މަސްވެރިކަމާއި ގުޅޭ

ESWDS-10

އައްޑޫ ރަހާ ދޯންޏަށް ނުކިރުނު މަސްކޮޅު، ފިޔޯރީ ރައްޔިތުންނަށް ބަހާދީފި

އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ "ރަހާ" ދޯންޏަށް ނުކިރުނު މަސްކޮޅު، ގދ. ފިޔޯރީ ރައްޔިތުންނަށް ބަހާދީފިއެވެ.

ފިޔޯރީ ކައުންސިލް މެމްބަރު ފަސީލާ ރަޝީދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަހާ ދޯނިން އެރަށަށް މަސް ބަހާދީފައި ވަނީ ރޭ އަށެއް ޖަހާކަންހާއިރު ކަމަށެވެ.

"[އެ ދޯނި] ޖެޓީ ކައިރިއަށް އައިސް ހަމަ ބޭނުން ބަޔަކަށް ބަހާލީ" ފިޔޯރީ ރައްޔިތުންނާ ރަހުމަތްތެރި ރަހާ ދޯނިން ދެ ޓަނު މަސް ބަހާދިން ކަމަށް ފަސީލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފިޔޯރީގައި މަސް ދޯންޏެއް ނޯންނާތީ އާއްމު ރައްޔިތުން ތިބީ މަހަށް ވަރަށް ބޮޑަށް ދަތިވެފައި ކަމަށެވެ. އެހެންކަމުން މިގޮތަށް މަސްކޮޅެއް ލިބުނީތީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، ރަހާ ދޯންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

އާބާދީގައި 1500 މީހުން ހިމެނޭ ފިޔޯރީގައި ދިރިއުޅެނީ 700 އެއްހާ މީހުންނެވެ. ފަސީލާ ވިދާޅުވި ގޮތުގައި، ރޭ ރަށުގެ އެންމެންނަށްވެސް މަސް ލިބުނެވެ.

"އަވަހަށް ދެވުނު މީހުންނަށްތާ ގިނައިން ލިބޭނީ. ދެން ފަހުން ހަބަރުތައް ލިބިގެން ދިޔަ މީހުންނަށް ތަންކޮޅެއް މަދުން ލިބުނީ. އެކަމަކު ހީވާގޮތުން އެންމެންނަށްވެސް ލިބުނު. ގިނައިން ލިބުނު މީހުންވެސް އެހެން މީހުންނަށް ދީ ހެދީމަ،" މުޅި ރަށަށްވެސް މަސް ލިބުނުކަން ފާހަގަކޮށް ފަސީލާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!