މަސްވެރިކަމާއި ގުޅޭ

b_fq5Nuku4LcbxmFlyWRfRqtzE0

ދެއްވަދޫ ދޯނިތަކުން މަހަށް ފުރާވަރަށް ފަޅުވެރިންނެއް ނެތް، ބިދޭސީންނާއެކު މަހަށް ދިއުން ނޫން ގޮތެއް ނެތް!

މަސްވެރިކަމުގައި ބިދޭސީން ހަކަރަކާތްތެރިވުން ކުޑަ ކުރުމަށްޓަކައި، ކޮންމެ މަސްދޯންޏެއްގައި ދެ ބިދޭސީންނަށްވުރެ ގިނައިން ނުގެންގުޅެވޭ ގޮތަށް ސަރުކާރުން ވަނީ ގަވާއިދު ހަދާފައެވެ. އެއާ ވިދިގެން މަސްވެރިން ބުނަމުން ދަނީ، އެގޮތަށް އެކަން ކުރާނަމަ، ދޯނިތަކުން މަހަށް ނުފުރޭނެ ކަމަށެވެ. އެކި ހިސާބުތަކުގައި، އެކަމުގެ ސަބަބު ވަރަށް ތަފާތެވެ.

ގއ. ދެއްވަދޫއަކީ އާބާދީގައި 1390 އެވެ. ނަމަވެސް ރަށުގައި ދިރިއުޅޭނީ 500 އެއްހާ މީހުންނެވެ. ދެއްވަދޫގައި 12 މަސް ދޯނި އޮވެއެވެ. އެ އަދަދުން ބަލާނަމަ، އެވްރެޖްކޮށް ދޯންޏެއްގައި 20 ފަޅުވެރިންގެ ޖާގަ އޮންނާނެއެވެ. އެއީ ގާތްގަނޑަކަށް 240 މީހުންނެވެ. އެއީ ރަށުގައި ދިރިއުޅޭ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އެ ކުޑަ އާބާދީގައި އެހެން ވަޒީފާތަކަށްވެސް ދާ ފިރިހެނުން ހިމެނޭއިރު، މަހަށްދާން އެ އަދަދަށް ފިރިހެނުން ނުތިބޭނެ ކަމަށް މަސްވެރިން ބުނެއެވެ. ރަށުގެ އާބާދީގައި ހިމެނޭ ޒުވާނުން ރަށުގައި ދިރިއުޅެނީ ވަރަށް މަދުންނެވެ.

މި ސަބަބުތަކާހުރެ، ދެއްވަދޫ މަސްދޯނިފަހަރުގައި ބިދޭސީން މަދުކޮށްފިނަމަ، ދޯނިތަކަށް މަހަށް ފުރޭކަން ނެތެވެ. ބިދޭސީން ނުހިމަނައި ނަމަ ދޯނިތައް ޖެހޭނީ މަހަށް ނުފުރާ ފަޅުގައި އަޅާށެވެ.

ދެއްވަދޫ މަސްވެރިން އެދެނީ، ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހު، ދެއްވަދޫއަށް ދިމާވެފައިވާ މި ހާލަތުން އަރައިގަނެވޭނެ ގޮތެއް ހޯދުމެވެ. ދޯނިފަހަރު ނުހުއްޓި، މަސްވެރިކަން ކުރެވޭނެ މަގެއް ފެނުމެވެ. މަސްވެރިންގެ ބަހުންނަމަ، އެންމެ ދެ ބިދޭސީން ގޮވައިގެން ނަމަ 'މިކަމެއް ނުވާނެ'އެވެ.

މީގެ އިތުރުން މަސްވެރިންގެ ޝަކުވާ އަކީ، ދެ ބިދޭސީން ހިމަނައިގެން ރާއްޖޭގެ މަސްވެރިކަމަކީ ރަނގަޅު މަސްވެރިކަމަކަށް ވެއްޖެނަމަ، ދޯނިފަހަރު ދުއްވޭވަރަށް ގިނައިން ބިދޭސީންނަށް ދެވެން ވާނެއެވެ. ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ރިސޯޓު ދާއިރާގައި ބިދޭސީން ހަރަކާތްތެރިވާ އިރު، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަން ނުހުއްޓި ކުރުމަށްޓަކައި، އެހެން ހުރިހާ ދާއިރާތަކެކޭ އެއްފަދައިން މަސްވެރިކަމުގައިވެސް ބިދޭސީންނަށް ހަރަކާތްތެރި ވެވެން ވާނެ ކަމަށް މަސްވެރިން ގަބޫލު ކުރެއެވެ.

ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން، އެމީހުންނަށް މުސާރަ ދީގެން، މަސްވެރިކަމުގައި ބިދޭސީން ނުގެންގުޅެވެންވީ ކީއްވެތޯ މަސްވެރިން ސުވާލު އުފައްދައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ ފަރެސްމާތޮޑާގައި

ދެއްވަދޫ މަސްވެރިން ބޭނުން ވަނީ، މި އަހަރުގެ މަސްވެރިންގެ ދުވަހު، އެދުވަސް ފާހަގަ ކުރާ ފަރެސްމާތޮޑާއަށް ހުރިހާ މަސްވެރިން ދާށެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރާށެވެ. މަސްވެރިން ދެކޭ ގޮތުގައި، ބިދޭސިންގެ މައްސަލަ ފަދަ، މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ މެދު، މަސްވެރިންގެ ދުވަހުގެ ފޯރަމުގައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އެހެނިހެން ރައްރަށުމީހުންނަށް ޖާގަދީ ބަންގާޅީންނަށް ޖާގަދޭން ވަރެއް އެބަހުއްޓެއްނު

  2. ދޯނި ފަހަރު އިތުރު ކުރަންވާނީ އާބާދީގައި މަސްވެރިން ތިބި ނިސްބަތަށް ބަލައިގެން. ބޭރު ގައުމުތަކުގައި މީހުން ތިބިޖަމަށް ބަލައިގެން ރާއްޖޭގެ އިގްތިސާދުގެ މުހިންމު މަސައްކަތެއް ކުރެވިގެން ނުވާނެ. މިހާރު މިދާގޮތުން މަސްވެރިކަމުން 3/1 ދެބައި ހިއްސާކުރަނީ ބޭރުމީހުން. ލޭބަރ މަސައްކަތް ކުރާނެ ބަޔަކުނެތް. ނުވިތާކަށް ޓުވަރިސްޓް ވިސާގައި އެތެރެވެ ފިލައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވަނީ . ގައުމުގެ ޒުވާނަކަށް ބޯކުއްޖެކޭ މަސައްކަތެއް ނުރޭ ހުރިހާކަމެއް ކުރަނީބޭރު މީހުންނޭ އެމީހުން މާރަނގަޅޭ ބުނެ ސިނާތުން ފުރުސަތެއްނުދޭ! ހިތާމަހުރިކަމެއް ރާއްޖޭގެ މިސިނާއަތުން ގައުމަށް ލިބެންޖޭ %100 ން މިހާރު %50 ވެސް ނުލިބޭ. ހުރިހާ ފައިސާއެއް ގައުމުން ބޭރަށް. ތިޔަށްވުރެ ރަނގަޅުވާނެ ބޭރުމީހުންނަށް ދާއަޅަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިނަސް. ތިދާގޮތުންނާއި ޑިމާންޑު ކުރާގޮތުން ބުއްދި ހަމަޖެހޭ ބައެއް ކަމަށް ބަލައިގަނަށް ދަތި . އޮޑިވެރިންނާއި ބޭރުމީހުން ނަށްޓަކައި މަސްވެރިކަމުގެ ސިނާއަތް ތިގޮތަށް ބޭނުންކުރުމާއި ކަޑައެޅިގެން ދެކޮޅު. ސިނާއަތުގެ ފައިދާ ދިވެހިރައްޔިތުންނަށް އޭގެ ފުރިހަމަ ގޮތުގައި ލިބެންޖެހޭނެ ކަމަށްދެކެން.

Comments are closed.