މަސްވެރިކަމާއި ގުޅޭ

އެންކެޔޮޅު: އެން ކެޔޮޅުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

އެން ކެޔޮޅަކަށް ވާން ބޭނުންވާ ޒުވާނަކީ ވަރަށް ހީވާގި އަދި މުރާލި މީހަކަށް ވާންވާނެއެވެ.

ނުވަތަ އެ ގޮތަށް މަސައްކަތް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. އޭނާއަކީ "ކަނޑުގެ މީހަކަށް" ވާން ޖެހޭނެއެވެ. މޫދާއި ވަރަށް ރައްޓެހި މީހަކަށް ވާންޖެހޭނެއެވެ. މިޒަމާނުގައިނަމަ، ޑައިވްކުރަން ނޭގޭ ހާލަތުގައި ދުވާލު އެން ހޯދަން މަސައްކަތްކުރާއިރު، އެން ހުރިތޯ ބަލަން އެންމެ ފުރަތަ ފައިބަން ޖެހޭނީ އެންކެޔޮޅެވެ. ނުވަތަ އެންކެޔޮޅަކަށްވާން މަސައްކަތް ކުރާ މީހާއެވެ.

(ދުވާލު އެންހޯދަން މަސައްކަތްކުރާއިރު، އެން ހުރިތޯ ބަލަން މޫދަށް ފޭބުމުގެ ފުރަތަމަ ގޮތަކީ ފިންސާއި މާސްކް ޖަހައިގެން ފަރުތަކުގެ ކައިރީ ހުނަން އެންގަނޑުތައް ފެނޭތޯ ފީނާ ހެދުމެވެ. ދެވަނަ ގޮތަކީ ޑައިވަރުން ފަރުތަކުގެ ފުން ސަރަހައްދުތަކަށް ފީނާއިރު، ޑައިވަރުންގެ ހަރަކާތް ބެލުމަށާއި އަދި އެންގަނޑު ފެނުމުން އެ ސަރަހައްދު ފާހަގަކުރުމަށް ގެންދާ ކަންވާރުގައި ހިފުމަށް މޫދަށް ފޭބުމެވެ. ކަންވާރުގައި ހިފައިގެން ޑައިވަރުންގެ ހަރަކާތް ބެލުމަށް ދުވާލު ގަޑީގައި އެން ހޯދަން ކުރާ މަސައްކަތުގައި އެންކެޔޮޅަކަށް ވާން ބޭނުންވާ ޒުވާނާ އެޅެންވާނެއެވެ.)

ފަހަކަށް އައިސް އެންކެޔޮޅުގެ މުހިންމުކަމަށް އެހާ ބޮޑަށް ސަމާލުކަން ނުދެވެއެވެ. އެހެންނަމަވެސް، އެންކެޔޮޅުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ގިނައެވެ. ދޯނީގައި މައިގަނޑު ގޮތެއްގައި ކުރާ ހުރިހާ ކަމެއްގައި އިސްވެ އުޅެންޖެހޭ އެކަކީ އެންކެޔޮޅެވެ. ފަތިހު އެހެން މީހުންނަށް ވުރެ ކުރިން ހޭލަން ވާނެއެވެ. އެންދަމަން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވެ، އެހެން މީހުން ލައްވާ މަސައްކަތް ކުރުވަން ޖެހޭނެއެވެ. އެންދަމަން ފަށާ ވަގުތު "ދާ" އޮތީ ތައްޔާރަށްތޯ ޔަގީންކޮށް، އެންވަތް ރަނގަޅަށް ހުރިތޯ ބަލަން ވާނެއެވެ.

އެންއުކާ މީހާއަށް އެންކެޔޮޅޭ ކިއުމުގެ މާނައަކީ ޒިންމާ ނަގަން ކެރުމެވެ. ދޯނީގެ އެހެން ފަޅުވެރިންނަށް ނަމޫނާދައްކާ، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމެވެ. އެމާއި ގުޅުންހުރި އެންމެހައި ކަންތައްތަކުގެ އިލްމު ރަގަޅަށް އެނގި، އެހެން މީހުންނަށް ކިޔައިދެވެން ޖެހޭނެއެވެ.

އެންކެޔޮޅަކީ ދޯނީގެ އެންމެ އިސް 3 މީހުންގެ ތެރެއިން އެކަކެވެ. އެންކެޔޮޅުގެ މަސައްކަތް ހުންނަންޖެހޭ މިންގަނޑަކީ، ދޯނީގައި ކުރަންޖެހޭ މައިގަނޑު މަސައްކަތާއި މެދު ދޯނީގެ ކެޔޮޅު ހާސްކަމެއް ނެތި އެންކެޔޮޅަށް ފުރިހަމައަށް އިތުބާރުކުރެވޭ ވަރަށް މަސައްކަތް ކުރުމެވެ.

ކޮންމެ މަސައްކަތެއް ހަވާލުކުރިއަސް އެމަސައްކަތެއް ކުރުމަށް އެންކެޔޮޅު ހުންނަން ޖެހޭނީ ތައްޔާރުވެގެންނެވެ. އެންވަތުގައި ކިތައްމެ ދުވަހަކަށް އެން ގެންގުޅެން ޖެހުނުކަމުގައިވިޔަސް، ދޯނީގެ ކެޔޮޅުމީހާގެ ޝަކުވާއެއް ނުލިބޭ ފެންވަރަށް މަސައްކަތްކުރަން އެންކެޔޮޅަށް އެނގެންޖެހޭނެއެވެ. ތާޒާކޮށް އެންވަތް ބަލަހައްޓާ ފަރުވާތެރިކަމާއެކު ޒިންމާ އަދާކުރަންޖެހޭނެއެވެ. ކޮންމެ ދެ ގަޑިއަކުން އެންވަތް ބަލާ، ހަޑިފެން ސާފުކޮށް އެންވަތް ރަނގަޅަށް ބަލަހައްޓަން ޖެހޭނެއެވެ.

ކޮންމެ މީހަކަށް ވެސް އެން އުކާލެވިދާނެއެވެ. އެކަމަކު އެންކެޔޮޅެކޭ ކިޔަނީ ހަރުދަނާ، ޒިންމާ އަދާކުރާ ވެރިއަކަށެވެ. އެން އުކުމާއި، މަސްއައިނަށް އެންއުކާ، ދޯންޏާއި ކައިރިއަށް މަސް ގެނައުމުގައި އެންކެޔޮޅަކާއި އެހެން ފަޅުވެރިންނާއި ތަފާތުވާނެއެވެ.

ނޯޓް: މިއީ ގއ. ގެމަނަފުށީ، އިހުސާސް، އަޙްމަދު ޒާހިރު މަސްވެރިކަމުގައި ހޭދަކުރި24 އަހަރުގެ ތެރޭގައި އެންކެޔޮޅަކަށް މަސައްކަތްކޮށް ލިބުނު ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ދީފައިވާ މައުލޫމާތެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!