މަސްވެރިކަމާއި ގުޅޭ

ލައްނިގޫ އަލަތަނޑު

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ އަލަތަނޑުގެ ބާވަތެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއްނޫނެވެ. ވީމާ މިއީ މަސްވެރިކަމުގައި ހިފާ އަދި ބާނާ އުޅޭ މަހެއްނޫނެވެ. ނަމަވެސް ފަޅުމަތީގައި ވަދާ ދުއްވާއިރު މަދުމަދުން މިބާވަތުގެ މަސް ވަދުގައި ބޭނެއެވެ. މިއީ ވަރަށް ތިލަ ފަޅުން ފެށިގެން ފަރުބޭރުގެ ސަރަޙައްދުތަކުގައިވެސް އުޅޭމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 26 ސެންޓިމީޓަރަށެވެ. މަހުގެ މަތީބައިގައި ހުންނަނީ މަޑު ފެހިކުލައަކަށްދާ މުށިކުލައެއްގައެވެ. މުޅި މަހުގައި މުށިކުލައެއްގެ ރޮނގުބުރިތަކަކާއި ތިކިތަކެއް ހުރެއެވެ. ނިގޫފަތުގައި ކަޅުކުލައިގެ ވަރަށް ބޮޑު ލަފެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތުގައި މަހުގެ ދިގަށް ކަޅުކުލައިގެ ތިކިބައެއް ހުރެއެވެ. މި ތިކިތަކުގެ ބޭރުކައިރިފަށް ހުންނަނީ ރީނދޫ ކުލައިގައެވެ. މިއީ ޝިކާރަކޮށްގެން ކައިއުޅޭމަހެކެވެ. މައިގަޑު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 5 ހަރުކަށްޓާއެކު 21 ނުވަތަ 22 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 17 މަޑުކަށިހުރެއެވެ. ރާއްޖޭގައި އަލަތަނޑުގެ ބާވަތްތަކަށް ވަކި ޚާއްސަ ނަންތަކެއް ކިޔާކަމަށް ރެކޯޑްކުރެވިފައި ނުވުމާއެކު މަހަށް ކިޔާ އިގިރޭސިނަމާއި ގުޅުވައިގެން މަހުގެ ސިފައަށް ވިސްނާ "ލައްނިގޫ އަލަތަނޑު" ކިޔާ ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Spot-tail sandperch

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!