މަސްވެރިކަމާއި ގުޅޭ

ކަށްޓަފުޅި - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކަށްޓަފުޅި

ކަށްޓަފުޅިއަކީ ރާއްޖޭގެ ރަށްރަށުގެ ފަޅުފަޅުގެ ތިލަހިސާބުތަކުން ފެންނަ ބާރަށް ދަތުރުކުރާ ހަލުވި މަހެކެވެ.

ކުދި ކަށްޓަފު ރަށްރަށުގެ ގޮނޑުދޮށްތަކުގައްޔާއި އަދި ކުޅިކުޅިއަށް ވަދެ ގިނަޢަދަދަކަށް އުޅެއެވެ. މީއީ ފެނަށްވެސް ދިރޭ މަހެކެވެ. ވުމާއެކު ވަޅުވަޅާއި މަސްޓޭންކުތަކުގައި ކަށްޓަފުޅި ގެންގުޅެއެވެ. މިއީ ކެއުމަށް ރަގަޅު ބާވަތެއްކަމުގައިވިއަސް ރާއްޖޭގެ ތިލަހިސާބުތަކުގައި ގިނައިން އުޅެނީ ކުދިމަސްކަމަށްވުމާއެކު ޢާއްމުކޮށް ކެއުމަށް ބޭނުންކޮށެއް ނޫޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަޑުމަތީގައި ހުޅުނބު ހުރެއެވެ. އަދި ކަރުތާފަތްގަޑުގެ އަރިމަތީގައި ދެކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅިކުލައެކެވެ. އަދި ދެއަރިމައްޗާއި ބަނޑުދޮށުގެ ކުލައަކީ ރިހިކުލައެވެ.

މަހުގެ ނިގުލުގައި ކަފިވެފައިވާ ބައިގެ ހުރަހަށް ވަރަށް ފާޅުކޮށް ކަޅުކުލައިގެ ދެރޮނގުހުރެއެވެ. އަދި މަހުގެ ނިގުލުގެ މެދުން ދިގަށް އެއަށްވުރެ ހިމަކޮށް ރޮނގެއްވެސް ހުރެއެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދި ފަނިފަކުސާއާއި، ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Barred flagtail

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!