މަސްވެރިކަމާއި ގުޅޭ

Fishing

މަސްވެރިންގެ ފޯރަމް 2021: ދިވެހިރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

މަސްވެރިންނަށް ހަމައަގު ހޯދައި ދިނުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

އޭގެ ތެރޭގައި މަތީއަގު ލިބޭ މުހިންމު މާކެޓްތަކަށް މަސްވިއްކުމަށް ފުރުސަތު ކުޑަވުމާއި، މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ރާއްޖެއިން ނިސްބަތުން ބޮޑު އަދަދަކަށް ޑިއުޓީ ދައްކަން ޖެހުމާއި ކާގޯ ކުރުމަށް ދާ ޚަރަދު ބޮޑުވުމަކީ މަސްވެރިންނަށް ހަމައަގު ދިނުމަށް ދިމާވާ އެންމެ ބޮޑު ހުރަސްތަކެވެ. ކާގޯކުރުމުގައި ކަނޑުމަގާއި އަދި ވައިގެ މަގުން މަސްބޭރުކުރަން ބެލިކަމުގައިވިޔަސް ބޮޑު ޚަރަދުތަކެއް ކުންފުނިތަކުން ކުރަންޖެހެއެވެ. މި ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ މަހަކީ އަވަށްޓެރި ގައުމުތަކާއި އަޅާ ބަލާއިރު ނިސްބަތު އަގު ބޮޑު މަހެކެވެ.

މީގެ އިތުރުންވެސް މަސްވެރިން މަސްބޭނުމަށް ތެޔޮ ބޭނުންވާ މިންވަރު އިތުރުވުމާއި އަދި ތެލުގެ އަގު އުފުލިގެން ދިއުމަކީވެސް މަސްވެރިކަން ކުރުމުގައި ޚަރަދު ބޮޑުވެ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެއެވެ. ހަމައެއާއެކު، މަސްވެރިން ބާނާ މަސް ތާޒާކޮށް ކުންފުނިތަކަށް ފޯރުކޮށް ދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ރޯމަސް ބޭރުކުރުމުގައި މަހުގެ ކޮލިޓީއަކީ ރަގަޅު އަގުލިބުމަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ދިވެހި މަސްވެރިކަމަށް ދިމާވެފައިވާ އިތުރު ގޮންޖެހުންތަކަށް ބަލާއިރު، ދިވެހިން ބާނާމަހުގެ ބޮޑު މިންވަރެއް ރޯމަހުގެ ގޮތުގައި ބޭރުކުރަން ޖެހުމަކީވެސް ހައްލުކުރަން ޖެހިފައި އޮތް މައްސަލައެކެވެ. ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް ބޭރުކުރެވިގެން މިދަނީ ޕްރޮސެސްނުކޮށް ރޯމެޓީރިއަލްގެ ގޮތުގައެވެ. ހަމައެއާއެކު ދެމެހެއްޓެނެވިގޮތުގައި (ދޮށިން/ އަތުނަނުގައި) ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލިގެން ދިއުމާއި، ދުނިޔޭގެބައެއް އެހެން ސަޕްލަޔަރުންނަށް، ރާއްޖެއަށް ވުރެ ކުޑައަގެއްގައި، އިމްޕޯޓް މާކެޓްތަކަށް މަސްވިއްކުމަށް މަގުފަހިވެފައި އޮތުމަކީވެސް ދިވެހި މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މީގެ އިތުރުންވެސް، އެންވެރިކަމަށް އަންނަ ބަދަލާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ ސަބަބުންވެސް މަސްވެރިކަމަށް ގޮންޖެހުންތަކާއި ކުރިތިލާންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!