މަސްވެރިކަމާއި ގުޅޭ

ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި
ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި

ތެލުގެ އަގު ބޮޑުކަމުން، ކަނޑުމަހުގެ މަސްވެރިންނަށް ހަރަދު ކަނޑާފައި ފައިދާއެއް ނުވޭ

މި ހަފްތާއިން ފެށިގެން ގަ އަތޮޅަށް ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައާއެކު ގިނަ ދޯނިފަހަރު މަހަކަށް ނުފުރައެވެ. ފުރި ނަމަވެސް ތެލުގެ އަގު ބޮޑުކަމުން، ހަރަދު ކަނޑާފައި ފައިދާ ނުވާ ކަމަށް އެ ސަރަހައްދުގެ މަސްވެރިން ބުނެއެވެ.

މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސްވެރިކަން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށް، މި ނޫހާ ވާހަކަ ދެއްކި ފަތެސްމާތޮޑާ މަސްވެރިއަކު ބުންޏެވެ. އޭނާ ބުނިގޮތުގައި، ގއ، ގދ، އަދި އައްޑޫގައިވެސް މިވަގުތު ކަނޑުމަހުގެ މަސްވެރިކަން ރަނގަޅެވެ. އެގޮތުން އިއްޔެ ތިނަދޫ ކައިރިން މަސްވެރިކަން ރަނގަޅުކަމަށް އޭނާ ބުންޏެވެ.

ކަނޑުމަހުގެ މަސްކިލޯއެއް މިހާރު އުޅެނީ 17 ރުފިޔާއަށް ކަމަށް ފާހަގަ ކުރަމުން މަސްވެރިޔާ ބުނީ، ކުރިއަށް އޮތް މަސްތަކުގައި، މަސްވެރިކަން ވަރަށް ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދެތިން ދުވަހު ގދ އަތޮޅުގެ ދޯނިފަހަރު، އަށް ޓަނު، 10 ޓަނު، ނުވަތަ 15 ޓަނުހާމަސް ބާނާފައިވެއެވެ. ނަމަވެސް މޫސުން ގޯސްވުމުން ގިނަ ދޯނިފަހަރަށް މަހަކަށް ނުފުރެއެވެ.

މިއަށްވުރެ މޫސުން ރަނގަޅު ނަމަ، މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިޔާ ބުންޏެވެ.

އާއްމުކޮށް ފަރެސްމާތޮޑާ ކަނޑުމަސް ފޯނިފަހަރުގައި މަހަށް ދަނީ 20-30އާ ދޭތެރޭ މަސްވެރިންނެވެ. ފަރެސްމާތޮޑާ ސަރަހައްދުގައި ކަނޑުމަހަށް ދާނީ 90 ފޫޓަށްވުރެ ބޮޑެތި ދޯނީގައެވެ.

ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން މަސްވެރިޔާ ބުނީ، ތެލުގެ އަގު ބޮޑުވުމާއި، މަހުގެ އަގު ދަށްކަމުން، ހަރަދު ކަނޑާފައި މިހާރު ރަނގަޅު އެއްޗެއް ނުލިބޭ ކަމަށެވެ. ތެލުގެ އަގު ބޮޑުވުމުގެ ކުރިން، ދޮޅުޓަނެއްހާމަސް ބާނައިގެން ތެޔޮއަޅާލެވޭ ނަމަވެސް މިހާރު ދެ ޓަނެއްހާ މަސް ބޭނިޔަސް ތެޔޮކޮޅު އެޅެނީ ކިރިޔާ ކަމަށް މަސްވެރިޔާ ބުންޏެވެ.

ތެލުގެ އަގަށްއައި ބަދަލާއެކު، މިހާރު ދެ ޓަނު ނުވަތަ ދޮޅު ޓަނުހާ މަސް ބޭނޭނަމަ ގިނަ ދޯނިފަހަރު މަހަށް ނުފުރާނެ ކަމަށާއި އެއީ ހަރަދު ނުލިބޭތީ ކަމަށްވެސް މަސްވެރިޔާ ބުންޏެވެ.

"މަސްވެރިކަން އާއްމުކޮށް ދަށް ދުވަސްވަރެއްގަ ވެއްޖެއްޔާ ޓަނު، ދެ ޓަނު، ދޮޅު ޓަނު، އެކަހަކަ ގޮތަކަށް ބޭނޭނީ. އެހާ މަސް ބާނައިގެން ބޮޑު ދޯންޏަކަށް ކިރިޔާ ދެކޮޅު ޖެހޭނީ. އެ ދުވަހުގެ ހަރަދު އެދުވަހަކު ލިބޭނީ ތިން ޓަނު މަސް ބޭނިގެން،" މަސްވެރުޔާ ކިޔައިދިނެވެ.

އާއްމުގޮތެއްގައި ކޮންމެ ހަފްތާއަކުވެސް ކަނޑަންޖެހޭ ހަރަދު ތަކުގެ ތެރޭގައި، ޑީސަލް ހަރަދު، ކޮއްތު ހަރަދު، ބުޅި ކަންވާރު، އާރްއެސްޑަބްލިޔު ނުހުންނަ ދޯނިފަހަރުގައި ނަމަ އައިސް ހަރަދު، ޕެޓްރޯލް ހަރަދު، ފެނުގެ ހަރަ ހިމެނޭ ކަމަށް މަސްވެރިޔާ ބުންޏެވެ.

މަސްވެރިޔާ ބުނި ގޮތުގައި، މަސް ކިރާ ކުންފުނިތަކުގައި އެއް ރުފިޔާ ތަފާތު ހުރެއެވެ. އެހެންކަމުން މަސްވެރިން ބަލާނީ އެންމެ ރުފިޔާއެއްވެސް ބޮޑުކޮށް ކިރާ ކުންފުނިތަކަކަށް ކަމަށް އޭނާ ބުންޏެވެ.

"އެންސިސް، ހޮރައިޒަން އިން، އެމީހުން ހުޅުމާލޭގަ ތިބެފަ، ދޯންޏެއް ކުއްޔަށް ނަގައިގެން ނަމަވެސް ނުވަތަ އެމީހުންގެ ދޯންޏެއްގަ ނަމަވެސް، ހުވަދު އަތޮޅަށް އައިސް އެމީހުން އެބަ ގަނޭ 18 ރުފިޔާއަށް މަސް ކިލޯއެއް. ދެން މިފްކޯއަށް [އެ އަގުގައި] ނުގަނެވެންވީ ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. މިފްކޯއިން، ކޫއްޑޫއިން އަބަދުވެސް ގުޅާ ކެޔޮޅުންނަށް، މަސް ނުލިބިގެން، އެމީހުން ޗާޓަރު ބޯޓެއް ނޫނީ ކެރިއަރ އިން ބޭރަށް ގެންދަން މަސް ނުލިބިގެންނޭ މިއުޅެނީ، ދެ މަސް ތިންމަސް ވެއްޖޭ ބޯޓު ފުލްވާ ވަރަށް މަސް ނުލިބިގެން އުޅޭތާ. އެކަމަކު އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގަ، އެމީހުންވެސް 18 ރުފިޔާއަށް ގަންނަ ނަމަ، ފުލް ވާ ވަރަށް މަސް އެބަ ބާނާ ހުވަދު އަތޮޅުންނާ އައްޑޫން،" މަސްވެރިޔާ ބުންޏެވެ.

މީގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަމަށް މިހާރު ކުރިމަތިވާ ދަައްޗެއްކަމަށް މަސްވެރިޔާ ފާހަގަ ކުރީ، އެ އަތޮޅަށް އެން ލިބުމުގެ ދަތިކަމެވެ. ނަމަވެސް އެކަމުގެ ވަކި ސަބަބެއް ނޭނގޭކަމަށް މަސްވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!