ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށްޓަކައި، މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްދުކޮށް އެތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމަށް ހުޅުވާލާ ކަމަށެވެ.
މިގޮތުން، 3 މީޓަރ 3 މީޓަރުގެ 8 ގޮޅި ހިމެނޭ (ޖުމްލަ 72 އަކަ މީޓަރު) ގެ ޖުމުލަ 57 މޫދުކޮށި (މަޢުލޫމާތު ކަރުދާހުގައި ތަފްސީލުކޮށްފައިވާ ފަދައިން ކޮށީގެ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭގޮތަށް)، ކޮށިސެޓެއް 285,278ރ (ދެލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ)ގެ މަގުން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮށީގެ އަގު ދައްކާ ޚަލާސްކުރާ ތަރުތީބުން އެ ފަރާތްތަކަށެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ.މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ކުދި ފާނަ ވިއްކުމަށް ހަމަޖެހިފައިވަނީ، ކ.މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 10 ސެންޓިމީޓަރާއި 14 ދެމެދުގެ ފާނައެއް 15ރ. (ފަނަރަ) ރުފިޔާ ގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބަށް ބަލައިގެންނެވެ.
އެހެންކަމުން މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން admin@fishagri.gov.mv އީމެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި، މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބައްލަވާލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަންބަރު 3028730 ފޯނަށް ގުޅައިގެން ތާރީހާއި ވަގުތު ހަމަޖައްސެވުމަށްފަހު ކ.މަނިޔަފުށްޓަށް ޒިޔާރަތްކުރުމުން ކޮށިތަކާއި ފާނަ ބައްލަވައިލެއްވުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
One Response
15 ރުފިޔާ އަށް ފާނައެއް ވިއްކީމަ ކޮންތާކު ޖެހެނީ؟
Comments are closed.