މަސްވެރިކަމާއި ގުޅޭ

ހިކި ފުޅަނގި - ފޮޓޯ: ވިކީސްޕީޝީސް

ހިކި ފުޅަނގި

މިއީ ރާއްޖޭގެ ބޭރު ކަނޑުތަކުގައި ގިނައިން އުޅޭ ފުޅަނގީގެ ބާވަތެކެވެ.

މިއީ ޢާއްމުކޮށް ހޫނު ކަނޑުތަކުގައި އުޅޭމަހެކެވެ. މިބާވަތުގެ ފުޅަނގި ޏ. ފުވައްމުލަކުގެ ކައިރީގައި ހުޅަނގު މޫސުމުގެ ފަހުކޮޅުގައި އާދަޔާޚިލާފަށް ގިނައިން އުޅޭކަމަށްވެއެވެ. ފުޅަނގީގެ ބާވަތްތަކަށް ޖުމްލަގޮތެއްގައި ދިވެހިން ކިޔާ އުޅެނީ ފުޅަންގެވެ. ފުޅަނގީގެ ގިނަބާވަތްތަކެއް ރާއްޖޭގެ ކަނޑުތަކުގައި އުޅޭވޭސްމެއެވެ. ނަމަވެސް މިބާވަތްތަކަށް ވަކި ޚާއްސަ ނަންތަކެއް ކިޔައެއްނުމެއުޅޭމެއެވެ. އަދި މިބާވަތުގެ ފުޅަނގަށްވެސް ވަކި ޚާއްސަ ނަމެއް ކިޔާކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ސިފައަށް ވިސްނާ "ހިކި ފުޅަނގި" ކިޔާ ނަންދީފައިވަނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 13 ނުވަތަ 14 މަޑުކަށިހުރެއެވެ. މި ދެކޮތަރިވެސް ހުންނަނީ މަހުގެ ދެފަރާތުން އެއްދިމާއެއްގައެވެ. މަހުގެ ކަންފަތްގަޑު ފިޔަގަޑެއްހެން ދިގުކޮށް ހުރެއެވެ. އަދި ކަނޑުމަތީގައި އުދުހުމަށް މިކަންފަތްގަޑު ބޭނުންކުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހިހުދު ކުލައިގައެވެ. މަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ. މިމަސް އެންމެ ބޮޑުވަނީ 18 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Tropical two-wing flying fish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!