މަސްވެރިކަމާއި ގުޅޭ

viber_image_2022-09-21_10-45-31-215

10 ޓަނު މަހާއެކު ހުދަންބަރު ދޯނި ފަރަށް އެރީ، ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްއަތަށް ހުންގާނު ދިން ފަހުން

ދިހަ ޓަނު މަހާއެކު ދަތުރު ކުރަމުން ދިޔަ "ހުދަންބަރު" ދޯނި ފަރަށް އަރައިފިއެވެ. ކ. ގާފަރަށް ނިސްބަތްވާ މި ދޯނި، ފ. އަތޮޅު 'ހިމިތި' ކިޔާ ފަރަކަށް އަރާފައި ވަނީ، ދޯނީގެ ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްއަތަށް ހުންގާނު ދިން ފަހުން ކަމަށް ގާފަރަށް ނިސްބަތްވާ މަސްވެރިއެއް މި ނޫހަށް މައުލޫމާތުދިނެވެ.

މަސްވެރިޔާ ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާއި، އެހިސާބަށް ރޭންޖް ލިބުމުގައި ދަތިތަކެއް އުޅޭތީ، މިވަގުތުގެ ހާލަތު އެހާ ސާފު ނުވާ ކަމަށެވެ.

ދޯނީގެ ދެ މަސްވެރިއަކަަށް އަނިޔާ ވެފައި ވާކަމަށް މައުލޫމާތު ލިބޭކަން ފާހަގަކޮަށް މަސްވެރިޔާ ބުނީ، އެކަމުގެ އިތުރު ތަފްސީލުވެސް ހޯދޭނީ ރަނގަޅަށް ރޭންޖް ލިބުމުން ކަމަށެވެ.

ގާފަރު ދޯންޏެއް ފ. އަތޮޅު ފަރަކަށް އަރައިގެން އުޅޭކަން، ފ. ފީއަލީ ކައުންސިލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެރަށު ކައުންސިލްގެ ރައީސް މޫސާ އަހުމަދު މި ނޫހަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ފީއަލީ ދެ ޑިންގީއެއް، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ރަށުގެ ހުރިހާ ދޯނިފަހަރު މަހަށް ފުރާފައި ވާތީ، މިވަގުތު އެތަނަށް ދާނެ ބޮޑު އުޅަނދެއް ރަށުގައި ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

އެ ސަރަހައްދުގެ މިހާރުގެ ހާލަތު އެއްކޮށް ސާފު ނުވަނީ، އެ ސަރަހައްދަށް ރޭންޖް ނުލިބޭތީ ކަމަށް މޫސަވެސް ފާހަގަ ކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަން ކުރަމުންދިޔަ ހުދަންބަރު ދޯނި، ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތިދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!