މަސްވެރިކަމާއި ގުޅޭ

keyolhu

ހުރިހާ މަސައްކަތެއް ކުރަނީ މަސްވެރިން، އެކަމުގެ މަހަށް އަގު ކިޔުމުގެ އެއްވެސް އިޙްތިޔާރެއް ނޯވޭ: ކެޔޮޅު އަޙްސިމް

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ބަރޯސާވާ ސިނާއަތެކެވެ. މަސްވެރިކަން ރާއްޖޭގެ އިޤްތިސާދުގައި މުޙިއްމު ދައުރެއް އަދާކުރާއިރު، މާ ކަނޑުތަކަށް ނުކުމެ މަސްވެރިން އެކުރާ މަސައްކަތަށް ލިބެނީ ހަމައަގެއް ނޫން ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ދޯނިފަހަރު ރާއްޖޭގައި ހަރަކާތްތެރިވާއިރު، މިއީ ގިނަ އަދަދެއްގެ ދިވެހިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ބ.ކުޑަރިކިލު، އާއިލާ ދޯނީގެ ކެޔޮޅު އަހްސިމް މޫސާއާ މަސްވެރިން އެމްވީގެ ފަރާތުން ވާހަކަދައްކާލީމެވެ.

މިދުވަސްކޮޅު ކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ދަށްވެފައިވާއިރު، މަހުގެ އަގުވަނީ އުފުލިފައެވެ. އެހެން ނަމަވެސް މަސްވެރިކަން ރަނގަޅުވާއިރު އަގު ކުއްލިޔަކަށް ދަށްވާކަން އަހްސަމް ފާހަގަކުރިއެވެ.

"ގާތްގަނޑަކަށް މިދިޔަ ތިން މަހެއްހާ ދުވަސް މިދަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ވަރަށް ދަށްކޮށް، މިހާރު އެހެންވެ 80 އަށް 90 އަށް އަރައިފި، އެކަމަކު މާދަމާވެސް 2 ދޯންޏެއް 4 ނޫނީ 5 ޓަނު ބާނައިގެން އަންނަ އިރަށް 30 އަށް 40 އަށް އަގު ވެއްޓޭނެ، މިއީ އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ،" އަހްސަމް ބުންޏެވެ.

އަހްސަމް ބުނީ މަހުގެ އަގާއިމެދު އެއްވެސް ގެރެންޓީއެއް ނޯންނަ ކަމަށާއި މަހުގެ ކޮންޓްރޯލް އަގުތަކެއްވެސް ނުހުންނަ ކަމަށެވެ. މަސް ގަންނަ މީހުން ބޭނުން އަގެއްގައި މަސް ގަންނަމުންދާ ކަމަށް އަހްސަމް ބުންޏެވެ.

"ހުރިހާ މަސައްކަތެއް ކުރަ މީހުންނަކީ އަހަރުމެން، މަސްވެރިންނަކަށް މަސްވެރިން ބާނާ މަހުގެ އަގު ކިޔާކަށް އެއްވެސް އިޙްތިޔާރެއް ނޯވޭ، މިއަދު އެމީހުންނަށް ގަނެވޭނީ މިހާވަރަށޭ ބުނެފިއްޔާ އެ އަގަކަށް ނުދެންޏާ އަހަރުމެން މަސްތައް އުކާލަންވީ،" އަހްސަމް ބުންޏެވެ.

އަހްސަމް ބުނީ ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަށް އިތުރުވަމުން ދިޔަ ނަމަވެސް، މަސް ގަންނާނެ ކުންފުނިތައް އިތުރުވަމުން ނުދާ ކަމަށެވެ.

އަދި ރާއްޖޭގައި ކަންނެލީގެ މަހުގެ އަގު ކޮންޓްރޯލް އޮތީ މީގެން އެންމެ ބޮޑު ކުންފުނީގެ އަތުގައި ކަމަށް އަހްސަމް ބުންޏެވެ. ސަބަބަކީ އެމީހުންގެ ކެޕޭސިޓީގެ ހުރުން ކަމަށެވެ. އަދި އަމިއްލަ އެއް ކުންފުންޏަށް މިހާ ބޮޑު ބާރެއް އޮތުމަކީވެސް ރަނގަޅުގޮތް ނޫން ކަމަށް އަޙްސަމް ބުންޏެވެ.

"ރާއްޖޭން ބޭރުން އެބަ ގެންނަން ޖެހޭ މި ވިޔަފާރިއަށް އިންވެސްޓަރުން، ގެނެސް ވާދަވެރިކަން އުފައްދައިގެން ރަނގަޅު އަގެއް މަސްވެރިންނަށް ލިބެން އޮތީ، މީގެ ކުރިން ކުދި ޕާޓީސްއިން އެކަން ކުރި އިރު ރަނގަޅު އަގެއް ލިބުން މަހަށް،" އަޙްސަމް ބުންޏެވެ.

އަހްސަމް އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެމްބަރެކެވެ. އަހްސަމް ބުނީ މި ޔޫނިއަންއާއި އެކު ކަންނެލީގެ މަސްވެރިކަން ކުރާ ބަޔަކުވެސް ރާއްޖޭގައި އުޅޭކަން އާއްމުންނަށާއި ސަރުކާރަށް އެންގިގެން ގޮސްފި ކަމަށެވެ. އަދި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެންވެސް ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އަޙްސަމް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެހެން ވި ޢިރު މަވަރު މީހެއް ނެތިގެން ޕާޓީ ވެގެން ދުވާށޭ ބުނޭ

Comments are closed.