މަސްވެރިކަމާއި ގުޅޭ

ތުންރަތް ފިލޮޅު

މިއީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރު ފުންސަރަޙައްދުތަކާއި އެތެރެވަރީގެ ފުން ސަރަހައްދުތަކުގައި ނަމަވެސް 220 މީޓަރަށްވުރެން ތިލަހިސާބުތަކުގައި އުޅޭ މަހެކެވެ.

މިއީ ދިވެހިން ކައި އުޅޭ މީރު މަހެކެވެ. އެތެރެވަރިންނާއި ކަނޑުއޮޅިތަކުން ކުރާ ކެޔޮޅުކަމުގައި މިބާވަތުގެ މަސް ބޭނެއެވެ. މިއީ ނަނުގައި ގަންނައިރު ވަރަށް ލޮޅުންދައްކާ ހަލުވި މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 13 މަޑުކަށިހުރެއެވެ. މަހުގެ ތުންދިގެވެ. މަހުގެ ލޮލުގެ ކުރިމަތިން މަހުގެ ނިތްމަތި އަޑިވެފައި ކުރެއެވެ. މަހުގެ ތުން ބޯވާނެއެވެ. މަހުގެ ކުލައަކީ މުށި ނުވަތަ އަޅި ކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލަ ފަނޑުވާނެއެވެ. މަހުގެ ކަންފަތްގަނޑުގެ ބުޑާއި ތުންފަތާއި ކަރުތާފަތުގެ ކައިރިފަށް ހުންނަނީ ރަތްކުލައިގައެވެ. މަހުގެ ކޮތަރިބަޔާއި ނިގުލުގެ ކުލައަކީ ފަނޑު އޮރެންޖު ކުލައެކެވެ.

މިބާވަތުގެ ފިލޮޅަށް ވަކި ޚާއްޞަނަމެއްކިޔާ އުޅޭކަމެއް ރެކޯޑްކުރެވިފައި ނެތުމުން މަހުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްސިފަކަމުގައިވާ ތުން ރަތްކަން ދޭހަވާގޮތަށް އަދި މަހަށް ކިޔާ އިގިރޭސިނަމާވެސް ގުޅުން ހުންނަގޮތަށް "ތުންރަތް ފިލޮޅު" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 76 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން: Redaxil emperor
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިމަސް ފުރާވަރަށް އަޅާ ބިސްދޫކުރާ އުމުރަށް ދަނީ ކިހާވަރަކަށް ބޮޑުވީމަބާ؟

Comments are closed.