މަސްވެރިކަމާއި ގުޅޭ

އެންސިސްގެ ކާރުހާނާތަކުގައި މަސް ކަނޑަނީ. ފޮޓޯ: އެންސިސް
އެންސިސްގެ ކާރުހާނާތަކުގައި މަސް ކަނޑަނީ. ފޮޓޯ: އެންސިސް

ވިލާތުގެ ޤައުމުތަކަށް ކޮވިޑުގެ ދެވަނަ ރާޅު: ރާއްޖޭގެ ކުންފުނިތަކުން ކަންނެލި ބޭރުކުރުން ހުއްޓުމަކަށް!

ވިލާތުގެ ޤައުމުތަކުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ފާއިތުވި ހަފްތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އަދި މުޅި ސަރަހައްދުން މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދުވަނީ، 9.7 މިލިއަނަށް އަރާފައެވެ. މިސަރަހައްދަށް ބަލީގެ ދެވަނަ ރާޅެއް އަރާފައިވަތީ، ވިލާތުގެ ގިނަ ޤައުމުތަކެއްގައިވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރަމުންދާ ޤައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން އިޓަލީވިލާތް ފަދަ ޤައުމުތައް ވަނީ ދެވަނަ ފަހަރަށް ފުރަންބަންދުކޮށް، ކާފިއު އިއުލާންކޮށް، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން ފަށާފައެވެ. މިކަމާއި ގުޅިގެން ރާއްޖެއިން މަސް ގަތުމަށް ލިބޭ އޯޑަރުތައްވެސް ދަނީ ދަށްވަމުންނެވެ.

ރާއްޖެއިން އެންމެ ގިނައިން ބޮޑުކަންނެލި ބޭކުރުރާ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބުނީ، ކޮވިޑުގެ ހާލަތާއި ގުޅިގެން އެކުންފުނިން މަސް ބޭރުކުރަން ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ފަރަންސޭސިވިލާތް ފަދަ ޤައުމުތައް ދެވަނަ ފަހަރަށް ފުރަބަންދަކަށް ދިއުމާއި ގުޅިގެން މަސް ބޭރުކުރަން އޮތް މަގުތައް ބަންދުވެފައިވާ ކަމަށްވެސް އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ކުރިޔަށް އޮތް ތަނުގައިވެސް އެޤައުމުތަކުގައި އޯޑަރު ނަގާ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

"މިއަދުވެސް ޝިޕްމަންޓްތައް ކެންސަލް ވެއްޖެ. މަސްގަންނަ ފަރާތްތަކުން ބުނާ ގޮތުގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ވަރަށް ބޮޑަށް މަސްގަތުން ދަށްވެދާނެ. މިހާރު ނަގަމުންދާ ޝިޕްމަންޓްގެ %80 ދަށްވާނެ ކަމަށް ލަފާއެކުރަނީ. އިޓަލީގެ ރެސްޓޯރެންޓްތަކާއި ކެފޭތައް 6 ގެ ފަހުން ބަންދުކުރާ ގޮތަށް ނިންމާފައިވާތީ، އޯޑަރތައްވެސް ވަރަށް ބޮޑަށް ދަށްވެފަ ވަނީ. ޔޫކޭއަކީ މިހާރުވެސް އެހާވަރަށް އޯޑަރުތައް ނަގާ ޤައުމެއް ނޫން. ޕްލަސް ނަގާ އެތިކޮޅުވެސް މިހާރުވަނީ ހުއްޓިފައި." އަފީފް ވިދާޅުވިއެވެ.

ކޮވީޑުގެ ދެވަނަ ރާޅެއް އައުމާއި ގުޅިގެން ރާއްޖޭގެ މަސް ކުންފުނިތަކުން އެންމެ ގިނައިން ބޮޑުކަންނެލި ބޭރުކުރަމުންދާ ފަރަންސޭސިވިލާތްވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ގެ ނިޔަލަށް އަނެއްކާވެސް ފުރަބަންދުކޮށްފައެވެ. އެންސިސްއިން އެކަނިވެސް ފަރަންސޭސިވިލާތަށް މަހެއްގެ މައްޗަށް 50 އާއި 70 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ބޭރުކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

އެހެންނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން އެޤައުމަށް މަސް ބޭރުކުރާވަރު ދަށްވެފައިވާ ކަމަށާއި، މިހާރު ގާތްގަނޑަކަށް ރާއްޖެއިން ބޭރުކުރެވެނީ ގަންނަ މަހުގެ %15 އިންސައްތަ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެހެންކަމުން ފަރަންސޭސިިލާތަށް މަސްބޭރު ކުރުން ދަތިވެ، އިތުރު ގެއްލުންތައް ވަމުންދާނެތީ ކުރިޔަށް އޮތް ދުވަސްތަކުގައި މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ދަށްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.

"ގަންނަ މަހުގެ %85 މި ޖެހެނީ ފްރީޒްކުރަން. %15 މި އެކްސްޕޯޓްކުރަނީ. މަސްވެރިންގެ އަތުން އެބަ މަސްގަންނަން ޖެހޭ. ގިނަ ވީމަ އިތުރަށް ނަގާ މަސް މި ފްރީޒް ކުރަނީ. މިހާރުވެސް ފްރޯޒަން ބޮޑު ސްޓޮކެއް އެބަހުރި. ކުރިޔަށް އޮތްތަނުގައިވެސް އެކްސްޕޯޓް ނުކުރެވި މިގޮތަށް ދަންޏާ މިއަށްވުރެވެސް ބޮޑަށް ކަންނެލީގެ އަގު ދަށްވެގެންދާނެ ކަމަށް ބެލެވޭ. މިކަމަށް ވާނެ ދުވަހެއް އަދި ނޭނގޭ." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ލިބޭ އޯޑަރުތައް ދަށްވުމުގެ އިތުރުން ޤައުމުތަކަށް މަސް ބޭރުކުރުމަށް ފްލައިޓްތަކުން ނަގާ އަގުވެސް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ސަބަބުންވެސް ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްވާތީ، މަސްގަންނަ އަގު ބޮޑުކުރަން ކުންފުނިތަކަށްވެސް ހުރަސްތަކެއް އެޅިފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ.

"ފްލައިޓްތައް ސްޓޭބަލް ނުވާތީ ފްރައިޓް ރޭޓްވަނީ މަތިކޮށްފައި. އެކޮޅުގެ އަގުތައް ކުރިއާއި އެއްވަރަކަށް އޮތަސް ފްރައިޓް ޗާޖްވަނީ ކިލޯއަކުން 2.8 ޑޮލަރުން 3.8 އަށް މަތިވެފައި. ލަންކާ އިންޑޮނީޝިޔާ، ފިލިޕިންސް މިޤައުމުތަކުން ފްރާންސަށް ވަރަށް ކުޑަ އަގެއްގައި މަސް ވިއްކަނީ. އެހެންވެ އެއަގާއި އެބަޖެހޭ ވާދަކުރަން. ވާދަކުރަންޏާ ހަމަ މިކޮޅުގެ އަގު އެބަވެއްޓޭ. އެހެންވެ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ދަށްވެގެންމިދަނީ. މިހާލަތުގައި މަސްގަންނަ ހުރިހާ ކުންފުނިތަކަށްވެސް އުނދަގޫވެގެން މި އުޅެނީ މިކަމާ." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، ކޮވިޑުގެ މި ހާލަތާއި ގުޅިގެންވެސް ދުނިޔޭގައި ހަމައެކަނި ނުހުއްޓި ކުރިޔަށްދާ ވިޔަފާރިއަކީ މަސްވެރިކަން ކަމަށާއި، ކިތަންމެ ދަތިވި ނަމަވެސް ކުންފުނިތަކުން މަސްވެރިންގެ އަތުން މަސްގަތުން ހުއްޓާނުލާނެ ކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިމަަސައްކަތް ކުރިޔަށް ގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުންފުނިތަކުންވެސް މަސްގަންނަ އަގު ދަށްކުރަން މަޖުބޫރުވެފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!