މަސްވެރިކަމާއި ގުޅޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަނުމުގެ ސަބބަުން މީގެ ކުރިން ޖޫރިމަނާ ކުރި ބޯޓެއް -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަނުމުގެ ސަބބަުން މީގެ ކުރިން ޖޫރިމަނާ ކުރި ބޯޓެއް -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ދެ ބޯޓު، 7 ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުމަށްފަހު ފުރައިފި

ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ދެ ބޯޓު، ހަތް ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުމަށްފަހު ފުރައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ ދެ މަސްވެރި އުޅަނދެއްގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅި ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މި ދެ އުޅަނދަކީ، މިިދިޔަ މަހު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލެއްގެ ތެރެއިން އަތުލައުގަތް ދެ ބޯޓެވެ. އަދި އެ ދެ ބޯޓު އަތުލައިގެންފައި ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މި ނޫހަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީން ބުނީ، ސްރީލަންކާއަށް ނިސްބަތްވާ އެ ދެ އުޅަނދު އަތުލައިގަތީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ޖުމުލަ ހަތް ލައްކަ ރުފިޔާއިން ދެ ބޯޓު ޖޫރިމަނާ ކުރި އިރު، އޭގެ ތެރެއިން ހަ ލައްކަ ރުފިޔާއަކީ އުޅަނދު އެކެއްގެ ޖޫރިމަނާއެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކޮށްފައި ވާތީ، އެކަމާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އަދި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާ ގުޅިގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެކެވެ.

ދެވަނަ އުޅަނދު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ، މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުންނެވެ.

"އުޅަނދު އެކެއްގަ ހުރި ތިން ޓަނު ކަނޑުމަހުގެ ބާވަތްތައް. އެހެންވެގެން ފަސް ލައްކަ ފުރިޔާގެ ޖޫރިމަނާއެއް އައީ. ދެވަނަ އުޅަނދު އަތުލައިގަތްއިރުގަ، އެ އުޅަނދަކު އެއްވެސް މަހުގެ ބާވަތެއް ނެތް. އެހެންވީމަ، މަސްވެރިކަން ކުރީމަ އެ އަންނަ ޖޫރިމަނާ އެ ބޯޓަކަށް ނާދޭ،" މި ނޫހަށް މައުލޫމާތު ދެއްވި މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ، ޖޫރިމަނާގެ ފައިސާ ރޭގެ ވަގުތެއްގައި ދެ ބޯޓުން ދައްކާފައިވާ ކަމަށާއި، ޖޫރިމަނާ ދެއްކުމާއެކު ދެ ބޯޓު ފުރުވާލާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް މަސްވެރިކަމުގެ ގާނޫނާއި ހިލާފުވެގެން ބޭރުގެ އުޅަނދުތައް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި އެގޮތުން ޖޫރިމަނާ ދެއްކި އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވާއިރު، ޖޫރިމަނާ ނުދައްކާ ހަތަރު އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ގަވާއިދާ ހިލާފަށް ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ. ބައެއް ފަހަރަށް މިފަދަ ބޯޓުތަކުން މަސްވެރިކަން ކުރާތަން ފެނި، ދިވެހި މަސްވެރިން ރިޕޯޓުވެސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!