މަސްވެރިކަމާއި ގުޅޭ

ކ. ކާށިދޫ -- ފޮޓޯ/ މުޙައްމަދު ނަޝާޙް، ފޭސްބުކް
ކ. ކާށިދޫ -- ފޮޓޯ/ މުޙައްމަދު ނަޝާޙް، ފޭސްބުކް

ކާށިދޫގައި މަސްވެރިކަން ފަށައިގަތުމަށް އޮތް ދައްޗަކީ އެން ނުލިބުން

ކ. އަތޮޅުގެ އެހެން ރައްރަށާ ތަންކޮޅެއް ދުރުގައި އޮންނަ ކާށިދޫ އަކީ، މަސްވެރި ރަށެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ޑިންގީފަހަރުގައާއި ކުދި ދޯނި ފަހަރުގައި ނިކުމެ ވަދާ ދުއްވައި، ކޮންމެވެސް ވަރަކަށް ފަރު މަހުގެ މަސްވެރިކަން ކުރި ނަމަވެސް، އެ ރަށަކީ އެހާ މަސްވެރި ރަށެއް ނޫނެވެ.

"ކޮންމެވެސް ވަރަކަށް [މަސްވެރިކަން[ ކުރާނެ، އަނެއްހެން އާމްދަނީ ހޯދުމުގެ ގޮތުން، އެއީ އާއްމުކޮށް ކުރާ މަސައްކަތަކަށް ހަދައިގެން މަސްވެރިކަން ކުރާ ބަޔަކު ހަގީގަގުތަ ނޫޅޭ މިރަށުގަ،" ކާށިދޫގެ މަސްވެރިކަމާ ގުޅޭގޮތުން، އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވިއެވެ.

ކ އަތޮޅުގެ މަސްވެރިކަމަށް ބަލާއިރު، މަސްވެރި ރަށްރަށް ހުންނަ ކަމަށާއި ނަމަވެސް ކާށިދޫގައި މަސްވެރިކަން ދަށީ ކަމަށް އާމިރު ވިދާޅުވިއެވެ.

"ކާށިދޫމީ ތަފާތު ރަށެއް. ކާށިދޫއަކީ ދަނޑުވެރި ރަށެއް. ދެން އެހެން ރަށްރަށުގައި އާއްމުކޮށް މަސްވެރިކަން ކުރާ ކަމަށް އަޅުގަނޑަށް އެނގިފަ އޮތީ. މިސާލަކަށް ގާފަރަކީ މަސްވެރި ރަށެއް، ދިއްފުއްޓަކީ މަސްވެރި ރަށެއް، މާފުއްޓަކީވެސް މަސްވެރިރަށެއް،" އާމިރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުން ނަފާ ހޯދާ ކާށިދޫއަކީ ތަންކޮޅެއް އިހުޒަމާނުގައި މަސްވެރި ރަށެކެވެ. އެހެން ނަމަވެސް ފަހު މާޒީއެއްގަ، މިސާލަކަށް ފާއިތުވި 30-40 އަހަރު ތެރޭގައިވެސް ކާށިދޫއަކީ ދަނޑުވެރި ރަށެއްގެ ގޮތުގައި އާމިރު ސިފަކުރައްވައެވެ. މިހާރު މާބޮޑު މަސްވެރިކަމެއް އެރަށުގައި ނުކުރެއެވެ.

ކާށިދޫ ބަނދަރު -- ފޮޓޯ/ވަގުތު އިމޭޖަސް

އާމިރު ވިދާޅުވި ގޮތުގައި، ކާށިދޫގައި މަސްވެރިކަން ދިރުވޭތޯ މަސައްކަތް ކުރަމުންދެއެވެ. އެގޮތުން، ކާށިދޫ ރައްޔިތުންނާއި ކައުންސިލުން ކުރި މަސައްކަތުން، އެރަށް ކައިރީގައި އޮއެވާލި ކަނދުފައްޗެއް އެޅިއެވެ. އެހެންނަމަވެސް، އޭގެ ބޭނުން ނުކުރެވި ވަނިކޮށް، އެއަށް ވީ ގޮތެއް ނޭނގި، ކަނދުފަތި "ގެއްލުނީ" ކަމަށް އާމިރު ވިދާޅުވިއެވެ.

"އަލުން ކަނދުފަތި އަޅުއްވައިދެއްވާނެކަމަށް، ވަރަށް ފަހުން އަޅުގަނޑަށް މިނިސްޓަރު ގުޅުއްވާފަ ވިދާޅުވި. އުންމީދު މިކުރަނީ އަނެއްކާވެސް ހަމަ ކަނދުފަތި އަޅުއްވައިދެއްވާނެ ކަމަށް. އޭރުންދެން އަޅުގަނޑުގެ އުންމީދަކީ މި ރަށްވެސް މީ މަސްވެރިކަމުގެ ސިނާއަތު އޮންނަ ރަށަކަށް ބަދަލުވެގެން ދާނެކަމަށް،" އާމިރު ވިދާޅުވިއެވެ.

ރިޔާސީ ވައުދު ފުއްދުމަށް ކ. ކާށިދޫ ކައިރީގައި މަސްކަނދުފަތި ހަރުކޮށްފި

ކާށިދޫގައި މަސްވެރިކަމުގެ ސިނާއަތު ނޯންނަނީ، އެންވެރިކަން ނެތުމުން ކަމަށް އާމިރު ވިދާޅުވިއެވެ. އެރަށު ފަޅުތެރޭގައިވެސް މައިގަނޑު ގޮތެއްގަ އެމަކަށް ލިބޭނީ ހިކާއެވެ. އެހެން ބާވަތްތަކުގެ އެން ނުލިބުމަކީ މަސްވެރިކަން ކުރުމަށް އޮތް ގޮންޖެހުމެކެވެ.

"މި ސަރަހައްދަކީ މީ މަސްވެރިކަން ނޯންނަ ސަރަހައްދެއް ނޫން. މި ސަރަހައްދުގަ ހަމަ މަސްވެރިކަން ކުރަންވެސް ކުރާނެ. އެކަމަކު މިރަށް ކައިރިން އެން ލިބޭނެ ގޮތެއް އަނެއްހެން ނޯންނާނެ. އެކަނި އޮންނަ، މާކަނޑުގެ މެދުގަ އެކަނި އޮންނަ ރަށެއްވީމަ. ހާހަލާ ގިރިގިރި ކައިރިކައިރީގައި ނޯންނާތީ، އެއީ އަސްލުގަ، [އެންވެރިކަން ނެތުން] މައިގަނޑު މައްސަލައަކީ،" އެރަށުގައި މަސްވެރިކަން ކުރިއެރުވުމަށް ދިމާވާ ދަތިކަން ހިއްސާކުރަމުން އާމިރު ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެން ލިބޭނެ ގޮތެއް އޮންނަ ނަމަ ކުރިއަށް އޮތް ތާނގައިވެސް ކާށިދޫއަކީ މަސްވެރި ރަށަކަށް ވެގެންދާނެ ކަމަށެވެ.

ކާށިދޫގައި މަސް ކައްކާ ވިއްކުން މިހާރު ކުރިއަށް ނުދިޔަ ނަމަވެސް، އެކަން ކުރި އެރުވުމަށްޓަކައި ކައުންސިލްގެ ތަސައްވަރެއް ވެއެވެ. ކައުންސިލުން ހަދާފައިވާ ތަރައްގީގެ ޕްލޭންގައި، މަސް ކައްކާތަނެއް ދޫކުރަން ވަނީ ހިމަނާފައެވެ. ކާށިދޫއަކީ، އެހެން ރަށްރަޑުގެ މަސްދޯނި މަސް ވިއްކަން ދާ ރަށެއް ކަމަށްވާތީ، މަސް ގަނެގެން ކައްކާ ހިއްކުމުގެ މަސައްކަތް އެރަށުގައި ކުރެވޭނެ ކަމަށް އާމިރު ވިދާޅުވިއެވެ. އެހެންކަމުން، ބިންބޮޑު ކާށިދޫގައި މަސްވެރިކަމުގެ ސެކަންޑްރީ ސްޓޭޖް ގާއިމު ކުރުމަށް ކައުންސިލުން ވިސްނުން ގެންގުޅެއެވެ.

"އިތުރަށް މަސްވެރިކަން ފުޅާ ކުރުމަށްޓަކައި އެންމެ ފުރަތަމަވެސް މިރަށުގަ ދޯނިފަހަރު ފުރަތަމަ އުފެދެން ޖެހޭނީ. ދޯނިފަހަރު ނުއުފެދެނީވެސް އެންވެރިކަން ނޯންނާތީ. ދޯނިފަހަރު އުފެދޭނެ ކަމަށް ގަބޫލު ކުރެވޭ، އޮއެވާލި ކަނދުފައްޗެއް އަނެއްކާވެސް އެޅި، އެ ބޭނުން ކުރަން ފެށިއްޖެ ނަމަ. މިރަށުގައި ދޯނި ފަހަރު އުފެއްދޭނެ ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރޭ. ދެން އަޅުގަނޑުވެސް [އެކަން] ގަބޫލު ކުރަން،" ކާށިދޫއަށް މަސްވެރި ކުރިމަގެއް ހޯދޭނެކަމަށް އުންމީދު ކުރައްވާކަން ފާހަގަކޮށް އާމިރު ވިދާޅުވިއެވެ.

އެ އުންމީދާއެކު، ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމުން، މަސްކައްކާ ހިއްކުމުގެ މަސައްކަތުގެ ބިޑަށް ހުޅުވާލަން ކައުންސިލުން ދަނީ ތައްޔާރުުވަމުންނެވެ. އެފަދަ މަސައްކަތެއް ފެށިއްޖެނަމަ، އެ ރަށަށް މަސް ވިއްކަން ދާ ދޯނިފަހަރު ވެސް އިތުރަށް ގިނަވާނެ ކަމަށާއި ކާށިދޫއަކީ މަސް ކައްކާ ހިއްކުމުގެ ރަނގަޅު މާކެޓަރަށް ވެގެންދާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތާނގައި އެރަށަކީވެސް ކަޅުބިލަމަހުގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަންވެސް ކުރާ ރަށަކަށް ވެގެން ދިއުމަކީ ކައުންސިލްގެ އުންމީދެކެވެ. މަސްވެރިކަން ނެތުމަކީ ހަގީގަތުގަ އެރަށުގެ އިގްތިސޯދަށް ވަރަށް ދަތިވާ ކަމެއް ކަމަށް އާމިރު ފާހަގަ ކުރެއްވިއެވެ.

ކާށިދޫގައި މަސްވެރިކަން ފެށިގެން ދިއުމަކީ އެ ރަށަށް ލިބޭ އިގްތިސޯދީ ކުރިއެރުމަކަށް ވާނެ ކަމަށާއި ކައުންސިލްގެ ތަސައްވަރަކީ، މަސްވެރިކަމާ، ޓޫރިޒަމާ، ދަނޑުވެރިކަމާ މި ތިން ސިނާއަތް، އެއް ސިނާއަތުން އަނެއް ސިނާއަތާ ގުޅިގެންދާ އިކޮނޮމީއެއް ކާށިދޫގައި ގާއިމު ކުރުން ކަމަށް އާމިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!