މަސްވެރިކަމާއި ގުޅޭ

ޤާސިމްއަތުން މާންދޫ ނެގުމަށް ގޮވާލާ މަސްވެރިން މުޒާހަރާ ކުރަނީ -- ފޮޓޯ/ ކިޔުންތެރިއެއް
ޤާސިމްއަތުން މާންދޫ ނެގުމަށް ގޮވާލާ މަސްވެރިން މުޒާހަރާ ކުރަނީ -- ފޮޓޯ/ ކިޔުންތެރިއެއް

މާންދޫއާމެދު ހިތްހަމަ ނުޖެހި، ޤާސިމް އަތުން މާންދޫ ނެގުމަށް ގޮވާލާ މަސްވެރިން މުޒާހަރާ ފަށައިފި

މާންދޫއާމެދު ހިތްހަމަ ނުޖެހި، ޤާސިމް އިބްރާހިމް އަތުން މާންދޫ ނެގުމަށް ގޮވާލާ މަސްވެރިން މުޒާހަރާ ފަށައިފިއެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްކޮމްޕްލެކްސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ކުންފުންޏެކެވެ.

މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މެދުރާއްޖެތެރޭގެ ކަނޑުމަހުގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ މިއަދު ހެނދުނު 8:30 ގައި ލ. މާންދޫ ބަނދަރުގައެވެ.

މުޒާހަރާ ރޭވުމަށް އިސްކޮށް ހަރަކާތްތެރިވި މަސްވެރިއަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މަސްވެރިންނަށް ކުރިމަތިވާ ދަތިއުނދަގޫތައް އިންތިހާއަށް އިތުރުވެއްޖެ ކަމަށާއި އެހެންކަމުން އެކަންކަމަށް ހައްލެއް ހޯދުމަށް މުޒާހަރާއަށް ނުކުތީ ކަމަށެވެ.

"މަހެއްވެގެން ދާއިރުވެސް މަސްކިރި ލާރިކޮޅެއް ނުލިބޭ. ދެން ރޭގަނޑު 10 ގެ ފަހުން މަހެއް ނުކިރޭ. 10 ގެ ފަހަކުން އައިސްއެއް ނުލިބޭ. ދެން މިކަހަލަ ކަންތައްތައް ހުރީ،" މަސްވެރިންނަށް ދިމާވާ ދަތިތައް ހިއްސާކުރަމުން މަސްވެރިޔާ ބުންޏެވެ.

އެންމެ ބޮޑު ދައްޗަކަށް މަސްވެރިޔާ ފާހަގަ ކުރީ، މަސްކިރާފައި ފައިސާކޮޅު ލިބުން ލަސްވުމެވެ. މިފަދަ ކަންކަން ހިނގާތާ އެތައް ދުވަހެއްވީ ނަމަވެސް އެ ކަންކަމަށް ހައްލެއް ނުލިބޭކަން މަސްވެރިޔާ ފާހަގަ ކުރިއެވެ.

"އެކަންތައްތައް ރަނގަޅުކުރަން މުޒާހަރާ ކުރަނީ. ދެން އެތާގެ ބަނދަރުގެ ޖާގައިގެ ދަތިކަމާ، މިކަހަލަ ކަންތައްތައް ހުރީ. ތެޔޮ ލިބުން ދަތިވުމާ، ތެލުގެ އަގު ބޮޑުވުމާ،" ދަތިތަކުގެ ލިސްޓެއް ކިޔައިދެމުން މަސްވެރިޔާ ބުންޏެވެ.

މަސްވެރިޔާ ބުނިގޮތުގައި، މުޒާހަރާ ކުރަނީ ތ އަތޮޅާ ލ އަތޮޅު މަސްވެރިން އެކުވެގެންނެވެ. ސަބަބަކީ މެދުރާއްޖެތެރޭގައި ކަނޑުމަސް ކިރަން ހުންނަނީ މާންދޫގެ ބޮޑު ފެކްޓްރީއަކަށް ވެފައި، މަހުގެ އަގު ދަށްކުރުމާއި، ގިނައިން މަސް ބާނަން ފެށުމުން އަގު މަތި ނުކުރުން ފަދަ ކަންތައްތައް ކުރިމަތިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެންމެ މަހަކުއޯ ތިޔަ ލާރި ނުލިބުނީ މިހާރު އެވެސް ހަމަ ޖެހިއްގެ ތޯއްޗެއް. ދެން މިފްކޯއާ ދެކޮޅަށް ނިކުމެބަލަ، އެއް ބިލިއަންގެ ގެއްލުން ވީ ހިސާބުން ތިހުރިހާ ކަމެއ ތިފެށެނީ

Comments are closed.