ދިވެހިރާއްޖެއިން ބާނާ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމަށްޓަކައި، ތިން ރަށެއްގައި މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރަން ޗައިނާ ކުންފުންޏަކާ ހަވާކު ކޮށްފިއެވެ.
މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ދ. މާދެލި، ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައެވެ.
ޕްރޮސެސިންގ ޕްލާންޓް ގާއިމްކުރުމަށް ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް ކޮމްޕެނީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އެކު ފަހުމުނާމާގައި ސޮއި ކޮށްފައި ވަނީ މިއަދުއެވެ.
މި ފަހުމުނާމައިގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވޭ މަސް ބަންދުކުރާ ކާރުހާނާތައް ގާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ، މިވެވުނު އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި މަސް ޕްރޮސެސްކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިވަގުތު ދިވެހިރާއްޖޭގައި ޕްރޮސެސްކުރާ އޮޕަރޭޝަން ހުރިގޮތުން ޕްރޮސެސްކުރެވެނީ، ފެލިވަރުގައި 40 ޓަނު، ހޮރައިޒަންގައި 50 ޓަނު އަދި އެންސިސް ގައި 20 ޓަނެވެ.
މިގޮތުން، ދިވެހިރާއްޖެއިން ބާނާ 128،000 ޓަނުގެ ތެރެއިން ޕްރޮސެސް މިކުރެވެނީ ގާތްގަޑަކަށް 34 ހާސް ޓަނު މަހެވެ.
ދިވެހިރާއްޖެއިން ފާއިތުވި އަހަރު 63 ހާސް ޓަނުގެ ރޯމަސް ގަނޑުކޮށްގެން އެކްސްޕޯރޓްކޮށްފައިވެއެވެ. އެއީ މިހާރުގެ އަގުތަކަށް ބަލާއިރު 91 މިލިއަން ޑޮލަރެވެ.
ނަމަވެސް ދިވެހިރާއްޖޭގައި އެމަސް ޕްރޮސެސްކުރާނަމަ 174 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަދު ހަވާލުކުރެވުނު ޕްރޮސެސިންގް ޕްލާންޓްގެ ތެރެއިން، މާދެލީގައި މަސައްކަތް ރޭވިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މަސްވެރި އުޅަނދުފަހަރާއި މަސްކިރާ އުޅަނދުފަހަރާއި މަސް ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ކެރިއަރ ބޯޓު ގާތްކުރެވޭ ގޮތަށް ބަނދަރު ހެދުމާއި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި އަދި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ފިޔަވަހީގައި ދުވާލަކު 50 ޓަނު ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ހަމަޖެހިފައި ވެއެވެ. ފިޝަރީޒް މިނިސްޓަރީން ލަފާކުރާ ގޮތުގައި މިޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.
ގދ. ފިޔޯރީގައި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއަކާއި، ފިޝްމީލް ޕްލާންޓަކާއި އަދި ރިހާކުރު ފެކްޓަރީއެއް ގާއިމު ކުރެވިގެން ދާނެއެވެ.
މި މަޝްރޫއުއއަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
އޭގެ އިތުރުން ފެލިވަރުގައި ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ނިންމާފައި ވާއިރު، ލަފާކުރެވޭ ގޮތުގައި މިޕްރޮޖެކްޓަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްތައް ނިމުމުން ދިވެހިރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގައާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން، އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.