މަސްވެރިކަމާއި ގުޅޭ

viber_image_2022-09-20_10-53-18-486

މަސް ނުކިރި ލަސްވާއިރު އައިސް ލިބުން ވެސް ދަތިވާތީ މަސްވެރިންގެ ފާޑުކިޔުން ސަރުކާރަށް

މަސް ކިރުން ލަސްވުމާއި އައިސް ލިބުން ދަތިވުމަކީ ފާއިތުވެދިޔަ ދެތިން ދުވަހުވެސް މަސްވެރިން ހުއްޓުމެއް ނެތި ކުރަމުންދާ ޝަކުވާއެކެވެ. މަސްވެރިންނަށް ދިމާވާ މި ދަތިތަކަށް ހައްލެއް ނުލިިބޭތީ، މިހާރު މަސްވެރިން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެގޮތުން، 30 މަސްވެރިންނާއެކު މަހަށްދާ، ގއ. މާމެންދޫ، "ހުށިޔާރު" ދޯނިން، އާދިއްތަ ދުވަހު ބޭނި މަސްކޮޅަކާ އެކު، އިއްޔެ 10 ޓަނު މަސް ބޭނި ނަމަވެސް އަދިވެސް އެ ދޯންޏަށް މަސް ކިރޭ ގޮތެއް ނުވެއެވެ. މަސް ކިރުން ލަސްވާތީ، އައިސް އަޅަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެ، ހުށިޔާރު ދޯނިން ވަނީ މާޔޫސްވެފައެވެ.

ދޯނީގެ މަސްވެރިން ބުނާގޮތުން ނަމަ، މަސްކޮޅު ނުކިރިގެން ދުއްވާތާ މިހާރު ތިންދުވަސް ވަނީއެވެ.

"އައިސްކޮޅެއް އެއްގޮތަކަށް ވެސް ނުލިބެނީ. ދެން އަޅުގަނޑުމެން މި އަތޮޅުތެރޭގެ އެކި ރައްރަށަށް ދުއްވަނީ. މިހާރު މިއޮތީ ގެމަނަފުށީގަ،" ދޯނީގެ މަސްވެރިއަކު ކިޔައިދިނެވެ.

ހުށިޔާރު ދޯނިން، މާމެންދޫއިން ފުރައިގެން އެހިސާބަށް ދިޔައީ 20 މޭލު ދުއްވައި، ހަ ފީފާ ތެޔޮ ހޭދަކޮށްގެން ކަމަށާއި މިރޭ އައިސް ލިބޭނެ ކަމުގެ ކުޑަ އިޝާރާތެއް ވުމުން، ގެމަނަފުށީގައި މަޑުކޮށްގެން ތިބީ ކަމަށް މަސްވެރިޔާ ބުނެއެވެ. ގެމަނަފުށިން އައިސް ނުލިބިއްޖެ ނަމަ ދެން ދޯނި ދާން ޖެހޭނީ ގައްދުއަށެވެ. އެއީ ގާތްގަނޑަކަށް 35 މޭލު ދުރެވެ.

"އެ ދިޔައީ ގާތްގަނޑަކަށް އަނެއް 10 ފީފާ. ބޭނި މަސްކޮޅަކީ 10 ޓަނު. އެ ދިޔައީ 10 ޓަނުގެ ލާރި." ހަރަދުގެ ވާހަކަ ހިއްސާ ކުރަމުން މަސްވެރިޔާ ބުންޏެވެ.

މަސް ނުކިރުނު ހިސާބުން، ހުށިޔާރު ދޯންޏަށް އައިސްވެސް ނުލިބުނެވެ. ދޯނީގެ މަސްވެރިން ކަންބޮޑުވަނީ، މަސް ނުކިރި ލަސްވާއިރު މަހަށް އަޅާނެ އައިސް ވެސް ނުލިބޭތިއެވެ.

"އެބޭފުޅުން ބުނަނީ ފުލްވީއޭ. 10 ދޯނި މަސް ކިރާއިރަށް ކޫއްޑޫ ފުލްވޭ. ފަސް ދޯނި ކިރާއިރަށް މާންދޫ ފުލުވޭ" ޝަކުވާގެ ރާގަކަށް މަސްވެރިޔާ ބުންޏެވެ.

މަސް ކިރުން ކުޑަކޮށް ލަސް ވާނަމަ، އައިސް ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖެހޭނަމަވެސް މިކަން ހައްލު ވާނެ ކަމަށް މަސްވެރިޔާ ދެކެއެވެ.

"ދެން އައިސް އަޅައިގެން އަހަރުމެން ކިރަންދެން، ދެ ދުވަސް ވިޔަސް، ތިން ދުވަސް ވިޔަސް ތިބެވިދާނެތާ އެ ތިބޭ ތަނެއްގަ. މި ތެލާ ހުރިހާ އެއްޗެއް ނުދާނެތާ، މި ވަގުތާ،" މަސްވެރިޔާ ބުންޏެވެ.

ދެ ދުވަހަކު ރަނގަޅަށް މަސް ބާނައިފިނަމަ މަސް ނުކިރޭކަމަށް މަސްވެރިން ބުނެއެވެ. އެކަމުގައި ބައެއް މަސްވެރިން ތުހުމަތުގެ އިނގިލި ދިއްކުރަނީ ސަރުކާރަށެވެ.

"މިއީ ވަރަށް ވަރުގަދަ ވައުދުތަކެއް މަސްވެރިންނަށް ވެގެން އައި ސަރުކާރެއް، މި ސަރުކާރަކީ. އެކަމަކު މި ސަރުކާރު އައި ފަހުން މަސް ކިރުމުގެ ކަންތައް ކުރިއަށްވުރެ ހާލު ބޮޑު. އަޅުގަނޑުމެން ވަރަށް އުންމީދާއެކު މިކަން މި ކުރީ. މި ސަރުކާރު ހޮވީ" ސަރުކާރަށް ފާޑުކިޔަމުން މަސްވެރިއަކު ބުންޏެވެ.

މިކަމާ ގުޅިގެން މިފްކޯއިން ބުނީ، މިހާރުވެސް މަސް އެބަ ކިރާ ކަމަށާއި، އަދި އައިސް ލިބުމުގަ ދަތިތަކެއް އެބަ އުޅޭ ކަމަށެވެ.

"ބޯޓުތައް ފުލް ވާނެ. ވާގޮތަކީ، ބޯޓަކަށް މި އެޅެނީ، ކުދި ބޯޓެއް ވެއްޖެއްޔާ 27 ވަރަކަށް ޓަނު. ދޯންޏެއްގަ އެބަހުރި 50 ވަރަކަށް ޓަނު، ބައެއް ދޯނިފަހަރުގަ. ދެން އަސްލު އެހެން ވެދާނެ، އެކަމަކު މަސް އެބަ ކިރާ ހަމަ، ކިއު ތަރުތީބުން. އެއްވެސް ދޯންޏެއް ދޫނުކޮށްލާ މަސް ކިރަމުން ދަނީ. އޭގަ ލަސްވެދާނެ. ކޮންޓްރޯލެއް ނެތް އެކަމަކު" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ، މަސް ނުކިރި އެއް ދުވަސްވެސް ދެ ދުވަސްވެސް ވެދާނެ ކަމަށާއި އެއީ ކިޔު ތަރުތީބުން ކުރިއަށް ދާތީ ކަމަށެވެ. ނަމަވެސް އަދި މިހާހިސާބަށް، މަސް ނުކިރި ލަސްވެފައި ވާނީ ގިނަވެގެން އެސް ދުވަސް ކަމަށް މިފްކޯއިން ބުންޏެވެ.

ފުލް ކެޕޭސިޓީގަ 24 ގަޑިއިރު މަސް ކިރަމުން ދާކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްވެރިންވީ ކޫއްޑޫ ކޮމްޕުލެކުސްތިބި ކަރަޕްޓްވެރިންގެ ކިބައިން ކޫއްޑޫ ސަލަާމަތްކުރާށެވ. ކޫއްޑޫއަށް އިތުރު ތަރައްގީގެންނަން މަސައްކަތް ކުރަންވީއެވެ..ދެރަކަމަކީ މަސްވެރިން ހެއްލޭކަމެވެ..މަސްވެރިންނަށް ނޭގޭހަގީގަތަކީ ކޫއްޑޫއިން މަސްވެރިން ތަފާތުކޮށް ހަލާކުވެފަހުންނަ މަސްތައް ޖެޓީއަށް ވެރިންބޭނުންވެގެން ނަގާކަމެވެ. މަސްވެރިންގެ ނޫހުންވީ މިފްކޯ ހަރުދާނާކުރުމަށް ޖާނަލިޒަމް ހިންގާށެވެ.

Comments are closed.