މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މެދުރާއްޖެތެރޭގެ ކަނޑުމަހުގެ މަސްވެރިން މާދަމާ މުޒާހަރާއަށް ނުކުންނަން ތައްޔާރުވާން ފަށައިފިއެވެ.
މުޒާހަރާ ރޭވުމަށް އިސްކޮށް ހަރަކާތްތެރިވި މަސްވެރިއަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މަސްވެރިންނަށް ކުރިމަތިވާ ދަތިއުނދަގޫތައް އިންތިހާއަށް އިތުރުވެއްޖެ ކަމަށާއި އެހެންކަމުން އެކަންކަމަށް ހައްލެއް ހޯދުމަށް މުޒާހަރާއަށް ނުކުންނަނީ ކަމަށެވެ.
މުޒާހަރާ ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ލ. މާންދޫ ބަނދަރުގައެވެ.
"މަހެއްވެގެން ދާއިރުވެސް މަސްކިރި ލާރިކޮޅެއް ނުލިބޭ. ދެން ރޭގަނޑު 10 ގެ ފަހުން މަހެއް ނުކިރޭ. 10 ގެ ފަހަކުން އައިސްއެއް ނުލިބޭ. ދެން މިކަހަލަ ކަންތައްތައް ހުރީ،" މަސްވެރިންނަށް ދިމާވާ ދަތިތައް ހިއްސާކުރަމުން މަސްވެރިޔާ ބުންޏެވެ.
އެންމެ ބޮޑު ދައްޗަކަށް މަސްވެރިޔާ ފާހަގަ ކުރީ، މަސްކިރާފައި ފައިސާކޮޅު ލިބުން ލަސްވުމެވެ. މިފަދަ ކަންކަން ހިނގާތާ އެތައް ދުވަހެއްވީ ނަމަވެސް އެ ކަންކަމަށް ހައްލެއް ނުލިބޭކަން މަސްވެރިޔާ ފާހަގަ ކުރިއެވެ.
"އެކަންތައްތައް ރަނގަޅުކުރަން މުޒާހަރާ ކުރަނީ. ދެން އެތާގެ ބަނދަރުގެ ޖާގައިގެ ދަތިކަމާ، މިކަހަލަ ކަންތައްތައް ހުރީ. ތެޔޮ ލިބުން ދަތިވުމާ، ތެލުގެ އަގު ބޮޑުވުމާ،" ދަތިތަކުގެ ލިސްޓެއް ކިޔައިދެމުން މަސްވެރިޔާ ބުންޏެވެ.
މަސްވެރިޔާ ބުނިގޮތުގައި، މުޒާހަރާ ކުރަނީ ތ އަތޮޅާ ލ އަތޮޅު މަސްވެރިން އެކުވެގެންނެވެ. ސަބަބަކީ މެދުރާއްޖެތެރޭގައި ކަނޑުމަސް ކިރަން ހުންނަނީ މާންދޫގެ ބޮޑު ފެކްޓްރީއަކަށް ވެފައި، މަހުގެ އަގު ދަށްކުރުމާއި، ގިނައިން މަސް ބާނަން ފެށުމުން އަގު މަތި ނުކުރުން ފަދަ ކަންތައްތައް ކުރިމަތިވާތީއެވެ.