މަސްވެރިކަމާއި ގުޅޭ

މުޑުފާނަ

މިއީ ރާއްޖޭގައި އުޅޭ ފާނައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަވާ ފާނައެވެ.

މިއީ ތިލަ ފަރުތަކުގެ ބޭރުން ފެށިގެން ގާތްގަޑަކަށް 100 މީޓަރު ފުނުގައިވެސް އުޅޭ ފާނައެކެވެ. ދިވެހި މަސްވެރިންނަށް މަދުމަދުން މިބާވަތުގެ ފާނަ ބޭނިފައި ހުރެއެވެ. މިއީ ކެއުމަށް ބޭނުންކުރާ ފާނައެކެވެ. މިއީ ގާތްގަޑަކަށް 2.3 މީޓަރަށް ބޮޑުވާ ބަރުހެލި ފާނައެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ އަރިމަތީގައި ރާޅުކަމެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މުޑުފާނައިގެ ޅަފާނައިގެ މައިގަޑު ކުލައަކީ ފަނޑު ރީނދޫކުލައެވެ. މަހުގެ ހުރަހަށް ފުޅާ ގަޑިތަކެއް ކަޅުކުލައިގައި ހުރެއެވެ.

މަސް ބޮޑުވީވީހެން ރީނދޫކުލަ ފަނޑުވެ މުށިކުލައަކަށް ބަދަލުވެއެވެ. އަދި ހަށިގަނޑުގެ ކަޅުބައިތަކުގައި ހުދު ނުވަތަ ރީނދޫ ލައްތަކެއް ހުރެއެވެ. ބޮޑެތި މުޑުފާނައިގެ ކުލައަކީ ގަދަ މުށިކުލައެވެ. ކޮތަރިތަކުގައި ކަޅުކުލައިގެ ލައްތަކެއް ވަރަށް ގިނައިން ހުރެއެވެ. މިބާވަތުގެ ފާނަ ގިނައިން ފެނިފައި ހުންނަނީ ފަރުތަކުގައި ހުންނަ ޤުދުރަތީ ހޮހަޅަތަކުންނާއި ފުނަށް ފެތިފައި ހުންނަ އުޅަނދުފަހަރުގެ ކައިރިންނެވެ. މުޑުފާނައިގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި މަސްމަހާމެއްސެވެ.

އިނގިރޭސި ނަން: Giant grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!