މަސްވެރިކަމާއި ގުޅޭ

ކިރުޅިޔަމަސް - ފޮޓޯ: ރީފްލައިފްސާވޭ

ކިރުޅިޔަމަސް

ކިރުޅިޔަމަހަކީ ރާއްޖޭގައި ގިނައަދަދަކަށް އުޅޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ފަރުމަހުގެ ބާވަތެކެވެ. ރާއްޖޭގެ ފަޅުފަޅުން ދާ އަޅައިގެންނާއި ރޮދުލައިގެންވެސް މި މަސް ހިފާ އުޅެއެވެ. އަދި މިއީ ރަށްރަށުގެ ގޮނޑުދޮށުން ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ބާނާ މަހެކެވެ. ކިރުޅިޔަމަހަކީ ހަންބޯ އަދި ހަރުމަސްގަނޑެއް އޮންނަ މީރު މަހެއްކަމުން ވަރަށް ގިނަ ދިވެހިން މިމަސް ކެއުމަށް ޝައުގުވެރި ވެއެވެ.

މިމަސް ކުދި އައިން ހަދައިގެން ފަޅުތެރޭގައާއި ވިލުވިލުގައި އަދި ފަރުމަތީގައި އުޅެއެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުތަކުގައި މިބާވަތުގެ މަސް ގިނައިން އުޅެނީ މޫދުގެ އަޑީބައިގައި އެކަހެރިކޮށެވެ. މިމަހުގެ މައިގަނޑު ކާނާއަކީ މޫދު ފެއްސެވެ. ނަމަވެސް މަދުމަދުން އެހެން ފާޑުފާޑުގެ ކާނާވެސް ކައިއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓިމީޓަރަށެވެ.

މަހުގެ ބުރިކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 މަޑުކަށީހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ މަޑުކަށިތައް ހަރުކަށިތަކަށްވުރެ ދިގެވެ. މަހުގެ ކަންފަތްގަނޑު ކުރެވެ. މަހުގައި ހުންނަނީ ކުދިކުދި ހުނޅުބުތަކެވެ. މަހުގެ ކުލައަކީ ގަދަ އަޅިކުލައެވެ. ބަނޑުދަށްފަރާތުގެ ކުލަ މަތީބަޔަށްވުރެ ފަނޑެވެ. މަހުގެ ދިގަށް ހުންނަ ހުޅުނބުބަރި ދެމެދުގައި ރަންކުލައިގެ ރޮނގެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Snubnose rudderfish, Blue sea chub

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!