މަސްވެރިކަމާއި ގުޅޭ

kanneli masverin

ބޮޑުކަންނެލީގެ މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސް ނުލިބޭތީ ކަންބޮޑުވުންތަކެއް

ބޮޑުކަންނެލީގެ މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސް ނުލިބޭތީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިންނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓަރު އިއްޔަ ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް މި އެލަވަންސް ދިން ނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިއެލަވަންސް ނުދޭ ގޮތަށް ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ބުނަނީ، ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކަށް 100 މިލިޔަން ރުފިޔާގެ ކްރެޑިޓްލައިނެއް ދީފައިވާތީއެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، އަދި މިހާރުގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އިމްރާން މުޙައްމަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިހާރު ބޮޑު ކަންނެލީގެ މަސްވެރިންނަށް ލިބެންޖެހޭ އާމްދަނީ ނުލިބުމުގެ ސަބަބުން ޚަރަދު ކަނޑާލެވޭވަރު ނުވެގެން އެތަށް ދޯންޏެއް މަހަށް ނުފުރިވާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިންވެސްވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސް ނުލިބޭތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނީ، އެޔޫނިއަން އުފެދި މާގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑް 19 ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވި ދަތިތަކާއި އެޖަމްއިއްޔާއަށްވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މަސްގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅިފައިނެތުމާއި، އެކަށީގެންވާ މިންވަރަށް ރާއްޖެއަށް ބާނާ މަސް އެކްސްޕޯޓް ކުރެވޭނެ މާރކެޓްތައް ނެތުމާއި، ވާދަވެރި މާހައުލެއްގައި މަސްގަންނަމުންނުދާކަން އެޖަމްއިއްޔާއިން ފާހަގަކުރެއެވެ. އަދި ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާޢަތް މަދު ބަޔަކު ކޮންޓްރޯލްކޮށް، މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލަތައް ފާހަގަކޮށް، އެޔޫނިއަންއިންވަނީ މަޖިލީހާއި ބައްދަލުކޮށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އަދި އެތަށް ފަހަރަކު މަސްވެރިކަމުގެ މިނިސްޓްރީއާއި ބައްދަލުކޮށް ކަންބޮޑުވުންތައްވެސް ޙިއްސާކޮށްފައިވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިންވެސް ބުނަނީ، ފާއިތުވި މަސްތަކުގައި ދެބައިކުޅަ އެއްބަޔަށް މަސްގަންނަ އަގު ދަށްވުމުން މަސްވެރިންނަށް ލިބިފައިވަނީ، ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެއްދޭވަރުގެ އާމްދަނީއެއް ކަމަށެވެ.

" އޭޕްރީލްއިން ޖުލައި މަހާއި ހަމަޔަށް ކޮވިޑުގެ ސަބަބުން ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ގަންނަމުން އައިސްފައިވަނީ، 35 ރުފިޔާ އަށްވުރެ ދަށް އަގުތަކެއްގައި. އަދި ބައެއް ފަހަރު 20 ރ އާއި 25ރ އަށްވެސް މަސްގަނެފައިވޭ. ޢާންމު ގޮތެއްގައި މަހުގެ އަގު އެވްރެޖްކޮށް ހުންނަނީ، 40ރ އާއި 50ރ ގެ ދަށްވުމެއްގައި. އަދި އެވްރެޖްކޮށް ބޮޑުކަންނެލީގެ ބޮޑު އިންސައްތަ މަސްވެރިންނަށް 5،000 ރުފިޔާގެ އާމްދަނީއެއް މަހެއްގެ މައްޗަށް ނުލިބޭ." ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެއެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މަސްގަންނަ ފަރާތްތަކަށް މަސްގަތުމަށް ފައިސާ ދޫކޮށްފައިވާތީ، ބޮޑުކަންނެލި މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސަށް ޝަރުތު ހަމަނުވާނެކަން ނިންމާފައިވާތީ އެޔޫނިއަންއިންވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެނިންމުން ބަދަލުކޮށް، ބޮޑުކަންނެލީގެ މަސްވެރިންގެ ތެރެއިންވެސް 5000 ރުފިޔާގެ އާމްދަނީއެއް ނުލިބޭ މަސްވެރިންނަށް އާމްދަނީގެ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް އެޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން 5 ހާހަށްވުރެ ގިނަ ދިވެހި އާއިލާތަކުގެ ދިރިއުޅުން ބިނާވެފައިވާ ބޮޑުކަންނެލި މަސްވެެރިން ބާނާ މަސް އެކަށީގެންވާ ރަގަޅު އަގެއްގައި ގަނެ، ގިނަ މާރކެޓްތަކަށް މަސް ބޭރުކުރެވި އިތުރު ފަރާތްތަކަށް ބޮޑުކަންނެލި މަސްގަނެ، ބޭރުކުރެވޭނެ ގޮތަށް ސިޔާސަތު ބަދަލުކޮށް މަސްވެރިންގެ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށްވެސް އެޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!