މަސްވެރިކަމާއި ގުޅޭ

މިފްކޯގެ 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލު ކުރުމުގެ ތެރެްއިން -- ފޮޓޯ/ ފެނަކަ
މިފްކޯގެ 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލު ކުރުމުގެ ތެރެްއިން -- ފޮޓޯ/ ފެނަކަ

މިފްކޯއިން ހިންގި 13 އައިސްޕްލާންޓް ފެނަކައާއި ހަވާލުކޮށް، "ފެނަކަ އައިސް" އެޕްލިކޭޝަން އިފްތިތާހު ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހިންގަމުން ދިޔަ 13 އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ފެނަކަ ހެޑް އޮފީހުގައި ވަނީ ހާއްސަ ރައްމިއްޔާތެއް ބާއްވާފައެވެ. މިފްކޯގެ އައިސްޕްލާންޓް ފެނަކައާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަޙްމަދު ސަޢީދު މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވަނީ މަސްވެރިކަމުގައި އައިސް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މިފްކޯއިން ފާއިތުވި އަހަރުތަކުގައި މަސްވެރިކަމަށް ކޮށްދެއްވާފައިވާ ޚިދުމަތައްޓަކައި މިނިސްޓްރީގެ ނަމުގައާއި ސަރުކާރުގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންްފުންޏަށް ވެފައި، އައިސް އުފެއްދުމަށް ބޭނުންވާ މައިގަނޑު ދެ ވަޞީލަތް ކަމުގައިވާ ފެނާއި ކަރަންޓު އުފެއްދުމުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފެނަކައިން މިހާރުވެސް ކުރަމުން އަންނަ މަސައްކަތަކަށް ވުމުން އެންމެ އަގުހެޔޮކޮށް (ނުވަތަ އެފިޝަންޓްކޮށް) ރާއްޖޭގައި އައިސް އުފެއްދޭނީ ފެނަކައަށް ކަން މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ފެނަކައިގެ އޮފީސްތައް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުރުމުގެ ސަބަބުން އައިސްޕްލާންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް  ފަސޭހަވެ މައްސަލަޖެހޭ އައިސްޕްލާންޓް ޚިދުމަތް އަލުން އިއާދަ ކުރުމަށް ނަގާ މުއްދަތު ކުޑަކުރެވިގެން ދާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ "ފެނަކަ އައިސް" އެޕްލިކޭޝަން އިފްތިތާހު ކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އައިސް "ޕްރީ އޯޑަރ" ކުރެވޭނެއެވެ.

މިކަމުގެ ސަބަބުން މަސްވެރިންނަށް ބޭނުންވާ އައިސް ވަގުތުން ވަގުތަށް ލިބި، އައިސް ނުލިބިގެން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ، މި ހިދުމަތް ދުވަހުން ދުވަހަށް ދިނުމުގައި ރައްޔިތުނަށް އެންމެ އިންސާފުވެރިކޮށް ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކިއު ސިސްޓަމް މެދުވެރިކޮށް ނަންބަރު ދޫކުރެވި އަދި ނަންބަރު ތަރުތީބުން އައިސް ދޫކުރެވިގެންދާ ކަމަށެވެ.

މިފްކޯ އިން ފެނަކަޔަށް ހިންގުން ބަދަލުކުރާ 13 އައިސް ޕްލާންޓް:

  1. ހއ.އިހަވަންދޫ
  2. ނ.ޅޮހި
  3. ރ.އަލިފުށި
  4. ބ.ތުޅާދޫ
  5. ފ.ނިލަންދޫ
  6. ތ.ހިރިލަންދޫ
  7. ގއ.ދާންދޫ
  8. ގއ.ދެއްވަދޫ
  9. ގއ.ގެމަނަފުށި
  10. ގއ.ކޮލަމާފުށި
  11. ގދ.ފިޔޯރީ
  12. ގދ.ފަރެސްމާތޮޑާ
  13. ސ.ހިތަދޫ

މީގެ އިތުރުން މިއަދުގެ ފަހުގެ ވަގުތެއްގައި ފ. ފީއަލީ އައިސްޕްލާންޓް ފެނަކައާ ހަވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!