މަސްވެރިކަމާއި ގުޅޭ

ކުޑަހުވަދޫ ފަހި ދޯނި މަސްވެރިން
ކުޑަހުވަދޫ ފަހި ދޯނި މަސްވެރިން

މަސްވެރިންގެ ދުވަސް: މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވިފައެއް ނެތް

މި އަހަރުގެ މަސްވެރިންގެ ދުވަހާ ބައްދަލު ކުރާއިރު، މަސްވެރިންނާއި މަސްވެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުގައި، މަސްވެރިންނަށް ކޮށްދޭންޖެހޭ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންތައްތަކާމެދު ވިސްނާލަން ޖެހެއެވެ. އޭގެ ތެރެއިން ކުރެވިފައިވާ ކަންތައްތަކާއި، ނުކުރެވިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ.

އެގޮތުން ފާހަގަ ކުރެވޭ އެއް ކަމަކީ، މަސްވެރިންގެ ދަފްތަރެވެ،

މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް، ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލާޒިމު ކުރެއެވެ. ނަމަވެސް މިހާތަނަށްވެސް އެ ދަފްތަރު އެކުލަވާލެވިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 9ވަނަ މާއްދާގައި މަސްވެރިކަމާގުޅޭ ދަފްތަރެއް އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީއަށް ލާޒިމްކުރެއެވެ. އެ މާއްދާގެ:

ހ. ގައި ބުނަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިންނާ، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑި ދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއިން އެ ދަފްތަރު ލިޔެ ބަލަހައްޓަން ވާނެކަމަށެވެ.

ށ. ގައި ބުނަނީ މި މާއްދާގައި ބަޔާންކުރާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ލޯކަލް ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީއަށް ހޯދިދާނެކަމަށެވެ. އަދި

ނ. ގައި ބުނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 100 (ސަތޭކަ) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކުރާ ދަފްތަރު މިނިސްޓްރީން އެކުލަވާލަން ވާނެކަމަށެވެ.

އޭގެ ފަހުން، 30 އޯގަސްޓް 2020 ގައި އާއްމުކުރި " ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު" ބާބު 11 ގައި ބަޔާންކޮށްފައިވާ ގޮތުގައި،  ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ހިމެނޭ މަސްވެރިންގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލައި، އެ ދަފްތަރު އަދާހަމަކޮށް ބަލަހައްޓަން ވާނެއެވެ.

އަދި ދަފުތަރު އެކުލަވާލުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ރަޖިސްޓްރީވާން ވާނެ ކަމަށް އެ ބާބުގައި ވެއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށް ބަލާނީ، މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައި، މަސްވެރިކަން ކޮށްގެން ހޯދާ ފަރާތްތަކަށް ވާނަމައެވެ.

މިގޮތުން، މަހެއްގެ މައްޗަށް އެ ފަރާތަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާން ޖެހޭނެ ކަމަށް އެ ބާބުގައި ބުނެއެވެ.

މަސްވެރިކަމުގެ ގާނޫގާއި ގަވާއިދުގައި މިފަދައިން އޮތް ނަމަވެސް، މިއަދާ ހަމައަށްވެސް މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ކޮބާތަ ކޮންމެފަހަރު ލައިސަންް އާކުރާއިރު ނަގާ ފަޅުވެރިން ލިސްޓް؟

    1. އެއީ އޮޑިވެރިންނާ ކެޔޮޅުން ބޭނުން ނަމެއްޖަހައިގެން ހަދާ އެއްޗެއް. ފަޅުވެރިންނަކަށް އެއްވެސް ކަމެއްނެތް.

  2. އެއީ އޮޑިވެރިންނާ ކެޔޮޅުން ބޭނުން ނަމެއްޖަހައިގެން ހަދާ އެއްޗެއް. ފަޅުވެރިންނަކަށް އެއްވެސް ކަމެއްނެތް.

Comments are closed.