މަސްވެރިކަމާއި ގުޅޭ

ދިވެހި މަސްވެރިންތަކެއް މަސްބާނަނީ- ފޮޓޯ: ޒުވާން މަސްވެރިއާ/ޓުވިޓަރ
ދިވެހި މަސްވެރިންތަކެއް މަސްބާނަނީ- ފޮޓޯ: ޒުވާން މަސްވެރިއާ/ޓުވިޓަރ

އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް މަސްވެރިކަން ކުރިއެރުވުން މުހިންމު

ޒަމާނުއްސުރެ ދިވެހި މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ސިނާއަތެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރެހުގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައި އެއް މަސައްކަވެ. ނަމަވެސް ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ލިބެމުން އައި ނަފާ އިތުރުވެ މަސްވެރިކަމާމެދު ދެކެމުން އައި ގޮތް ބަދަލުވިކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

ކޮންމެއަކަސް މިއަދު އަނެއްކާވެސް މިވަނީ ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި މަސްވެރިކަން ފުޅާކުރުމާމެދު އިތުރަށް ވިސްނަން ޖެހިފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދަތުރުފަތުރުކުރުން ހުއްޓި، ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ފަތުރުވެރިކަމަށް މިވަނީ ބަނަ ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށްވެސް މިވަނީ ކޮށްފައެވެ.

ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ މާލީގޮތުވެސް މިވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ބޮޑެތި ވިޔަފާރިތައް ބަނގުރޫޓޫވާން ކައިރިވެފައިވާއިރު، ވިޔަފާރިތަކަށް މާލީ ދަތިކަން މިވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު އެންމެ ކުޑަކޮށް ކުރި އެއް ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއީ ދިވެހި ކާބަފައިން ޒަމާނުއްސުރެ ލޯބޯ ފިއްސައިގެން މި ޖީލާ ހަމައަށް ވާސިލުކޮށްދިން އަގުހުރި ދެ މަސައްކަތެވެ. މަސްވެރިކަމަކީ އަގުހުރި މަސައްކަތެއްކަން ދިވެހި ކާބަފައިން ވަނީ ސާބިތުކޮށްދީފައެވެ. ދިވެހި ކާބަފައިން ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރަށް ދިވެހި މަސްވެރިކަން ހެދީ ރިޔަލާއި ފަލީގައި ކަނޑަށް ނުކުމެ ބުރަ މަސައްކަތުންނެވެ.

މަހުން "ވެލިއު އެޑެޑް" އުފެއްދުންތައް އުފައްދައި އިތުރު ނަފާ ލިބޭނެ މަގުތައްވެސް ދިވެހި މަސްވެރިން ވަނީ ޒަމާނުއްސުރެ ހޯދާފައެވެ. ވަޅޯމަހާއި، ހިކިމަހާއި، ރިހާކުރާއި މިނޫންވެސް އެކި ގޮތްގޮތަށް މަހުގެ އުފެއްދުންތައް ބާޒާރުގައި ވިއްކަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ.

ފަތުރުވެރިކަން ފަދަ ސިނާއަތްތަކަށް އެކަނި ބަރޯސާވުމުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމަކީ މިއަދު ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމުގައި މުހިންމު ދައުރެއް އަދާކުރާނެ ސިނާއަތްތަކެއްކަން ޔަޤީނެވެ. ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ޑޮލަރަކީ ހަމައެކަނި ފަތުރުވެރިކަމުން ލިބޭ އެއްޗެއް ނޫނެވެ. ދިވެހި މަސްވެރިކަމުން ލިބޭ ޑޮލަރުވެސް ވަކި މަދެއް ނޫނެވެ. މިއީވެސް ފުޅާ މަސައްކަތެކެވެ. ކުރިއަރުވައި ދެމެހެއްޓިއްޖެނަމަ ނަފާ ބޮޑު މަސައްކަތެކެވެ.

މިއަދު ދިވެހި ޒުވާނުންނަށް މި ދާއިރާގެ މުހިންމުކަން ވިސްނެން އެބަޖެހެއެވެ. މިއީ ދެރަ މަސައްކަތެއް ނޫނެވެ. މި މަސައްކަތަކީ ކެރިއްޖެނަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ މަސައްކަތެކެވެ. ފިނި ކޮޓަރިއެއްގައި އަރާމު ގޮނޑިއެއްގައި އިނދެ ކުރާ މަސައްކަތަކަށް ނުވި ނަމަވެސް މިއީ ބޮޑު އާމްދަނީއެއް ލިބޭ އަގުހުރި މަސައްކަތެއްކަން ޤަބޫލުކުރަން ޖެހެއެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލި އެތައް މަސައްކަތްތެރިންނެއް މަގުމަތިވެފައިވާއިރު، މަސްވެރިން މިއަދުވެސް ވަޒީފާ ގެއްލިދާނެތީ ވިސްނާކަށް ނުޖެހެއެވެ. ދަތިތައް ކުރިމަތިވިޔަސް ކައިބޮއި ހަދާނެ މަގު މި މަސައްކަތުގެ ސަބަބުން މިއަދުވެސް މަސްވެރިންނަށް ވަނީ ފަހިވެފައެވެ.

މަސްވެރިކަމަކީ ވަރަށް ފުޅާ ސިނާއަތެކެވެ. ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެންހުރި ދާއިރާއެކެވެ. މަސްވެރިކަމަކީ ހަމައެކަނި ދޮށި ހިފައިގެން ކަނޑުމައްޗަށް ނުކުތުމެއް ނޫނެވެ. ތަފާތު ބާވަތްތަކުގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް އުފެއްދުމަކީވެސް މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކަމެކެވެ.

ދިވެހި މަސްވެރިން މިއަދު ބޭނުންވަނީ ސަރުކާރާއި އެކި އިދާރާތަކުން ދިވެހި މަސްވެރިންނަށް އިތުރު ފަހި ގޮތްތަކެއް ހޯދައިދީ މި ސިނާއަތް ކުރިއެރުވުމަށް އިތުރު ސަމާލުމަކެއްދިނުމެވެ. މަސްވެރިކަމަކީ ދިވެހިންގެ އިޤްތިޞާދުގެ މައި ލޭނާރަށް އަލުން ހެދުމަށް ބޭނުންވާ ހިތްވަރާއި އެއްބާރުލުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!