މަސްވެރިކަމާއި ގުޅޭ

ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުޞަތު ލައިސަންސް ދޫކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއެވެ.

މި ޚިދުމަތުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް އެދި ފޯމު ހުށަހެޅުމަށޓަކައި ވަކި ސުންގަނޑިއެއް ކަނޑައަޅާފައެއް ނުވެއެވެ. މިމަޝްރޫގެ ދަށުން އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރާނީ އުރީދޫ މޯލްޑިވްސްއިންކަމަށާއި މިކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލްކުރަން ޖެހޭނީވެސް އުރީދޫއަށްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ވެސަލް މޮނިޓަރިން ސިސްޓަމް ބޭނުންކޮށްގެން އުޅަނދުފަހަރު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބަލާލެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މި މަޝްރޫޢުއަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ދަށުން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ފެއްޓެވި މަޝްރޫޢެއްކަމަށް ފިށަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެއްޔާއި އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!