މަސްވެރިކަމާއި ގުޅޭ

UNI

ދިވެހި މަސްވެރިކަމުގެ ތެރެއިން ރާއްޖެއިން ބޭރުކުރެވިދާނެ އަގުބޮޑު އުފެއްދުމެއް!

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އަދި ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެގޮތުން 1200 އަށްވުރެން ގިނަ ބާވަތުގެ މަސްމަހާމެހި، 20 އަށް ވުރެގިނަ ބޮޑުމަހާއި ކޯމަހުގެ ދިރުންތައް، 40 ބާވަތުގެ މިޔަރު، 16 ބާވަތުގެ މަޑި އަދި މިނޫނަސް އެތައް އެތައް ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ.

މިފަދަ ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވީނަމަވެސް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ނަފާ ޒަމާނުއްސުރެ ހޯދަމުން އަންނަނީ ނިސްބަތުން މަދު ބާވަތެއްގެ މަސްވެރިކަމުންނެވެ. މިހާރު މަދުމަދުން ނަމަވެސް އާ ބާވަތުގެ މަސްވެރިކަން ދިވެހިރާއްޖެއަށް އަންނަނީ ތައާރަފް ވަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އިން އެންމެފަހުން ތައާރަފްކުރި ޑައިމެންބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ފާހަނގަކޮށްލެވެއެވެ.

މިލިއުމުގައި ބަލާލަނީ ދުނިޔޭގެ ބައެއް މާރކެޓްތަކަށް އަގުބޮޑުކޮށްވިއްކޭ "އުނީ" (ހިޔަމަ އާއިލާގެ ބާވަތެއްގެ ބިސް) އުފެއްދުމަށެވެ. އުނީ (އަސްލު ޖަޕާނު ބަހެއް) ނުވަތަ ހިޔަމަ ބިހަކީ ބައެއް ގައުމުތަކުގައި ހާއްސަކޮށް ޖަޕާންފަދަ ގައުމުތަކުގައި ވަރަށް އަގުބޮޑު ކަނޑުގެ ކެއުމެކެވެ. ވަކިގޮތަކަށް ތައްޔާރުކުރެވޭ އުނީ (ހިޔަމައިގެ ބިސް) އަށް ފިޝް ބަޓަރ އަދި ބަޓަރ އޮފްދަ ސީ ފަދަ ނަންތައް ކިޔައި އުޅެއެވެ. މިއީ ވަކި ގޮތަކަށް ހިޔަމައިން ނަގައި ސާފުކޮށް އަދި އެކި ކަހަލަ ޕެކޭޖިންގައި ބަންދުކޮށް ތަފާތުއެކި އަގުތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަމުންދާ ސީފުޑެކެވެ.

މީގެ އަގު ބިނާވަނީ އުފެއްދުން ގްރޭޑް ކުރުމަށްފަހު އުފެއްދުމުގެ އެންމެ ފަހުގެ މަރުހަލާގައި އުނީގެ ކޮލިޓީގެ މައްޗަށެވެ. ކޮލިޓީ ބެލުމަށް ގްރޭޑް ކުރުމުގައި ބަލާކަންކަމުގެ ތެރޭގައި ބިހުގެ ކުލަ، ހަރުކަން އަދި ހިކިފައިހުންނަ މިންވަރު ހިމެނެއެވެ. އެގޮތުން ޕްރިމިއަމް ގްރޭޑް ކިލޯއެއްގެ ބިސް ޓްރޭގެ އަގު އެމެރިކާގެ ކެލިފޯނިޔާގެ ބައެއް ހިސާބުތަކުގައި އުޅެނީ 340 ޑޮލަރަށެވެ. އެހެން އުފެއްދުންތަކޭ އެއްގޮތަށް އަގު ބިނާވަނީ ސަޕްލައި އަދި ޑިމާންޑަށެވެ.

އުނީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުމެއް

އުނީ އުފައްދަނީ ހިޔަމައިގެ ވަކި ހާއްސަ ބާވަތަކުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި އާންމު ބާވަތެއް ކަމުގައިވާ ކަލެކްޓަރ އާރޗިން ހިމެނެއެވެ. (އިނގިރޭސިބަހުން: collector sea urchin  /ސައިންޓިފިކް ނަން: Tripneustes gratilla)

މިބާވަތަކީ ރާއްޖޭގެ ފަރުތަކާއި ވިލުތައް އަދި ހާއްސަކޮށް މޫދުވިނަ ހިމެނޭ ސަރަޙައްދުތަކުގައި ގިނަ އަދަދަކަށް އުޅޭ ބާވަތަކެވެ. މިބާތް 10-15 ސމ އަށް ބޮޑުވެއެވެ. ނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެންމެ ބޮޑުވާ މިންވަރު ތަފާތެވެ. "ކަލެކްޓަރ އާރޗިން" މިބާވަތައް ކިޔަނީ ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ މޫދުވިނަ އަދި އެނޫންވެސްތަކެތި މިބާވަތުގެ ތޫނު ކަށިތަކަށް އެމުނި ޖަމާވާތީއެވެ. މިބާވަތުގެ އާންމު ކެއުމަކީ މޫދުވިނަ އަދި މޫދު ފެހި ކަހަލަ ބާވަތެވެ. މި ބާވަތަކީ މޫދުވިނަ އާދަޔާ ހިލާފަށް ގިނަވެ މުރަކައިގެ ސަރަހައްދު ހިސާރުކުރުމުން ދުރުކުރުމަށް މުހިންމު ބަޔޮލޮޖިކަލް ކޮންޓްރޯލް އެކެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިއީ ކޮންޓްރޯލްއިން ނެއްޓި ހެދިބޮޑުވާ މޫދުވިނައިގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވޭ ދިރުމެކެވެ.

ބޯވަ އަދި ކޮލީގެ ބާވަތްތައް މިބާވަތް ޝިކާރަކޮށް އުޅެއެވެ. އާންމުކޮށް މިބާވަތް ދިރިއުޅެނީ 2މީޓަރާއި 30 މީޓާރާއި ދެމެދުގެ ފުންމިނެއް ގައެވެ. ހިކި ދިޔަވަރުގައި މޫދުވިނަ އެކުލެވޭ ސަރަހައްދުތަކުން މިބާތް ވަރަށް ފަސޭހައިން ފާހަގަކޮށްލެވޭނެއެވެ.

ކަނޑުންލިބޭ ނަފާ ފުޅާކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތްކުރާއިރު މިފަދަ އާ އުފެއްދުން ތައްޔާރުކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯރޓްކުރުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. ނަމަވެސް އެކަން ކުރުމުގައި ކަނޑުގެ ވެއްޓަށް ޕްރެޝަރ ކުޑަވާނެ ގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމަށް އިސްކަންދޭން ޖެހެއެވެ. އަދި ޒަމާނީ މެރިކަލްޗަރ އާއި އެކުއަކަލްޗަރ ފުޅާކޮށް ދިވެހިން މިފަދަ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!