މަސްވެރިކަމާއި ގުޅޭ

big_T7I1mfT8YrpNC0wef9COsDAYp

މަސް ދޯނިތަކަށް އިންޑިޔާ ސިފައިން އެރީ ރާއްޖޭގެ ސަރަހައްދުގައި ތިއްބާކަން ހެކިތަކުން އެނގޭ: މިނިސްޓަރު

ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިޔާ ސިފައިން އެރީ، އެ ދޯތިތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިއްބާކަން ހެކިތަކުން އެނގޭ ކަމަސް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް ބޭރުގެ ސިފައިން އަރާފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އިންޑިޔާ ސިފައިން އަރާފައި ވަނީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" އަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، 31 ޖެނުއަރީގައި އިންޑިޔާ ސިފައިން ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރާފައި ވަނީ ހއ. ކެލާގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ "މާހޯރަ-3″ ދޯނި އިހަވަންދޫއަށް ދަތުރު ކުރަމުން ދަނިކޮށް، މޮޅަދޫގެ 20 ނޯޓިކަލް މޭލު މޭރުން އިންޑިޔާގެ ކޯސްޓްގާޑުގެ ބޯޑިން ޓީމަކުން މާހޯރަ ދޯނި ހުއްޓުވައި އެ ދޯންޏަށް އެރީވެސް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރި ވަމުން ދަނިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މައުލޫމާތު އަޅުގަނޑުމެންނަށް ކަށަވަރު ކުރެވިފަ އެބަހުރި ރަސްމީ މަސްދަރުތަކުން. އެއީ އިންޑިޔާގަ އަޅުގަނޑުމެންގެ ޑިފެންސް އެޑްވައިޒަރެއް، ބްރިގޭޑިއަލް ޖެނެރަލެއް ހުންނަވާ. އަދި ދިވެހިރާއްޖޭގަ އިންޑިޔާގެ ޑިފެންސް އެޑްވައިޒަރެއްވެސް ހުންނަވާ. އަދި އިންޑިޔާގެ ނޭވީ ފިއުޝަން ސެންޓަރގައި ދިވެހި ރާއްޖޭގެ ކޯސްޓްގާޑްގެ ލިއޭޒޯން އޮފިސަރެއް ހުރޭ. އަދި އޭގެ އިތުރުން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މި މައުލޫމާތު ވާނީ، މާލޭގަ ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ކަށަވަރު ކޮށްފަ" މިނިސްޓަރު ވިދާޅުވިއެވެ.

މަސް ދޯނިތައް ރާއްޖެއިން ބޭރުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރި ވަނިކޮށް އިންޑިޔާ ސިފައިން ފެނިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ވާހަކަ މިނިސްޓަރު ދޮގު ކުރައްވައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދޯނިފަހަރުގައި ހަރުކޮށްފައިވާ ޓްރެކިންގް ޑިވައިސް ތަކުން ދައްކާ ގޮތުން ނަމަ، އިންޑިޔާ ސިފައިން އެރުމުގެ ކުރިންވެސް ދިވެހި މަސްދޯނިތައް ތިބީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ.

" އެ ދޯނިތައް، އެ ހާދިސާ ހިނގި އިރުވެސް އޭގެ ކުރީ ވަގުތުތަކުގަވެސް ހަރަކާތްތެރި ވެފަ ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ އެތެރޭގަ. އެތަނުން ބޭރުގަ ތިއްބާ އެތެރެއަށް ގެނެއްސަ ބޯޑު ކުރީކީ ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިންޑިޔާ ސިފައިން ދިވެހި މަސްދޯނިތަކަށް އަރާފައި ވަނީ 'މިސްކޮމިއުނިކޭޝަން' އަކުން ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށެވެ.

އިންޑިޔާ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަށް އެރީ، އެ ދޯނިތަކުން ސެޓެލައިޓް ފޯނު ބޭނުންކުރާތީކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އިންޑިޔާގެ ކަނޑުގެ ސަރަހައްދުގައި ސެޓެލައިތް ފޯނު ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ވީ ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެޓަލައިޓް ފޯނު ބޭނުން ކުރުން ހުއްދަވާނެ ކަމަށެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!