މަސްވެރިކަމާއި ގުޅޭ

0

ކޯވިޑް-19 ގެ ސަބަބުން ކެނަޑާގެ މަސްވެރިކަމަށް ލިބެމުންދާ ގެއްލުންތަކާބެހޭ ގޮތުން މަޝްވަރާކޮށްފި

ކޯވިޑް-19 ގެ ސަބަބުން ކެނަޑާގެ މަސްވެރިކަމާއި، އެކުއަރކަލްޗަރ ދާއިރާއަށް ކުރަމުުންދާ ނޭދެވޭ އަސަރުން އަރައިގަތުމާއިބެހޭ ގޮތުން ކެނޭޑިއަން ކައުންސިލް އޮފް ފިޝަރީޒޒް އެންޑް އެކުއަރކަލްޗަރ މިނިސްޓާޒް، ސީސީއެފްއޭއެމްއިން މަޝްވަަރާ ކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ކެނަޑާއި މަސްވެރިކަމާއި، އެކުއަރކަލްޗަރ ދާއިރާއަށް ކޯވިޑް-19 ގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި، މިކަމުން އަަރައިގަނެވޭނެ ގޮތްތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި އެކުއަރކަލްޗަރ ތަރައްޤީކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި މަސްވެރިކަމުގެ ދާއިރާގައި އިތުރު ވަޒީފާ އުފެއްދުމާއި، މަސްމަހާމެހީގެ ބާވަަތްތައް ދިރުވާ އާލާކުރުމާއި، މިކަންކަމަށް ހުރި ގޮންޖެހުންތަކުގެ އިތުރުން މަސްވެރިކަމާއި އެކުއަރކަލްޗަރގެ ދާއިރާ ކުރިއެރުވުމަށް ފަންޑު ކުރުމާއި، ފަންޑު ހޯދުމާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރިކަމަށް ސީސީއެފްއޭއެމްއިން ބުނިއެވެ. ސީސީއެފްއޭއެމްއިން ބުނީ މިބައްދަލުވުމުގައި ކެނަޑާގައި ބަނަ މަހާ، އުފައްދާ މަހުގެ ބާވަތްތަކަށް އަދި އެކުއަރކަލްޗަރގެ ވައްތަރުތަކަށް މާރކެޓް ހޯދުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރިކަމަށެވެ.

މިބައްދަލުވުމުގައި ކެނަޑާގެ މިނިސްޓަރ އޮފް ފިޝަރީޒް، އޯޝަންސް އެންޑް ކޯސްޓް ގާޑް ބޭނަޑެޓް ޖޯޑަން، މިނިސްޓަރ އޮފް އެންވާރަމަންޓު އެންޑް ނެޗުރަލް ރިސޯސަސް ފޮރ ނޯތްވެސްޓް ޓެރިޓޮރީޒް ޝޭން ތޮމްސަން ގެ އިތުރުން ކެނަޑާގެ ސަރަހައްދީ ސަރުކާރުތަކުގެ ކަމާބެހޭ އޮފިޝަލުން އަދި މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ބައިވެރިވިއެވެ.

މިބޭފުޅުން ވަނީ މަސްވެރިކަމާއި އެކުއަރކަލްޗަރގެ ދާއިރާ ކުރިއެރުވުމުގައި އެކި އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ މަޝްވަރާކޮށްފައެވެ. އަދި މިހާރު އެކި އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، މަސްވެރިކަމާއި އެކުއަރކަލްޗަރ އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތަކީ އަހަރަކު 31 ބިލިއަން ޑޮލަރު ކެނަޑާގެ އިޤްތިސާދަށް ވައްދާ ދާއިރާއެކެވެ. އަދި މަސްވެރިކަމާއި ގުޅުން ހުރި މިދާއިރާގައި 300،000 ހާހަށްވުރެ ގިނަ ފަރާތުން ދަނީ ވަޒީފާ އަދާކޮށް، އާމްދަނީ ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!