މަސްވެރިކަމާއި ގުޅޭ

ކަޅުމަސްހިބަރު - ފޮޓޯ: ސީކް

ކަޅުމަސްހިބަރު

މިއީ މާކަނޑުތަކުގައި އާއްމުކޮށް އުޅޭ މަހެކެވެ.

މިއީ ދިވެހި މަސްވެރިން ވަދުގައި މަދުމަދުން ބާނާއުޅޭ މަހެކެވެ. މަހުގެ މަތީ ތުނބުގެ ކޮޮޅު ވަކިން ދިގުވެފައި ހިމައެވެ. މަހުގެ ބުރަކަށިމަތީގައި ދެ ކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި 38 އާއި 45 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މި ކޮތަރިބައިގައި ހުންނަނީ ކުރީކޮޅު އުސްކޮށް ފަހަތުބައި ވަރަށް ތިރިކޮށެވެ. ބުރަކަށީމަތީ ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށިހުރެއެވެ. މަހުގެ ނިގޫކޮޅު ދެފަރާތުގައި ދެކުރަގަނޑު ހުރެއެވެ. މިއީ ދެފެންދޭތެރޭގައި އުޅޭ މަހެކެވެ. މިއީ ކެއުމަށް މީރުމަހެކެވެ.

މިހިބަރު އެންމެ ބޮޑުވަނީ 4.6 މީޓަރަށެވެ. މަހުގެ ކާނާއަކީ ކަނޑުމަހުގެ ބާވަތްތަކާއި، ހަނދީގެ ވައްތަރުތަކާއި، ބޯވަދިލަމަހާއި، ކަކުނިފާޑުގެ ސޫތްޕެވެ. މިހިބަރުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދު ރިހިކުލައެކެވެ. މަހުގެ ބުރިކަށިމަތީ ކޮތަރިބައިގެ ދެކަށީ ދޭތެރޭގައި ހުންނަ ހަންފައްތަކުގެ ކުލައަކީ ކަޅު ނޫކުލައެކެވެ. މަހުގެ އަރިމަތީގައި ފާހަގައެއް ނުވަތަ ލަފެއް ހުރެއެވެ. ރާއްޖޭގައި ބާނާއުޅޭ މަސްހިބަރުގެ ދެބާވަތަށްވެސް ކިޔާއުޅެނީ މަސްހިބަރެވެ. ނަމަވެސް މިއީ އުފެދުމުގައި ތަފާތުކަންހުރި ދެބާވަތެއްކަމުން މަހުގެ އިނގިރޭސިނަން ތަފާތުކޮށްފައިވާ ގޮތުގެ މަތިން މިމަހަށް "ކަޅުމަސްހިބަރު" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Black marlin
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!