މަސްވެރިކަމާއި ގުޅޭ

ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން
ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

މާންދޫއިން ދޯންޏަކަށް މަސް ކިރާ ވަރު ލިމިޓް ކޮށް، އަގު ދަށްކޮށްފި

މާންދޫއިން ދޯންޏަކަށް މަސް ކިރާ ވަރު ލިމިޓް ކޮށް، އަގު ދަށްކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްކޮމްޕްލެކްސް އިން މަހުގެ އަގު ދަށްކޮށް، މަސް ކިރާވަރު ކޮންޓްރޯލް ކުރިކަން އިއުލާނު ކުރީ މިއަދުއެވެ.

އެ ކޮމްޕެނީއިން އާއްމު ކުރި އިއުލާނެއްގައި ބުނީ، އެ ކޮމްޕެނީއިން މަސް ކިރުން ކޮންޓްރޯލް ކުރަން ނިންމީ، މި ދުވަސްކޮޅު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވުމާ ގުޅިގެން، ގިނަ ދޯނިފަހަރަށް މަސްކިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް މަސް ލިބޭ ނިސްބަތުން، ދުވަހުން ދުވަހަށް މި އަދަދު ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

ލިމިޓާ އެއްގޮތަށް، ދަށްކުރި އަގުތަކުގައި މަސް ކިރާނީ މާދަމާއިން ފެށިގެންނެވެ. އެއީ ދޯންޏަކަށް 12 ޓަނު މަހެވެ.

މާދަމާއިން ފެށިގެން އެ ކުންފުނިން، 1.5 ކިލޯއިން މަތީގެ ފިނިކުރި މަސް ގަންނާނީ، ކިލޯއެއް 15.50 ރުފިޔާގެ ރޭޓުންނެވެ. އަދި 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް 7.50 ރުފިޔާއަށް ގަންނަން ނިންމާފައި ވާއިރު، 1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް ގަންނާނީ 13.50 ރުފިޔާއަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް ގަންނާނީ 5.50 ރުފިޔާއަށެވެ.

މީގެ ކުރިން މާންދޫއިން 1.5 ކިލޯއިން މަތީގެ ފިނިކުރި މަސް ގަންނާނީ، ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ. އަދި 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް 9 ރުފިޔާއަށް ގަންނައިރު، 1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް ގަންނަނީ 15 ރުފިޔާއަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް ގަންނަނީ 6 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!