މަސްވެރިކަމާއި ގުޅޭ

އަސުރުމާ ދޯނިން މަޑުއްވަރިއަށް މަސް ބަހަނީ -- ފޮޓޯ/ އިހްސާން އިސްމާއީލް
އަސުރުމާ ދޯނިން މަޑުއްވަރިއަށް މަސް ބަހަނީ -- ފޮޓޯ/ އިހްސާން އިސްމާއީލް

މުލަކު ދޯންޏަކާއި ކޮޅުފުށީ ދޯންޏަކުން މަޑުއްވަރީ ރައްޔިތުންނަށް މަސް ބަހާދީފި: "މިއީ އާއްމު ކަމެއް"

މ. ކޮޅުފުށީ ދޯންޏަކާއި މ. މުލަކު ދޯންޏަކުން، އެ އަތޮޅު މަޑުއްވަރީ ރައްޔިތުންނަށް ހިލޭ ކަނޑުމަސް ބަހާދީފިއެވެ.

މަޑުއްވަރީ ރައްޔިތެއްކަމަށްވާ އިހްސާން އިސްމާއީލް ފޭސްބުކްގައި ކޮށްފައިވާ ފޯސްޓެއްގައި ބުނީ، ކޮޅުފުށީ "އަސުރުމާ"  ދޯނިން އެރަށަށް ބަހާދީފައި ވަނީ ހަތަރު ޓަނު މަސް ކަމަށެވެ.  އަދި މ. މުލަކު އަލިމަސް-2 ދޯނިން ވެސް މަޑުއްވަރީ ރައްޔިތުންނަށް މަސް ބަހާދީފައިވާކަމަށް އިހްސާން ބުނެފައިވެއެވެ.

މި ނޫހަށް މައުލޫމާތު ދެމުން އަސުރުމާ ދޯނީގެ ކެޔޮޅު އިސްމާއީލް އަބްދުﷲ ބުނީ، މިއަދު އެ ދޯންޏަށް ހަތް ޓަނު މަސް ބޭނުނު ކަމަށާއި އޭގެ ތެރެއިން މަޑުއްވަރީ ރައްޔިތުންނަށް ބަހާދިނީ 2000 ކިލޯ މަސް ކަމަށެވެ. އެއީ ކުދި މަހުގެ ދެ ޓަނެވެ.

"އަޅުގަނޑުމެން އާއްމުކޮށް ކުރާ ކަމެއް އެއީ. އިސްރާފް ކޮށްފަ އުކާލުމުގެ ބަދަލުގަ، ބޭނުން ޖެހިފަ ހުރި ކޮންމެވެސް ރަށަކަށް ފޯރުކޮށްދޭން. ދެން އަޅުގަނޑުމެން މަސްތައް ބާހާލާއިރުވެސް ބަލަނީ އެ އަތޮޅެއްގަވެސް މަސްވެރިކަން ނުކުރާ ރަށެއް. އެކަހަލަ ރަށްރަށް ބަލައިގެން އަޅުގަނޑުމެން އެކަން ކުރަނީ (މަސް ބަހަނީ)،" އިސްމާއީލް ބުންޏެވެ.

ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އަސުރުމާ ދޯންޏަކީ 18 މަސްވެރިންނާއެކު ހަރަކާތްތެރިވާ، 75 ފޫޓުގެ މަސްދޯންޏެކެވެ. އަސުރުމާ ދޯނިން މަސްވެރިކަން ކުރުމަށްފަހު، ވަކި ސައިޒަކުން ފެށިގެން ކުދި މަސް ހުރި ނަމަ ކޮންމެވެސް ރަށަކަށް ބަހާލަނީއެވެ.

"މަސްވެރިކަމެއްގަ އެއްޗެއްސަށް އައިސް އަޅައިގެން މިހެން ބެހެއްޓުމުގެ ބަދަލުގަ ހަމަ ރައްރަށަށް ބަހާލާނީ. އަޅުގަނޑުމެން އަދި އެހެން ދޯނިތައްވެސް މިތާގަ އެކަން އެބަ ކުރޭ،" އިސްމާއީލް ބުންޏެވެ.

މަސްވެރިންނަށް މަސްވެރިކަމުގައި ކުރިމަތިވާ ދަތިތަކާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރަމުން އިސްމާއީލް ބުނީ، މިއީ ޒަމާނުއްސުރެން އެކަން ހިނގާގޮތް ކަމަށެވެ. މި ސސިނާއަތުގައި ކުރިއަރަނީ މަސްވެރިންނާއި އުޅަނދު ފަހަރު ކަމަށާއި، ސިނާއަތް ކުރި ނާމާ ކަމަށް އިސްމާއީލް ބުނެއެވެ.

"ސިނާއަތް އޮތީ ގާތްގަނޑަކަށް 1993 ހިސާބުގަ، ސިނާއަތަށް އައި ކުރިއެރުމެއްގަ. އެހިސާބުގަ އަދިވެސް. މަސްވެރި އުޅަނދުފަހަރާ، މަސްވެރިން މި ސިނާއަތުގަ ކުރިއަށް މިދަނީ. 100 ފޫޓު، 110 ފޫޓުގެ ލަކްޒަރީ މަސްދޯނި ހަދައިގެން،" އިސްމާއީލް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އަހަރަކުތެރޭ އަންނަ މަސްވެރި މޫސުގެ މަހެއް ނުވަތަ ދެމަހެއްހާ ދުވަހުވެސް އުޅެން ޖެހެނީ މަސް ނުކިރި، އައިސް ނުލިބިގެން ކަމަށެވެ.

ދެ ދޯންޏަކުން މަޑުއްވަރިއަށް މަސް ބަހާދީފައިވާކަން ޔަގީންކޮށްދެމުން މަޑުއްވަރީ ކައުންސިލް މެމްބަރު އިބްރާހިމް ނިޝާމް ވިދާޅުވީ، މަޑުއްވަރިއަކީ މަސްވެރިން ތެޔޮއަޅަން ދާ ރަށެއް ކަމަށާއި، މަސް ބާނައިގެން ކިރަން ދިއުމުގެ ތެރޭގައި ރަށަށް މަސް ބަހާދޭ ކަމަށެވެ.

"އަޅުގަނޑަށް ހީވާގޮތުން އެ ބޭފުޅުން މަސް އެ ބާނަނީ ރަތްމަންދޫބޮއިން. ދެން އެ ބޮއިން ބާނައިގެން މި ކަނޑުން އަރައިގެން ދާނީ. އެހެންވީމަހެން އަޅުގަނޑަށް ހީވަނީ (އެރަށަށް ބަހާދެނީ)،" ނިޝާމް ވިދާޅުވިއެވެ.

މަޑުއްވަރިއަކީވެސް މަސްވެރި ރަށެކެވެ. އެރަށުގައި އާއްމުކޮށް ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ.

ނިޝާމް ވިދާޅުވި ގޮތުގައި މަޑުއްވަރީގައި މިވަގުތު މަސް ކައްކައެއް ނޫޅެއެވެ. އެ މަސްތައް ބޭނުން ކުރާނީ މީހުން ކެއުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ މަސްދޯނިފަހަރުން ދޭތެރެ ދޭތެރެއިން ކުރާ ކަމެއް ކަމަށް ނިޝާމްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔައީ އިހުޒަމާނުއްސުރެ ކުރަމުން އަންނަ ހެޔޮއަމަލެއް!!!
    ސަރުކާރު ތައް ކިތަންމެ ރަގަޅަށް މެނޭޖު ކުރިޔަސް ރާއްޖޭގައި މަސްނުވިކިގެން އުޅެން ނުޖެހޭނެ ދުވަސްތަކެއް ނާންނަ ގޮތަކައް އެކަމެއް ކުރޭވޭނެ!!! މަސްބާނާނެ ކަމަށް ނުކަތާވަރުގެ ކެޕޭސިޓީއެއްވެސް ނުއުފެއްދޭނެ!!! އެކަންވަނީ އަޅުގަނޑަށް ވަރަށް ރަގަޅަށް ތަޖުރިބާ ކުރެވިފައި!!!

Comments are closed.