މަސްވެރިކަމާއި ގުޅޭ

FwbWMzMaMAAPtKh

މަސްކިރާ ބޯޓްފަހަރަށްދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އެބަހުރި: މިފްކޯ

މަސްކިރާ ބޯޓްފަހަރަށްދިމާވާ އެކި އެކި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ކުންފުނީގައި ވަނީ ގާއިމްކުރެވިފައިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ މަސްގަތުމުގެ އޮޕަރޭޝަނުގައި 14 އުޅަނދެއް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޯޓުފަހަރަށް ދިމާވާ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން،  ވަގުތީގޮތުން އޮޕަރޭޝަނަށް ދަތިކަމެއް އައިކަމުގައިވީ ނަމަވެސް ކުންފުނީގެ މަސްގަތުމުގެ އޮޕަރޭޝަނަށް ބޮޑު ބުރުލެއްނާރާ ކުރިއަށް ގެންދެވެނީ ކުންފުނީގެ އިންޖިނިއަރުންގެ ޓީމުގެ ގާބިލުކަމުންކަމަށެވެ.

އެގޮތުން ޖަޒީރާ 103 އަށް ދިމާވި މައްސަލައަށްވެސް ހައްލު ގެނައުމަށްފަހު މިހާރުވަނީ އޮޕަރޭޝަނަށް ގެނެވިފައިކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފްކޯގެ މަސްގަތުމުގެ އޮޕަރޭޝަނަށް މަސްވެރިންނާއި އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުންފުނިން ކުރާނެ ކަމުގެ ޔަގީންކަންވެސް މިފްކޯއިންވަނީ ދީފައެވެ.

މިފްކޯއިން އެންމެފަހުން ގެނައި މަސްކިރާ ބޯޓު " ޖަޒީރާ103" އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، މިދިޔަ ބުރާސްފަތިދުވަހުއެވެ. މި ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހުރި ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އަދި 420 މެޓްރިކް ޓަނުގެ މަސް މި ބޯޓުގައި ރައްކާކުރެވެއެވެ.

މި ބޯޓު ރާއްޖެ ގެނައީ ޖަޕާނުގައި މަސްވެރިކަމުގައި ބޭނުން ކުރަމުން ދަނިކޮށެވެ. ބޯޓު ރާއްޖެ ގެނެސްފައިވަނީ މަސްގަތުމަށް ފަސޭހަވާނޭގޮތަށް ބޯޓުގައި ކުރަންޖެހޭ ކަންކަން ސީނިއަރ އިންޖިނޭރެއްގެ ބެލުމުުގެ ދަށުން ކޮރެޔާގެ ޑިކްޔާޑެއްގައި ޑޮކް ކުރުމަށް ފަހުގައެވެ. މިގޮތުން މިފްކޯގެ އޮޕަރޭޝަަނަށް ފަސޭހަވާނެ ކަންކަން ހިމަނައިގެން ބޯޓަށް ގެންނަންޖެހޭ ބަދަލު ގެނެސްފައިވާނެކަން މިފްކޯއިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!