މަސްވެރިކަމާއި ގުޅޭ

246164761_301245228482821_5258221692078850867_n

ބޮޑު ދޯންޏެއްގައި 21 އަހަރުގެ ޒުވާން ކެޔޮޅެއް!

މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށްވާއިރު މިދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އަދި މަސްވެރިކަމުގައި ޒުވާނުން ދަނީ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރަމުންވެެ. ވަރަށް ޒުވާން އުމުރުގައި ކެޔޮޅަކަށް ކުރާ ކުދިން މިހާރު ރާއްޖޭގައި އުޅެއެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ދ. މާއެނބޫދޫ ނަތީޖާ-3 ގެ ކެޔޮޅު މުޙައްމަދު ނަޖީބެވެ. އުމުރުން އެންމެ 21 އަހަރުގެ ނަޖީބަކީ 90 ފޫޓު ބޮޑު ދޯންޏެއްގެ ކެޔޮޅެކެވެ.

ޒުވާން ކެޔޮޅު ނަޖީބު

ނަޖީބު ސްކޫލް ދައުރުގައި ކިޔެވީ ބީޓެކްއެވެ. އޭނާ ކިޔެވީ ހޮސްޕިޓަލިޓީއެވެ. ސްކޫލް ދައުރުގައިވެސް ނަޖީބަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އޭނާ ކިޔަވާ ނިންމި ގޮތަށް ދާން ފެށީ މަހަށެވެ. އަދި އޭގެފަހުން މަހެއްހާ ދުވަހު ރިސޯޓެއްގައި މަސައްކަތްކުރިއެވެ. އެހެންނަމަވެސް ރިސޯޓު ވަޒީފާ ދޫކޮށްލުމަށްފަހު އަލުން އަނބުރާ އައީ މަސްވެރިކަމަށެވެ. ނަޖީބު ބުނީ މަސްވެރިކަމަކީ ރިސޯޓު ވަޒީފާއަށްވުރެ ކުރަން މާ ފަސޭޙަ މަސައްކަތެއް ކަމަށެވެ.

ނަޖީބުގެ ކިޔެވުން ފާހަގަކޮށް އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމް ހަނދާނީ ފިލައެެއް ދެއްވަނީ

"ރިސޯޓުގައި މަސައްކަތްކޮށްގެން ލިބުނީ މަހެއްގެ މައްޗަށް ވަރަށް ކުޑަ އެއްޗެއް. މަހަށް ގޮސްގެން ރަނގަޅަށް މަސް ބާނާ މަސްމަހު 20000 އާއި 30000 އާއި ދެމެދުގެ އަދަދަކަށް ފައިސާ ލިބޭ." ނަޖީބު ބުންޏެވެ.

މަސްވެރިކަމުން ކުރިއަށްދާއިރު ނަޖީބުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދޯނިފަހަރު ތަރައްޤީވެގެން އައިރު މަސް ގަންނަ ކުންފުނިތައް ތަރައްޤީ ނުވުމެވެ. އޭނާ ބުނީ މަސް ކިރުމުގެ ޙިދުމަތްތަކާއި އައިސް ހޯދުމަށް މިހާރަށްވުރެ ފަސޭޙަގޮތްތަކެއްް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

ނަޖީބު ކެޔޮޅުކަން ކުރަމުންދަނީ އެދޯނީގައި މަހަށްދާ ތަޖުރިބާހުރި މަސްވެރިއެއްކަމަށްވާ އަފީފުގެ އެހީތެރިކަމާއި އެކުއެވެ. މިހާނަނަށް އައި އިރު ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށް ނަޖީބު ބުންޏެވެ. މަސްވެރިއަކަށްވީތީ މީހުން ދެކޭގޮތް އަދިވެސް ތަފާތުކަމަށް ނަޖީބު ބުންޏެވެ.

"އެކި މީހުން ދެކޭ ގޮތް ތަފާތު، ކުރާ މަސައްކަތް ހަޑިއޭ ކިޔާ މީހުން އެޅޭ، އެކަމަކު މީގަ މުޙިއްމީ ހަލާލުގޮތުގައި ފައިސާ ހޯދުން، ރަނގަޅު އާމްދަނީއެއް ހޯދުން، މި މަސައްކަތަކީ ހަމަ ސަޅި ކަމެއް،" ނަޖީބު ބުންޏެވެ.

ނަޖީބުގެ ފޮނި އުންމީދު ތަކެއް އެބަހުއްޓެވެ. އޭނާގެ ވިސްނުން ހުރީ މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިޔުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!