މަސްވެރިކަމާއި ގުޅޭ

1541695218

މަސް ނީލަން ކިޔޭނެ ބާޒާރެއް ހަދަން ޖެހޭ: އާދިލް ސަލީމް 

މަސްވެރިންނަށް މަސް ނީލަން ކިޔޭނެ ބާޒާރެއް ހަދަން ޖެހޭ ކަމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އާދިލް ސަލީމް މިހެން ވިދާޅުވީ މަސްވެރިކަމާއި ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާދިލް ސަލީމް ވިދާޅުވީ އިތުރަށް އިންވެސްޓް ކުރަންވީ ކޮން މަސްވެރިކަމަކަށްކަން ތަފާސް ހިސާބުތަކުން ފެންނާނެ ކަމަށެވެ.

"މަސްވެރިން މަސް ނީލަން ކިޔާނެ ބާޒާރެއް ހަދަންވީ. އެބާޒާރުން ދުނިޔޭގެ އެންމެނަށް މަސް ގަނެ ޕްރޮސެސް ނުވަތަ އެކްސްޕޯޓް ކުރެވެންވީ." އާދިލް ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ޞާލިހް ބުރާސްފަތި ދުވަހު ވިދާޅުވީ ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމަށެވެ.

“މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.” ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!