި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ކެޔޮޅުންނަށް އިރުޝާދުދޭ ކަމަށެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް މަސްވެރިކަމުގައި އުޅޭތީ، ޕްރޮޑަކްޓްތައް މާކެޓް ކުރުމުގައި އުނދަގޫވޭ

އެހެން ނަމަވެސް، މިނިސްޓްރީގެ ފަރާތުން މިގޮތަށް ގަވާއިދުތަކެއް އެކުލަވާލާފައި ބިދޭސީ ފަޅުވެރިން ގެންގުޅެވޭނީ ވަކި ހަމަތަކެއްގެ ތެރެއިން ކަމަށް ކަނޑައަޅާފައި ވާތީ، ގަވާއިދުތައް ތަންފީޒު ކުރުމަށް މިނިސްޓްރީއަށްވެސް ލާޒިމުވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.

"މިނިސްޓްރީއަށް އެގޮތަށް ލާޒިމުވާ ސަބަބަކީ، މަސްވެރިކަމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރެވޭ މަސައްކަތެއްކަން ބޭރުގެ ގައުމުތަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އަޅުގަނޑުމެން ދައްކައިދިނުމަށްތަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ގަވާއިދުތައް ތަންފީޒު ކުރުމަކީ. އެހެންވީމާ، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު، ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ކަންކަމަކީ މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭކަމެއް،" ޒަމީލް ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން އެކަން އެގޮތަށް ނުކުރާނަމަ، އޭގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ގާނޫނާ ގަވާއިދާ ހިލާފަށް ކުރެވޭ އައިޔޫޔޫ ގެ ހަރަކާތްތައް ދިވެހިރާއްޖޭގެ މަސްވެރިކަމުގައި އެކުލެވޭކަމަށާއި، ބިދޭސީންގެ މައްސަލަ ހާއްސަގޮތެއްގައި ހައްލު ނުކޮށްފިނަމަ، އެ ލޭބަލް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގަ އެޅިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޒަމީލް ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި، މި ގަވާއިދުތައް ތަންފީޒުކޮށް އަދި ހާއްސަގޮތެއްގައި މަސްވެރިންވެސް މި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުން މުހިންމުވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!