މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

ލޯންގްލައިން އަޅާ ބުޅިތަކު މިޔަރު ނުބޭނޭގޮތަށް ކަންކުރުމުގެ ޓެކްނޮލޮޖީ އެބަހުރި: މިނިސްޓަރު

ލޯންގްލައިން އަޅާ ބުޅިތަކު މިޔަރު ނުބޭނޭގޮތަށް ކަންކުރުމުގެ ޓެކްނޮލޮޖީ އެބަހުރި ކަމަށް މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންވެވެ.

ޔާސިރުގެ ސުވާލުގައި ފާހަގަ ކުރެއްވި ގޮތުގައި، ލޯންގްލައިން މަސްވެރިކަން ނުވަތަ ލޭނުގެ މަސްވެރިކަމަކީ ދިވެހިރާއްޖެއަށް ވަރަށް ބޮޑު ނަފާއެއް ހޯދިދާނެ މަސްވެރިކަމެއް ކަމަށާއި މިހާރު މި މަސްވެރިކަން އޮތީ ހުއްޓާލާފައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މި މަސްވެރިކަން އަލުން ފެށުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯއާއި އެ މަސައްކަތް ހުޅުވާލުމުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ ޔާސިރު ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލުތަކުގެ ޖަވާބުގައިި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މިހާރު މި ކުރިމަތިވެފައިވާ ޔެލޯފިން ފިޝަރީޒް ދަށްވުމުގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ފިނި ފަށަލައިގެ އަޑީގަ ދިރިއުޅޭ ލޯބޮޑު ކަންނެއްޏަށް އަމާޒުކޮށްގެން ލޭނު އެޅުން ކަމަށެވެ.

"އޭރުން އަޅުގަނޑުމެންގެ ފެކްޓްރީތަކަށް މަސް ލިބި، އަޅުގަނޑުމެންގެ ފެކްޓްރީތަކަށް އިގްތިސާދީ ގޮތުން ހަރަކާތްތެރި ވެވޭނީ. އެކަން ކުރުމަށް މިހާރު ހުރި ދަތިތަކުގެ ތެރޭގަ ހިމެނޭ، އަޅުގަނޑުމެންގެ ރާއްޖޭން މިޔަރު މަސްވެރިކަން ހުއްޓުވުމަށް އަޅާފަ ހުރި ފިޔަވަޅުތައް. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތް ކުރާއިރުގަ، އަޅުގަނޑުމެން ކުރަން ޖެހޭނީ ލޯންގްލައިން އަޅާ ބުޅިތަކުގަ މިޔަރު ނުބޭނޭކަހަލަ ގޮތަކަށް. އެކަން ކުރުމުގެ ޓެކްނޮލޮޖީ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ޓްރަޔަލްތަކެއް ހަދައިގެން އެކަން ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެހެންކަމުން، މާ ލަސްނުވެ އެކަމަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލޯންގްލައިން މަސްވެރިކަން ކުރުމަކީ ރާއްޖެއަށް ވަރަށް ފައިދާހުރި ކަމެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!